Advertisement

ވެން ޑަ ބީކް ޔުނައިޓެޑް ދޫކޮށްލަން ލަފާދީފި

30 އޮގަސްޓު 2021 - 08:29 0

ޔުނައިޓެޑްގެ ޕްރީ ސީޒަން މެޗެއްގެ ތެރެއިން ވެން ޑަ ބީކް.


ވެން ޑަ ބީކް ޔުނައިޓެޑް ދޫކޮށްލަން ލަފާދީފި

30 އޮގަސްޓު 2021 - 08:29 0

އަމްސްޓެޑަމް (އޮގަސްޓް 30) - އަންނަ މަހު ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ނެގި ނެދަލެންޑްސްގެ ސްކޮޑުން ބާކީވި މިޑްފީލްޑަރު ޑޯނީ ވެން ޑަ ބީކް އަލުން ޓީމުން ޖާގަ ބޭނުންނަމަ އޭނާ މިހާރު ކުޅެމުން އަންނަ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަންޖެހޭ ކަމަށް ލަފާދީފި އެވެ.

މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ޔުނައިޓެޑް ކުޅުނު ތިން މެޗުގައި ވެސް އުމުރުން 24 އަހަރުގެ ވެން ޑަ ބީކަށް ފުރުސަތު ނުދެ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ނެދަލެންޑްސް ކުޅޭ މެޗުތަކަށް ވެން ޑަ ބީކް ނުނެގުމާ ބެހޭގޮތުން ނެދަލެންޑްސްގެ ކޯޗު ލުއީ ވެން ހާލް ވަނީ އެ ގައުމުގެ މީޑިއާ އަށް އިންޓަވިއުއެއް ދީފަ އެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވެހުރި ކޯޗު ވެން ހާލް ބުނީ ވެން ޑަ ބީކް ސްކޮޑަށް ނުނެގި ސަބަބާ ބެހޭގޮތުން އެނާއާ 45 މިނިޓް ވަންދެން ފޯނުން ވާހަކަ ދެއްކި ކަމަށެވެ. އަދި ވެން ޑަ ބީކް ސްކޮޑަށް ނުނެގީ ކްލަބް ލެވަލްގައި މެޗު ނުކުޅޭތީ ކަމަށް ވެން ހާލް ވަނީ ބުނެފަ އެވެ.

"އަހަރެން ވާހަކައެއް ނުދައްކާނަން އަހަރެންގެ ކުޅުންތެރިން ކުޅޭ ކްލަބްތަކުގައި ތިބި ކޯޗުންނާ. އެކަމަކު، އަހަންނަށް ކުރެވޭނެ ކަމެއް އެއީ އަހަރެންގެ ކުޅުންތެރިންނަށް ކަންކަމުގައި ލަފާދިނުމަކީ. ވެން ޑަ ބީކާއި އަހަރެން ދެއްކި ވާހަކަ އަކީ އަހަރެމެން ދެމެދުގައި އޮންނާނެ ސިއްރެއް،" ތިން ވަަނަ ފަހަރަށް ނެދަލެންޑްސްގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި ވެން ހާލް ބުންޏެވެ.

ނެދަލެންޑްސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ވެން ހާލް ވަނީ ޔުނައިޓެޑް ދޫކޮށްލަން ވެން ޑަ ބީކަށް ލަފާދީފަ އެވެ. އެއީ ކުޅުމުގެ ފުރުސަތު ގިނައިން ލިބޭ ޓީމަކަށް ކުޅުމަށެވެ.

މިދިޔަ އަހަރު ނެދަލެންޑްސްގެ ޗެމްޕިއަން އަޔަކްސް ދޫކޮށް ޖުމްލަ 53 މިލިއަން ޑޮލަރަށް ޔުނައިޓެޑަށް ބަދަލުވި ވެން ޑަ ބީކަށް އެ ކްލަބްގައި ގަވާއިދުން ކުޅުމުގެ ފުރުސަތު ނުލިބެ އެވެ. މިދިޔަ ޖޫން މަހު ފެށި ޔޫރޯ ފުޓްބޯޅަ މުބާރާތާ ގާތްވެފައިވަނިކޮށް ލިބުނު އަނިޔާއެއްގެ ސަބަބުން ވެން ޑަ ބީކަށް ޔޫރޯ ސްކޮޑުން ވެސް ފުރުސަތު ގެއްލުނެވެ.

އަންނަ މަހު ކުޅޭ ކޮލިފައިން މެޗުތަކަށް ނެގި ނެދަލެންޑްސް ސްކޮޑުން ވެން ހާލް ވަނީ ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކަށް ފުރުސަތު ދީފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއިން ރަނގަޅުވެ، މި ސީޒަނުގައި ވެން ޑައިކް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ވެން ޑައިކަށް ނެދަލެންޑްސްގެ ކެޕްޓަންކަން ދިނުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ވެން ހާލް ވަނީ ބުނެފަ އެވެ.

ކޮލިފައިންގައި ކުރިއަށް އޮތް މެޗުތަކުގައި ނެދަލެންޑްސް ނުކުންނާނީ ނޯވޭ، މޮންޓަނެގްރޯ އަދި ތުރުކީއާ ދެކޮޅަށެވެ.