Advertisement

އޭއެފްސީ ކަޕްގެ ފޯމެޓް މިހާރު އޮތް ގޮތުން ކޮންމެ މެޗަކީ ފައިނަލެއް: އޮސްކާ

24 އޮގަސްޓު 2021 - 08:44 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އޮސްކާ ސުވާލުތަކަށް ޖަވާބުދެނީ.


އޭއެފްސީ ކަޕްގެ ފޯމެޓް މިހާރު އޮތް ގޮތުން ކޮންމެ މެޗަކީ ފައިނަލެއް: އޮސްކާ

24 އޮގަސްޓު 2021 - 08:44 0

އޭއެފްސީ ކަޕްގެ ފޯމެޓް މިހާރު އޮތްގޮތުން ކޮންމެ މެޗަކީ ވެސް ފައިނަލެއް ކަމަށް ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްގެ ކޯޗު ސްޕެއިންގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

އޭއެފްސީން މީގެ ފަސް ވަރަކަށް އަހަރު ކުރިން މުބާރާތުގެ ފޯމެޓަށް ބަދަލު ގެނެސް މައިގަނޑު ދެ ޒޯނަށް ބަހައި އެކި ސަބް ޒޯންތަކެއްގެ ގައުމުތަކުގެ ޓީމުތަކުގެ މެދުގައި ގްރޫޕް ސްޓޭޖުގެ މެޗުތައް ރޭވުމާ އެކު ގިނަ ގްރޫޕްތަކުން އަނެއް ބުރަށްދަނީ އެންމެ ޓީމެކެވެ. މި ފޯމެޓްގެ ސަބަބުން ވަރަށް ބޮޑަށް މެޗުތައް ފޯރިގަދަވި ނަމަވެސް ބޮޑު ހަރަދުކޮށްގެން މުބާރާތަށް ނުކުންނަ ގިނަ ޓީމުތަކެއް ފެއިލްވާތީ ފޯމެޓާ މެދު ކަންބޮޑުވުން ފާޅުކުރެ އެވެ.

މި ފަަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕުން އަނެއް ބުރުގެ ޖާގަ އަކަށް މިހާރު ވާދަކުރަނީ ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް އޭޓީކޭ މޯހަން ބަގާންގެ އިތުރުން ދެ މެޗުން ހަތަރު ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ބަޝުންދަރާ އެވެ. މިއަދު ހަވީރު ބަޝުންދަރާއާ އެއްވަރު ކޮށްލައިގެން ވެސް އޭޓީކޭ އަށް އަނެއް ބުރު ކަށަވަރު ކުރެވޭނެ އެވެ. ބަޝުންދަރާ އަނެއް ބުރަށް ދާނަމަ ޖެހޭނީ އޭޓީކޭ ބަލިކުރާށެވެ.

މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަޝުންދަރާގެ ކޯޗު އޮސްކާ ބުނީ މުބާރާތް މިހާރު ރޭވިފައި އޮތީ ވަރަށް ދެރަކޮށް ކަމަށެވެ. އެއީ ދުނިޔޭގެ ބޮޑު ހުރިހާ މުބާރާތެއްގައި ވޯލްޑް ކަޕާއި ޔުއެފާ ޗެމްޕިއަންސް ލީގު ފަދަ މުބާރާތްތަކުގައި ވެސް ގްރޫޕް ސްޓޭޖެއް ކުޅޭނަމަ ދެ ޓީމެއް އަނެއްބުރަށް ދާ ގޮތެއް އޮންނަކަން އޮސްކާ ފާހަގަކުރި އެވެ. އެކަމަކު, މި މުބާރާތުގައި މި އޮތީ އެންމެ ޓީމެއް އަނެއް ބުރަށް ދާ ގޮތަށް ކަމަށްވާއިރު، އެ އަށް މަސައްކަތް ކުރުން ނޫން ގޮތެއް ނެތް ކަމަށް އޮސްކާ ބުންޏެވެ.

"އަހަންނަކީ މީގެ އެޑްމިނިސްޓްރޭޓިވް މަސައްކަތުގައި އުޅޭ މީހެއް ނޫން ފޯމެޓާ މެދު ގޮތެއް ނިންމަން. އަހަރެން ބުނާނެ ވާހަކަ އަކީ މި ފޯމެޓްގެ ސަބަބުން ކޮންމެ މެޗެއް މި ވަނީ ފައިނަލަކަށް. މިއީ ގްރޫޕް ސްޓޭޖް އެކޭ ކިޔަސް ފުރަތަމަ މެޗުން ފެށިގެން އަަހަންނަށް ފެންނަނީ ފައިނަލް ސްޓޭޖެއްގެ ގޮތުގައި. ފުރަތަމަ މެޗުން ބަލިވާ ދެ ޓީމު ވެސް ގާތްގަނޑަކަށް މުބާރާތުން އެ ކަޓަނީ. މިއީ ވަރަށް އުނދަގޫ ފޯމެޓެއް ކޮންމެ ކްލަބަކަށް ވެސް،" ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓް ގޮވައިގެން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފަހު ވަގުތު ވަކިވާން ޖެހުނު އޮސްކާ ބުންޏެވެ.

މިއަދުގެ މެޗު އެއްވަރުކޮށްލައިގެން ވެސް އޭޓީކޭ އަށް ފައިނަލް ބުރުގެ ޖާގައެއް ހޯދުނަސް އޮސްކާ ދެކޭގޮތުގައި ބަޝުންދަރާ އާއި އޭޓީކޭ އަށް އޮތީ އޮތީ ހަަމަހަމަ ފުރުސަތެކެވެ.

"ވިސްނުންތެރިކަމާ އެކު ކުޅެގެން އަހަރެމެންނަށް އޮތް ފުރުސަތުތަކަށް އިންތިޒާރުކޮށްފިއްޔާ ތިން ޕޮއިންޓް ހޯދޭނެ. އެއީ އަހަރެމެންގެ އަމާޒު،" އޮސްކާ ބުންޏެވެ.

"އަހަރެމެން ކޮންފިޑެންސަކީ މުޅި ސީޒަނުގައި ވެސް ބަލިވީ އެންމެ މެޗަކުން. އެހެންވީމަ އަހަރެމެން ބޭނުމެއް ނޫން މާދަމާ (މިއަދު)ގެ މެޗަކީ ދެ ވަނަ މެޗަށް ވާން. އަހަރެމެން ކޮންމެ މެޗެއްގައި ގޯލެއް ޖަހަން. ދެން އެންމެ ބޮޑު އުފަލަކީ އަހަރެމެންގެ ޑިފެންސްލައިން މި އޮތީ ވަރަށް ވަރުގަދަކޮށް. މި ގްރޫޕްގައި ގޯލެއް ނުވަދެ އޮތް ހަމައެކަނި ޓީމަކީ އަހަރެމެން،"

އޮސްކާ ބުނީ މިއީ މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ބަޝުންދަރާ ކުޅެން ޖެހޭ އެންމެ އުނދަގޫ މެޗަކީ އޭޓީކޭ މެޗު ކަމަށެވެ. މި މެޗުތަކަށް ތައްޔާރުވާން މީގެ މަހެއްހާ ދުވަސް ކުރިން ޓީމުތަކުގެ ކުޅުން އެނަލައިޒްކުރަން ފެށިކަން ފާހަގަކޮށް އޮސްކާ ބުނީ އޭޓީކޭ އަކީ ކޮންފިޑެންސާ އެކު ލީޑު ހިފަހައްޓާ ޓީމެއް ކަމަށެެވެ. އަދި މި ފަހަރުގެ އޭއެފްސީ ކަޕްގައި އޭޓީކޭ އިން ދައްކަނީ އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގައި ވެސް އެ ޓީމުން ދައްކާ ލެވަލްގެ މޮޅު ކުޅުމެއްކަމަށް އޮސްކާ ބުންޏެވެ.

ބަޝުންދަރާ އިން ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ މާޒިޔާ އަތުން 2-0 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި ބެންގަލޫރާ ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރުވީ އެވެ. ދެ މެޗުގައި ވެސް ބަޝުންދަރާ އިން ބޭނުންކުރީ އެއް ފުރަތަމަ އެގާރައެކެވެ. އެކަމަކު އެ ޓީމާ ދެކޮޅަށް މިއަދު ނުކުންނަ އޭޓީކޭ އިން ވަނީ ކޮންމެ ވެސް ވަރަކަށް ދެ މެޗަށް ކުޅުންތެރިން ރޮޓޭޓްކޮށްފަ (ބަދަލުކޮށްފަ) އެވެ.

އޮސްކާ ބުނީ ބަޝުންދަރާ އިން ރޮޓޭޓްނުކުރީ ސަަބަބުތަކެއް ހުރުމުން ކަމަށް ބުނެފަ އެވެ.

އަހަރެން ވިސްނީ ދެ މެޗުގައި ވެސް އަހަރެމެންގެ ވިނިން ކޮމްބިނޭޝަނަށް (ފުރަތަމަ މެޗުން މޮޅުވި ޓީމަށް ދެ ވަނަ މެޗުން ވެސް) ފުރުސަތު ދޭން. އަހަރެންގެ ވިސްނުމަކީ އެޓޭކްކުރާއިރު ބަދަލުތަކެއް ގެނައުން. އެއީ މެޗަށް އަސަރުކުރަން ވެސް ފަސޭހަ ގޮތަކީ. އެކަމަކު ބެންގަލޫރާ އެކު ފަހު ވަގުތު އަހަރެމެން ބެލީ ނަތީޖާ ހިފަހައްޓަން. ޑިފެންސްކުރާއިރު ބަދަލެއް ގެނައުމަކީ ރިސްކު ބޮޑު ކަމެއް. އެއީ ބައެއް ފަހަރު އެހެން ކުރާ ބަދަލަކުން ޓީމު ބަލިކަށިވާ ފަހަރު އާދޭ،" އޮސްކާ ބުންޏެވެ.

މިއީ ބަޝުންދަރާ އިން އޭއެފްސީ ކަޕްގައި ކުޅޭ ދެ ވަނަ ފަހަރެވެ. ބަންގްލަދޭޝްގައި މިދިޔަ ތިން އަހަރެއްހާ ދުވަހު ޑޮމެސްޓިކް ހުރިހާ ކާމިޔާބެއް ކަހަލަ ގޮތަކަށް ހޯދީ ބަޝުންދަރާ އިންނެވެ. މި ފަހަރުގެ އޭއެފްސީ ކަޕަށް އެ މީހުންގެ ޓާގެޓަކީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމެވެ.

ބަޝުންދަރާ އާއި އޭޓީކޭ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.