24 އޮގަސްޓު 2021 - 12:06 1
ފަޒީނާ އަހުމަދު
މާލޭ އިންޑަސްޓްރިއަލް ސަރަހައްދު: ބްރިޖުގެ މަސައްކަތަށް މި ސަރަހައްދު ހުސްކުރަން ވަނީ އަންގާފައި.
24 އޮގަސްޓު 2021 - 12:06 1
މި ވެރިކަމުގައި ކުރިއަށް ގެންދަން ރާވާފައިވާ އުމްރާނީ ތަރައްގީގެ ބިޔަ އެއް މަޝްރޫއު, މާލެ ސަރަހައްދު ގުޅާލާ ބްރިޖް މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ހަވާލުކުރާނެ ކަަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
އަކްރަމް "އަދަދު"އަށް މިއަދު ކަށަވަރުކޮށްދެއްވި ގޮތުގައި، އެ މަޝްރޫއުގައި ސޮއިކުރަނީ ކުރިން ވެސް މި ނޫހުން ރިޕޯޓްކުރި އެފްކޮން ކުންފުންޏާ އެކުގަ އެވެ. އެކަމަކު ރަސްމީކޮށް އޭރު އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.
އެފްކޮންއަކީ އައްޑޫގެ މަގުތައް ހެދުމާއި ފެން ހިންދުމުގެ ނިޒާމު ގާއިމްކުރަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ.
ބްރިޖް މަޝްރޫއުގައި، މާލޭން ގުޅީފަޅަށް 67 ކިލޯމީޓަރު ބްރިޖް އަދި ކޯޒްވޭއެއް ގާއިމްކުރަން އޮތީ ނިންމައިފަ އެވެ.
މި މަސައްކަތަށް ފިނޭންސް މިނިސްޓްރީން ހުޅުވާލާފައިވާ ބީލަމުގައި ބައިވެރިވުމަށް އެގްޒިމް ބޭންކުން ޕްރީކޮލިފައިކުރީ ހަތަރު ކުންފުންޏެވެ.
މި ހަތަރު ކުންފުންޏަކީ ވެސް މިފަދަ މަޝްރޫއުތަކުގެ މަސައްކަތުގެ ތަޖުރިބާ އާއި، މަޝްރޫއުއަށް ބޭނުންވާ ޓެކްނިކަލް މާހިރުކަމާއި ގާބިލިއްޔަތު، އަދި މާލީ ތަނަވަސްކަން ލިބިފައިވާ ކުންފުނިތަކެއްގެ ޔަގީންކަން ވަނީ ދީފަ އެވެ.
އެފްކޮން ކުންފުންޏާ ބްރިޖް މަޝްރޫއު ހަވާކުރަން ނިންމީ އެނގިފައިވާ ގޮތުގައި، މި މަޝްރޫއުގައި ވާދަކުރި އިންޑިއާގެ އަނެއް ދެ ކުންފުންޏާ ވާދަކޮށެވެ. އެއީ، އަޝޯކާ ބިލްޑްކޮން އާއި ލާސެން އެންޑް ޓުއަބްރޯ ލިމިޑެޓާ އެވެ.
އެގްޒިމް ބޭންކުގެ ލޯނާ އެކު މި ބްރިޖަށް ދެން ފަންޑުކުރާނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ދީފައިވާ 100 މިލިއަން ޑޮލަރާއި ދިވެހި ދައުލަތުގެ ފައިސާއިންނެވެ. ސަރުކާރުން ކުރިން ބުނެފައި ވަނީ ތިލަފުށްޓާއި މާލެ ގުޅާލާ ބްރިޖްގެ މަޝްރޫއު އަށް 500 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މި އަހަރަށް ކަނޑައެޅި ބަޖެޓުގައި މި ބްރިޖަށް 411 މިލިއަން ހިމަނާފައިވެ އެވެ.
އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޝަޕޫރުޖީ ޕައްލޮންޖީ ކުންފުނިން މެޖޯރިޓީ ހިއްސާ ގަނެފައިވާ އެފްކޮން އިން ވަނީ އިންޑިއާގައި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ނިންމައިފަ އެވެ.
އިންޑިއާގެ ޓާޓާ ކުންފުންޏާ ވެސް ގުޅުން އޮންނަ އެފްކޮންގެ މަޝްރޫއުތަކުގެ ތެރޭގައި، ގަބޯންގައި އެ ގައުމުގެ އިރުން ހުޅަނގަށް ގުޅުވައިދޭ ޓްރާންސް ގަބޮނީސް ރޯޑް ޕްރޮޖެކްޓެއް ވެސް އެފްކޮން އިން ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި އެފްރިކާގެ ގާނާގައި އަޅާ ވޮލްޓާ ރެއިލްވޭ ބްރިޖްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެފްކޮންއާ އެވެ. މިއީ ޖަޕާނުގެ ސަރުކާރުން 100 މިލިއަނަށް ވުރެން ގިނަ ޑޮލަރުގެ ލޯނެއްގެ ދަށުން ގާނާގައި ތަރައްގީކުރާ ޕްރޮޖެކްޓެވެ.
Comment