Advertisement

މާޒިޔާއާ ދެކޮޅަށް ކުރިން ކުޅުނު މެޗުތަކާ މެދު ވިސްނުން މުހިއްމެއް ނޫން: ބެންގަލޫރު ކޯޗު

24 އޮގަސްޓު 2021 - 08:53 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ބެންގަލޫރުގެ ޕްރެކްޓިހުގެ ތެރެއިން ކޯޗު ޕެޒޯލީ (ކ) އާއި ސުނިލް ޗެތުރީ.


މާޒިޔާއާ ދެކޮޅަށް ކުރިން ކުޅުނު މެޗުތަކާ މެދު ވިސްނުން މުހިއްމެއް ނޫން: ބެންގަލޫރު ކޯޗު

24 އޮގަސްޓު 2021 - 08:53 0

އޭއެފްސީ ކަޕްގައި މިރޭ ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް ކުޅޭއިރު، މީގެ ކުރިން އެ ޓީމާ ދެކޮޅަށް ކުޅެފައި ހުރި މެޗުތަކާ މެދު ނުވިސްނާނެ ކަމަށް ބެންގަލޫރުގެ ކޯޗު ޖަރުމަނުގެ މާކޯ ޕެޒޯލީ ބުނެފި އެވެ.

މާޒިޔާ އާއި ބެންގަލޫރު ވަނީ އޭއެފްސީ ކަޕްގައި ޖުމްލަ ހަ ފަހަރު ބައްދަލުކޮށްފަ އެވެ. ގްރޫޕް ސްޓޭޖުގައި އެންމެ ފުރަތަމަ ކުޅުނު ހަތަރު މެޗުން ބެންގަލޫރު ވަނި މޮޅުވެފަ އެވެ. އެކަމަކު، މިދިޔަ އަހަރު ކޮލިފައިން ޕްލޭއޮފް ބުރުގައި މާޒިޔާ އިން ވަނީ ދެ ލެގުގައި ވެސް ބެންގަލޫރު ބަލިކޮށްފަ އެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގައި މިރޭ މާޒިޔާ އާއި ބެންގަލޫރު ކުޅޭއިރު، އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރި މެޗުތަކުން ބެންގަލޫރު ބަލިވުމުން އެ ޓީމުން މި މެޗަށް ނުކުންނާނީ ބަދަލު ހިފުމުގެ ރޫހެއްގައިތޯ ސުވާލުކުރުމުން އެ ބެންގަލޫރުގެ ކޯޗު ޕެޒޯލީ ބުނީ އެ ފަދަ ރޫހެއް ނެތް ކަމަށެެވެ.

"ސުނިލް ޗެތުރީ ވެސް މުބާރާތް ފެށުމުގެ ކުރިން ބުނި ތާރީހަށް ބަލައިގެން މެޗުތަކުގެ ގޮތެއް ނުނިންމޭނެއޭ. ކުރިން ކުޅުނު މެޗުތަކަށް ނުވިސްނަން. މިއީ އާ މެޗެއް. އާ ޓީމެއް. އާ ބަޔަކު މި މަސައްކަތް ކުރަނީ އާ ގޮތަކަށް. މިހާރު މި އޮތީ ވެސް އާ ޓީމު ރޫހެއް،" ޕެޒޯލީ ބުންޏެވެ.

ގްރޫޕްގެ ފަހު މެޗުގައި ބެންގަލޫރާއި މާޒިޔާ ކުޅޭއިރު، މި ދެ ޓީމު ވެސް އޮތީ ކަޓައިފަ އެވެ. ބެންގަލޫރު ތިން ވަނައިގައި ޕޮއިންޓަކާ އެކު އޮތްއިރު، ފުލުގައި އޮތް މާޒިޔާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ލިބޭނެ އުފަލަކީ ގްރޫޕްގެ ފުލުގައި ނިންމާލަން ނުޖެހުމުގެ ހިތްހަަމަޖެހުމެވެ. ޕެޒޯލީ ބުނީ އޭނާގެ ޓީމު މެޗުން މޮޅުވާން މޯޓިވޭޓް ކުރުމުގައި ދަތިކަމެއް ނެތް ކަމަށެވެ.

އެންމެ ފަހުން ކުޅުނު މެޗުގައި ބެންގަލޫރުން ލަނޑެއް ނުޖެހި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ އެއްވަރުވި މެޗުގައި ބެންގަލޫރުގެ ބްރެޒިލް ޑިފެންޑަރު އެލަން ކޮސްޓާ ބޮލުން ޖެހި ބޯޅައެއް ވަނީ ގޯލު ރޮނގު ހުރަސްކޮށްފަ އެވެ. އެކަމަކު ރެފްރީ އާއި ލައިންސްމަނަށް ނުފެންނާތީ އެއީ ގޯލެއް ކަމަށް ނުބަލަ އެވެ.

އެކަމާ ހިތްހަމަނުޖެހިގެން ބަޝުންދަރާ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕެޒޯލީ ވަނީ އޭއެފްސީން ބޮޑު ހަރަދުކޮށްގެން ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އާއި ގޯލް ލައިން ޓެކްނޮލޮޖީ ފަދަ ކަންކަމުގެ އެހީ ހޯދައި އިންސާފުވެރި ނިންމުންތައް އަންނަން ޖެހޭ ކަމަށް ބުނެފަ އެވެ.

"އާންމު ގޮތެއްގައި އޭއެފްސީން ޖަވާބެއްދޭނެ. ގޯހެއް ހެދުމަކީ މައްސަލައެއް ނޫން. ކޮންމެ މީހަކަށް ވެސް ގޯހެއް ހެދިދާނެ. އެކަމަކު މީގެ އެންމެ ރަނގަޅު ގޮތަކީ ގޯހެއް ހެދުނީމަ އެކަން ގަބޫލުކުރުން. އެއީ އެކަމުގައި ބައިވެރިވެ އުޅޭ އެންމެންގެ ހައްގުގައި ކުރުން ރަނގަޅު ކަމެއް. ޔަގީނުން ވެސް އެއީ އަހަރެެމެންނަށް ލިބެން ޖެހޭ ތިން ޕޮއިންޓް،" އޭނާ ދެއްކި ވާހަކަތަކަށް އޭއެފްސީން ޖަވާބެއް ލިބުނުތޯ އެހުމުން ޕެޒޯލީ ބުންޏެވެ.

ޕެޒޯލީ ވަނީ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ނޭޕާލްގެ އާމީ ކްލަބާއި ރާއްޖޭގެ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ގްރޫޕް ސްޓޭޖުގައި ބަޝުންދަރާއާ ބައްދަލުކުރި މެޗުގެ ތަފާތުތައް ކިޔައިދީފަ އެވެ.

"ނޭޕާލް ޓީމު ތަޖުރިބާ މަދު ވީމަ އެހާ ރަނގަޅު ކޮށެއް ނޫން މެޗު ފެނުނީ. ދެން ޕްލޭއޮފްގައި އަހަރެމެން ކުޅުނު ރާއްޖޭގެ ޓީމަކީ (އީގަލްސް އަކީ) ރަނގަޅަށް ޑިފެންްސްކޮށް ވަރަށް އޮގަނައިޒްކޮށް ފެނުނު ޓީމެއް. ބަންގްލަދޭޝް (ބަޝުންދަރާ) ފެނުނީ ފިޒިކަލީ ވެސް ހުނަރުގެ ގޮތުން ވެސް ވަރުގަދަކޮށް،" ޕެޒޯލީ ބުންޏެވެ.

ބެންގަލޫރަކީ މިދިޔަ އަހަރުގެ އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގެ ހަތް ވަނަ ޓީމެވެ. މި ފަހަރުގެ އޭއެފްސީ ކަޕްގައި އާ ޒުވާން ކުޅުންތެރިންތަކެއް ލައިގެން ލިބުނު ތަޖުރިބާ އާއި ޓީމުގެ ކޮމްބިނޭޝަނަށް މި އައި ބަދަލުތަކުން ކުރިއެރުންތަކެއް ފާހަގަވި ކަމަށާއި އުއްމީދަކީ އައިއެސްއެލްގެ ދެން ފަށާ ސީޒަނުގައި ގަދަ ހަތަރެއްގައި ނިންމުން ކަމަށް ޕެޒޯލީ ވަނީ ބުނެފަ އެވެ.

މާޒިޔާ އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.