Advertisement

ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޖޯޖީނިއޯ އަށް

27 އޮގަސްޓު 2021 - 00:33 0

ޔޫރޯ ފައިނަލް މެޗަށް ފަހު ޖޯޖީނިއޯ.-- ފޮޓޯ: އޭއެފްޕީ


ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޖޯޖީނިއޯ އަށް

27 އޮގަސްޓު 2021 - 00:33 0

އިސްތަންބޫލް، ތުރުކީ (އޮގަސްޓް 26) - ޔުއެފާ އިން ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ޗެލްސީ އަށް ކުޅޭ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ އަށް ލިބިއްޖެ އެވެ.

އުމުރުން 29 އަހަރުގެ ޖޯޖީނިއޯ އަށް މި އެވޯޑް ލިބުނީ ޗެލްސީއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އިތުރުން އިޓަލީއާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލުމުންނެވެ. މި އެވޯޑަށް ޖޯޖީނިއޯއާ ވާދަކުރީ ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އާއި ސިޓީގެ ބެލްޖިއަމް ތަރި ކެވިން ޑިބްރޭނާ އެވެ.

ވޯޓިންގެ ނަތީޖާ އަށް ބަލާއިރު ޖޯޖީނިއޯ ކުރިހޯދީ އަށް ވޯޓުގެ ފަރަގުންނެވެ. ކުރިން ނަޕޯލީ އަށް ކުޅުނު ޖޯޖީނިއޯ އަށް ވަނީ 175 ޕޮއިންޓް ލިބިފަ އެވެ. ޑި ބްރޭނާ އަށް 167 ޕޮއިންޓް ލިބުނުއިރު، ތިން ވަނަ އަށް ދިޔަ ކާންޓޭ އަށް ލިބުނީ 160 ޕޮއިންޓެވެ.

މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވޯޓުލީ ޔޫރޯގައި ވާދަކުރި 24 ޓީމުގެ ކޯޗުންނާއި މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ޓީމުތަކުން 80 ކޯޗުންނާއި ޔުއެފާގެ ކޮންމެ މެމްބަރު ގައުމަކުން ނޫސްވެރިއެއްގެ ގޮތުގައި އެކަކެވެ. މެމްބަރު ގައުމުތަކުން 55 ނޫސްވެރިން ވޯޓުގައި ބައިވެރިވެ އެވެ.

މި ސީޒަނުގެ މެޗެއްގެ ތެރެއިން ޖޯޖީނިއޯ.


ވީޑިއޯ މެސެޖެއް މެދުވެރިކޮށް ޖޯޖީނިއޯ ބުނީ މި ކާމިޔާބީ ހޯދަން އެހީތެރިވި އެންމެނަށް ޝުކުރު އަދާކުރާ ކަމަށެވެ. އޭނާ ބުނީ ކެރިއަރުގައި ވަރަށް އުނދަގޫ ކަންތައްތަކަކާ ކުރިމަތިލުމަށް ފަހު މި ހިސާބަށް އާދެވުމުން އުފާކުރާ ކަމަށެވެ.

ޔުއެފާ އެވޯޑްސްގެ އެހެން އެވޯޑްތަކަށް ބަލާއިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެލްސީގެ ތޯމަސް ޓުޗެލް އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް އެ ޓީމުގެ އެޑޮއާޑް މެންޑީ އެވެ. ހޮވުނުއިރު އެންމެ މޮޅު މިޑްފީލްޑަރަކީ ހަމަ އެ ޓީމުގެ ކާންޓޭ އެވެ. އެންމެ މޮޅު ފޯވާޑަކީ ޑޯޓްމަންޑްގެ އާލިން ބްރައުޓް ހާލަންޑް އެވެ. އަދި އެންމެ މޮޅު ޑިފެންޑަރުގެ އެވޯޑް ހޯދީ ސިޓީގެ ޕޯޗުގީސް ތަރި ރުބެން ޑިއާޒް އެވެ.

ޔުއެފާ ރައީސް އަލެކްސަންޑަ ޗެފެރިންގެ ހާއްސަ ޝަރަފްވެރި އެވޯޑް ދިނީ މި ފަހަރުގެ ޔޫރޯގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި ދަނޑުމައްޗަށް ހިތްހުއްޓިގެން ވެއްޓުނު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ފުރާނަ ސަލާމަތްކުރަން އެހީވި ޑެންމާކްގެ ކެޕްޓަން ސިމޯން ކިއޭ އާއި މެޑިކަލް ޓީމަށެވެ.

ޔުއެފާގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކީ ބާސެލޯނާގެ އަލެކްސިއާ ޕުޓޭލިއާސް އެވެ. އެންމެ މޮޅު ޑިފެންޑަރުގެ އެވޯޑް ފިޔަވާ ދެން ހުރިހާ މަގާމަކަށް ހޮވުނީ ބާސެލޯނާ ކުޅުންތެރިންނެވެ. އޭގެ އިތުރުން އެންމެ މޮޅު ކޯޗަކީ ބާސެލޯނާގެ ލުއިސް ހޯޓޭޒް އެވެ.