Advertisement

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވަން ސިޔާސަތަށް ބޮޑު ބަދަލެއް ގެނެސްފި

22 އޮގަސްޓު 2021 - 16:22 5

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މާލޭގައި ޑޮލަރު ގަތުމުގެ މުއާމަލާތް ހިންގަނީ. -ފޮޓޯ: އަދަދު


ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވަން ސިޔާސަތަށް ބޮޑު ބަދަލެއް ގެނެސްފި

22 އޮގަސްޓު 2021 - 16:22 5

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލަ ހައްލު ކުރަން ސިޔާސަތަށް ގެންނަ ބަދަލުތަކުގެ އަސަރު ވިޔަފާރިވެރިންގެ އިތުރުން އާންމުންނަށް ވެސް ކުރާނެތީ، އެކަމާ ގުޅޭ މައުލޫމާތު ސެޝަންތަކެއް ރޭވިފައިވާކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިއަދު ބުނެފި އެވެ.

ރާއްޖޭގެ މިވަގުތުގެ އިގުތިސޯދީ ހާލަތުގެ މައުލޫމާތު ހިއްސާކުރަން މިއަދު އެމްއެމްއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮލަރުގެ އަގާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑެޕިޔުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ، ގަވައިދާ ހިލާފަށް ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލަ ހައްލުކުރަން ބޭރު ފައިސާ ރެގިއުލޭޓުކުރާ އޮނިގަނޑަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ.

"އެ މައްސަލަ ހައްލުކުރަން އަޅުގަނޑުމެން ނަގަން ބޭނުންވާ މެޝާޒްއަށް ކަމާބެހޭ އިދާރަތަކުގެ ސަޕޯޓު ލިބިފަ ވަނީ،" އިމާދު ވިދާޅުވި އެވެ.

އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަތުމަށް ބައިނަލްއަގުވާމީ އިދާރާތަކާއެކު މަޝްވަރާކުރެވެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އިމާދު ވިދާޅުވި ގޮތުގައި، އެ އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ވިޔަފާރިވެރިންނަށް ކަމަށްވާތީ، އެކަމާ ގުޅޭ މައުލޫމާތުތައް ހިއްސާކުރަން މި ހަފްތާގެ ތެރޭގައި ފަށައިގެން ކުރިއަށްދެ އެވެ.

"އެ ބަދަލުތައް ބިޒްނަސް ކޮމިޔުނިޓީއާ ހިއްސާކުރެވި، އެ ބޭފުޅުންގެ މަޝްވަރާގެ މަތިން މިކަންކަން ކުރިއަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ވިޔަފާރިވެރިންގެ އިތުރުން އާންމުންނާ ވެސް އެ ބަދަލުތަކުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، އޮނިގަނޑަށް ގެނައި ބަދަލުތަކުގެ އެއްވެސް ތަފްސީލެއް މި ބައްދަލުވުމުގައި އޭނާ ނުދެއްވަ އެވެ.

ރާއްޖޭގައި ޑޮލަރު ވިއްކާ ރަސްމީ އަގަކީ 15.42ރ. ނަމަވެސް، ބޭންކުތައް މެދުވެރިކޮށް ޑޮލަރު ނުލިބޭތީ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މި ފަހުން 19ރ. އަށް ވުރެ މައްޗަށް އެރި އެވެ.

ކޮވިޑުގެ ހާލަތުގެ ގޯސްވެ، މިދިޔަ އަހަރުގެ ތެރޭގައި ބޯޑަރު ބަންދުކޮށް، އެންމެ ގިނައިން ބޭރު ފައިސާ ވަންނަ ޓޫރިޒަމް ސިނާއަތް ހުއްޓުމާއެކު، ޑޮލަރުގެ އަގު އިންތިހާއަށް އިތުރުވި އެވެ.

މަރުކަޒީ ބޭންކުން ލައިސެންސް ދީގެން ހިންގާ މަނީ އެޗްސްޗޭންޖްތައް މެދުވެރިކޮށްވެސް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރެ އެވެ.

ބިދޭސީން އިސްކޮށް ތިބެ، ވަރަށް ހާމަކަން ބޮޑު ގޮތެއްގައި، ކަޅު ބާޒާރު ހިންގި ނަމަވެސް، އެކަން ނުހުއްޓުވޭތީ އެމްއެމްއޭއަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.