Advertisement

އޮސްކާ އަށް އީސްޓް ބެންގޯލް ކޯޗުކަން ދީފި

9 އޮކްޓޯބަރު 2024 - 10:14 0


އޮސްކާ އަށް އީސްޓް ބެންގޯލް ކޯޗުކަން ދީފި

9 އޮކްޓޯބަރު 2024 - 10:14 0

ކަލްކަަތާ، އިންޑިއާ (އޮކްޓޫބަރު 9) - އިންޑިއާ ފުޓްބޯޅައިގެ ޒަމާންވީ ބާރެއް ކަމަށްވާ އީސްޓް ބެންގޯލްގެ ކޯޗަކަށް ދެކުނު އޭޝިއާ ފުޓްބޯޅައިގެ ތަޖުރިބާ ބޮޑު ކޯޗެއް ކަމަށްވާ ސްޕެއިނުގެ އޮސްކާ ބްރުޒޮން ހަމަޖައްސައިފި އެވެ.

މީގެ ކުރިން ވެސް އިންޑިއާގެ އައި ލީގާއި ސުޕަ ލީގުގައި މަސައްކަތް ކޮށްފައިވާ އޮސްކާ ވަނީ ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަށް ކޯޗުކޮށްދީފަ އެވެ.

އޮސްކާ، އިންޑިއަން ސުޕަ ލީގުގެ ޓީމަކަށް އެނބުރި މި އައީ ނުވަ އަހަރަށް ފަހު އެވެ. މީގެ ކުރިން، އޮސްކާ ވަނީ މުމްބާއި ސިޓީގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އޭރު ކޯޗަކަށް ހުރި ނިކޮލަސް އަނެލްކާއާ އެކު މަސައްކަތްކޮށްފަ އެވެ. އޮސްކާ، އެންމެ ފަހުން ހުރީ ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާގަ އެވެ. އެ ޓީމުގެ ކޯޗުކަން ދޫކޮށްލީ މި އަހަރުގެ ޖުލައި މަހުގަ އެވެ.

އީސްޓް ބެންގޯލްގައި އެންމެ ފަހުން ހުރި ކޯޗު ކާލޯސް ކުއަޑްރާޓް ވަނީ އެ ޓީމަށް 12 އަހަރު ތެރޭ ފުރަތަމަ ތަށި ހޯދައިދީފަ އެވެ. އެއީ، ކަލިންގާ ކަޕް އެވެ. އެކަަމަކު، އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނަތީޖާ ރަނގަޅު ނުކުރެވިގެން، މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކުއަޑްރާޓް ވަނީ އީސްޓް ބެންގޯލް ކޯޗުކަން ދޫކޮށްލައިފަ އެވެ.

އީސްޓް ބެންގޯލް އިން ނެރުނު ނޫސްބަޔާނެއްގައި އޮސްކާ ބުނެފައިވަނީ، އޭނާ އެ ޓީމާ ހަވާލުވާން ޖެހިފައިވަނީ ސީޒަނެއްގެ މެދުތެެރެއިން ކަމަށްވާއިރު، ކަންކަން ރަނގަޅުކުރަން އެކަށީގެންވާ ވަގުތެއް ބޭނުންވާނެ ކަމަށެވެ. އެހެން ނަމަވެސް، ފުޓްބޯޅަ އަކީ މާ ގިނަަ ވަގުތެއް ބައެއް ކަންކަމުގައި ލިބޭ ކުޅިވަރެއް ނޫން ކަމަށާއި ނަތީޖާ ނެރެން ފުރަތަމަ ދުވަހުން ވެސް މަސައްކަތް ފަށާނެ ކަމަށް އޮސްކާ ބުނެފައިވެ އެވެ.

އޮސްކާގެ ކޯޗުކަމުގައި އީސްޓް ބެންގޯލުން ކުޅޭ ފުރަތަަމަ މެޗުގައި ކުޅޭނީ މޯހަން ބަގާން ސުޕަ ޖަޔަންޓްސްއާ އެވެ. އޮސްކާ އެންމެ ފަހުން ހަވާލުވެހުރި، ބަޝުންދަރާ އިން މޯހަން ބަގާންއާ އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފައިނުވެ އެވެ.

އޮސްކާ ވަނީ ބަޝުންދަރާ އަށް ހަތް ޓްރޮފީ ހޯދައިދިނުމުގެ އިތުރުން، އެ ޓީމު އޭއެފްސީ ކަޕާއި އޭއެފްސީ ޗެމްޕިއަންސް ލީގާ ހަމައަށް ގެންގޮސްދީފަ އެވެ. އަދި ނިއު ރޭޑިއަންޓަށް ހަތަރު ތަށި ހޯދައިދިނެެވެ.