23 އޮގަސްޓު 2021 - 13:28 0
އޭއެފްސީ ކަޕްގެ މެޗެއްގެ ތެރެއިން މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް.
23 އޮގަސްޓު 2021 - 13:28 0
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ އެއް ވަނަ މަގާމު ހޯދައިގެން އަނެއް ބުރަށް ދިއުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމުގައި ވިޔަސް އަގުހިފަހައްޓަން ފަހު ގްރޫޕްގެ ފަހު މެޗުން މޮޅެއް ބޭނުންކަމަށް މާޒިޔާގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.
މާޒިޔާ ކުޅުނު ފުރަތަމަ މެޗުން މިދިޔަ ހަފްތާގެ ބުދަ ދުވަހު ވަނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން 2-0 އިން ބަލިވެފަ އެވެ. ދެ ވަަނަ މެޗުގައި ހޮނިހިރު ދުވަގެރޭ ވަނީ އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގެ ކްލަބް އޭޓީކޭ މޯހަން ބަގާން އަތުން 3-1 އިން ބަލިވެފަ އެވެ.
ގްރޫޕް ޑީގެ އެއް ވަނަ އަށް އެކަނި އަނެއް ބުރުން ފުރުސަތު ލިބޭއިރު، އެ މަގާމަށް ވާދަކުރަނީ އޭޓީކޭ އާއި ބަޝުންދަރާ އެވެ. ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، ގްރޫޕްގެ ފަހު މެޗުތަކަށް ނުކުތުމުގެ ކުރިން އެއް ވަނައިގައި އޭޓީކޭ އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަޝުންދަރާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބެންގަލޫރަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. މާޒިޔާ ހަތަރެއްގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ.
ބެންގަލޫރާ ދެކޮޅަށް މާދަމާރޭ ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު ވިޑަކޮވިޗް ބުނީ މި މެޗުން މޮޅުވިޔަސް ބޭނުންވާ ޓާގެޓަށް ވާސިލްވެވެން ނެތުމުން އެ މާޔޫސްކަން ދެ ޓީމަށް ވެސް އޮންނާނެ ކަމަށެވެ. އެކަމަކު، މާޒިޔާ އިން މެޗަށް ތައްޔާރުވުމާ މެދު ވިސްނާނެ އެއް ގޮތަކީ ގްރޫޕްގެ އެންމެ ފުލުގައި ނުނިންމުމަށްޓަކައި މެޗުން މޮޅުވެގެން ޓީމުގެ އަގުހިފެހެއްޓުމުގެ ގޮތުން ކަމަށެވެ.
"މޮޓިވޭޝަނެއް ހޯދަން ވަރަށް އުނދަގޫވާނެ އަނެއް ބުރުގެ ފުރުސަތު ގެއްލިފައި އޮތީމަ. އެކަމަކު ފަހު މެޗަށް ނުކުންނައިރު އަހަރެމެން އެބަޖެހޭ (ޓީމުގެ) އަގު ހިފަހައްޓަން. އެންމެ ފުލުގައި ނޯންނަން ބޭނުންނަމަ މި މެޗުން މޮޅެއް ބޭނުން. އެއީ ފޯކަސް ކުރެވޭނެ ކަމެއް މޯޓިވޭޓްކުރަން،" ވިޑަކޮވިޗް ބުންޏެވެ.
ބެންގަލޫރާ ދެކޮޅަށް މާޒިޔާ އިން ނެރޭ ފުރަތަމަ އެގާރައިގައި ކުރިން ދެ މެޗުގައި ފުރުސަތު މަދުން ލިބުނު ކުޅުންތެރިން ހިމެނޭނެ ކަމަށް ވިޑަކޮވިޗް ވަނީ ބުނެފަ އެވެ. އެއީ އަންނަ އަހަރަށް މާޒިޔާ އިން ޓީމެއް އެކުލަވާލާއިރު، މި ލެވަލްގައި ކުޅެވޭނެ ކުޅުންތެރިން ދެނެގަތުމަށް ކަމަށް ވިޑަކޮވިޗް ފާހަގަކުރި އެވެ.
އަންނަ އަހަރު ވެސް މާޒިޔާގައި ހުންނާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ވިޑަކޮވިޗް ބުނީ އަދި އެ ފަދަ އެއްބަސްވުމެއް ނެތް ކަމަށެވެ.
"އަހަންނަށް ނެތް ހުށަހެޅުމެއް. ދެން އެއީ އަހަރެން އަތްމަތީގައި ވެސް އޮތް ކަމެއް ނޫން،" މިދިޔަ ޖެނުއަރީ މަހު މާޒިޔާއާ ހަވާލުވި ވިޑަކޮވިޗް ބުންޏެވެ.
އޭއެފްސީ ކަޕްގައި މާޒިޔާ އާއި ބެންގަލޫރު ވަނީ ހަ ފަހަރެއްގެ މަތިން ވާދަކޮށްފަ އެވެ. ފުރަތަމަ ހަތަރު މެޗުން ބެންގަލޫރު މޮޅުވިއިރު، އެންމެ ފަހުން މިދިޔަ އަހަރު އޭއެފްސީ ކަޕް ކޮލިފައިންގައި މާޒިޔާ އިން ވަނީ ބެންގަލޫރު ދެ މެޗުން ވެސް ބަލިކޮށް ކަޓުވާލައިފަ އެވެ. ބެންގަލޫރުން މާދަމާ ބަދަލުހިފުމުގެ ރޫހެއްގައި ނުުކުމެފާނެތޯ ސުވާލުކުރުމުން ވިޑަކޮވިޗް ވަނީ އެއީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފަ އެވެ.
ކުރިން ފިިލިޕީންސްގެ ސެރެސް ގޮވައިގެން އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ވިޑަކޮވިޗް ބުނީ މާޒިޔާ އިން މި ފަަހަރު އޭއެފްސީ ކަޕްގައި ކުޅުނު ފުރަަތަމަ ދެ މެޗުގެ ހަަތަރު ހާފަށް ބަލާއިރު ދަށްކޮށްދިޔައީ ބަޝުންދަރާ މެޗުގެ ފުރަތަމަ ހާފު ކަމަށެވެ.
އަދި އެންމެ ފަހުން ކުޅުނު މެޗުގައި އޭޓީކޭ ކައިރިން ދެ ވަނަ ހާފްގައި ނަތީޖާ އެނބުރުނީ ވަރަށް އާދައިގެ ގޯލުތަކެއް ވަދެގެން ކަން ވިޑަކޮވިޗް ފާހަގަކުރި އެވެ. އެކަމަކު، ފަހުން ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިނަމަ އެ ނަތީޖާ އަށް ވެސް ބަދަލެއް އައުން އެއީ އެކަށީގެންވާ ކަމެއް ކަމަށް ވިޑަކޮވިޗް ބުންޏެވެ.
"އަހަރެން މި ކުޅުންތެރިންނާ މެދު ފަހުރުވެރިވަން. އެ މީހުން އެ ކުޅުނީ ވަރަށް މޮޅަށް ވަރަށް ކޮލިޓީ ޓީމުތަކާ ދެކޮޅަށް. އަހަންނެއް ނުބުނާނަން އަހަރެމެންގެ ނަސީބު ދެރައީއޭ. އެއީ އަހަރެން ދައްކާނެ ވާހަކައެއް ނޫން. ވަރަށް ބޮޑެތި ބަޖެޓްތަކާއި ވަރަށް އަގުބޮޑު ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވިފައި އޮތް ޓީމުތަކަކާ ދެކޮޅަށް އަހަރެެމެން ސާބިތުކޮށްދީފި ވާދަކުރެވޭނެކަން،" ވިޑަކޮވިޗް ބުންޏެވެ.
މާޒިޔާ އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ.
Comment