Advertisement

ޑޮލަރު މައްސަލަ ހައްލުކުރަން އެމްއެމްއޭ އިން ބޭންކުތަކާ މަޝްވަރާކޮށްފި

24 އޮގަސްޓު 2021 - 17:40 2

އަމަން ހަލީމް

އަމަން ހަލީމް

އެމްއެމްއޭއިން ބޭންކުތަކާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވާހަކަދައްކަވަނީ: މި ބައްދަލުވުމުގައި ރާއްޖޭގައި އޮޕަރޭޓްކުރާ ހުރިހާ ބޭންކަކުން ބައިވެރިވި. -- ފޮޓޯ: އެމްއެމްއޭ


ޑޮލަރު މައްސަލަ ހައްލުކުރަން އެމްއެމްއޭ އިން ބޭންކުތަކާ މަޝްވަރާކޮށްފި

24 އޮގަސްޓު 2021 - 17:40 2

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށާއި ބޭރު ފައިސާއާ ގުޅިގެން މާލީ ނިޒާމަށް ގެންނަ އިސްލާހުތަކާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރާއްޖޭގައި އޮޕަރޭޓްކުރާ ބޭންކުތަކާ މިއަދު މަޝްވަރާކޮށްފި އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ޗެއާކުރެއްވި އެ ބައްދަލުވުމުގައި ބައިވެރިވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހޮންކޮން ޝަންހާއީ ބޭންކިން ކޯޕަރޭޝަން (އެޗްއެސްބީސީ)، މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)، ބޭންކް އޮފް ސިލޯން (ބީއޯސީ) އަދި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އެވެ.

ފޮރިން އެކްސްޗޭންޖާ ގުޅިގެން އެމްއެމްއޭއިން ހުށަހަޅާފައިވާ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމާއި ނުއަގުގައި ޑޮލަރު ވިއްކާ މައްސަލަތަކުގެ އިސްލާހުތަކުގެ ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އެ އިސްލާހުތަކަށް ކަމާބެހޭ އިދާރާތަކުގެ ރުހުން ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

މިހާރު އެމްއެމްއޭއިން ކުރަމުންދަނީ މި ބަދަލުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނެ ފަރާތްތައް ކަމަށްވާ ބޭންކުތަކާއި، ވިޔަފާރިވެރިން މިކަމުގައި ދެކޭ ގޮތް ދެނެގަތުމުމުގެ މަސައްކަތެވެ. އޭގެ ފަހުން އާންމުންގެ ހިޔާލު ވެސް ހޯދާނެ އެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލައަކީ ހައްލުނުވެ އަހަރުތަކަކަށް ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ. ރަސްމީ އެކްސްޗޭންޖް ރޭޓަކީ 15.42ރ. ވިޔަސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުޅެނީ 17ރ. އާއި 19ރ. އާ ދޭތެރޭގެ އަގުތަކުގަ އެވެ.

މި މައްސަލައިގައި އެމްއެމްއޭއަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވާ އެއް ސަބަބަކީ، އެ އިދާރާގެ ހުއްދަ ލިބިގެން ހިންގާ މަނީ އެކްސްޗޭންޖުތަކުން ވެސް މިކަމުގައި ބައިވެރިވާތީ އެވެ. އަދި ފާޅުކަން ބޮޑުކޮށް މިކަން ކުރަމުންދާއިރު، މިހާތަނަށް އެމްއެމްއޭއަށް މިކަން ހުއްޓުވަން އެކަށީގެންވާ ވަރުގެ ފިޔަވަޅުތަކެއް އެޅިފައި ނުވާތީ އެވެ.