Advertisement

ނަތީޖާތަކުގެ ޒިންމާ ނަގަން: ވިޑަކޮވިޗް

22 އޮގަސްޓު 2021 - 10:08 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ރޭގެ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވިޑަކޮވިޗް.--


ނަތީޖާތަކުގެ ޒިންމާ ނަގަން: ވިޑަކޮވިޗް

22 އޮގަސްޓު 2021 - 10:08 0

އޭއެފްސީ ކަޕްގައި ރޭ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަތުން 3-1 އިން ބަލިވެ، މާޒިޔާ މި ފަހަރުގެ މުބާރާތުން ކެޓިއިރު، މުބާރާތުގައި އެ ޓީމުގެ ނަތީޖާތަކުގެ ޒިންމާ ނަގާކަމަށް މާޒިޔާގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

ދެ ވަނަ ބުރަށް ދިއުމުގެ އަމާޒުގައި މުބާރާތަށް ތައްޔާރުވި މާޒިޔާ މިދިޔަ ބުދަ ދުވަހުގެރޭ ގްރޫޕް ސްޓޭޖުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން ބަލިވެފަަ އެވެ. ރޭ މާޒިޔާ އިން ލީޑުނެގި ނަމަވެސް ދެ ވަނަ ހާފްގައި އޭޓީކޭ އިން ޖެހި ތިން ގޯލާ އެކު މެޗުން ބަލިވެ، މާޒިޔާ ކެޓީ އެވެ. ފަހު މެޗުގައި އަންގާރަ ދުވަހުގެރޭ ބެންގަލޫރު އަތުން މޮޅުވިޔަސް މާޒިޔާ އަށް ދެން މުބާރާތުގައި ކުރިއަށްދެވޭނެ ގޮތެއް ނެތެވެ. އެ މެޗުން ނަތީޖާ ނެރެގެން ބެންގަލޫރަށް ވެސް ކުރިއަށް ދެވޭނެ ހުރިހާ ދޮރެއް ވަނީ ބަންދުވެފަ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިޑަކޮވިޗް ބުނީ މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ ފެނުނީ ވަރަށް އޮގަނައިޒްކޮށް ވަރަށް ރަނގަޅަށް ޑިފެންސްކޮށްގެން ކުޅުނުތަން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން މާޒިޔާ އަށް ލީޑު ވެސް ނެގުނު ކަމަށެވެ. އެކަމަކު، ދެ ވަނަ ހާފަށް ނުކުމެ މާޒިޔާ އިން ކުޅުނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށާއި ކަންތައްތައް ހިނގާދިޔަ ގޮތް ދެނެގަނެވޭނީ ރަނގަޅަށް މެޗު އެނަލައިޒްކުރުމަށް ފަހު ކަމަށް ވިޑަކޮވިޗް ވަނީ ބުނެފަ އެވެ.

މި ނަތީޖާގެ ޒިންމާ ނަގަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ވިޑަކޮވިޗް ބުނީ އޭނާ އަކީ ކޯޗު ކަމަށާއި ނަތީޖާގެ ޒިންމާ ނަގާ ކަމަށެވެ.

"ތިއީ ޔަގީންކަމެއް. އަހަރެން މިއީ ކޯޗު. އަހަރެން ޒިންމާ ނަގަން. އަހަރެން ހަމައެކަނި މި ބުނެދިނީ މެޗު ދިޔަ ގޮތް. ފުރަތަމަ ހާފް ވަރަށް ރަނގަޅަށް ގޮސްފައި. އަހަންނަށް ނޭނގެ ދެ ވަނަ ހާފް މިވީ ގޮތެއް. އެންމެ ކުރިން ކުޅޭ ގޮތަށް ކުޅުނީ. މި މެޗުގައި. މި ދަނޑުގައި މި މެޗުގައި އެ ހިނގާދިޔަ ކަންތައްތަކުގެ ޒިންމާ ނަގަން،" ވިޑަކޮވިޗް ބުންޏެވެ.

މާޒިޔާގެ ދެ ވަނަ ހާފް ދަށްކޮށްދިޔަ އެއް ސަބަބަކީ އެހާ ގިނަ ދުވަސްތަކެއް ވަންދެން މެޗު ނުކުޅެ ހުރެފައި ކުއްލިއަކަށް ގާތްގާުތުގައި މަތީ ފެންވަރުގެ މެޗުތަކެއް ކުޅެން ޖެހުމުން ކަމަށް ވެދާނެތޯ އެހުމުން ވިޑަކޮވިޗް ބުނީ އެއީ ވެސް ސަބަބެއް ކަމަށާއި އެކަމަކު އޭޓީކޭ ވެސް އެހާ ގިނަ ދުވަހު ނުކުޅެ ތިބެފައި މި މުބާރާތަށް އައުމުން މެޗު ނުކުޅެ އައުމުގެ ޝަކުވާ މާޒިޔާ އަށް އެކަނި ނުކުރެވޭނެ ކަމަށެެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގެ މެޗެއްގެ ތެރެއިން ހާބާސް.-- ފޮޓޯ: އޭއެފްސީ


އޭޓީކޭގެ ކޯޗު އެންޓޯނިއޯ ލޮޕޭޒް ހާބާސް ވެސް ބުނީ މާޒިޔާ އިން ފުރަތަމަ ހާފްގައި ކުޅުނު ގޮތުން ވަރަށް އުނދަގޫތައް ކުރިމަތިވި ކަމަށެވެ. އެކަމަކު، ދެ ވަނަ ހާފްގައި ރަނގަޅު ރޭވުންތަކަކާ އެކު ނުުކުމެ، އޭޓީކޭ އިން ނަތީޖާ އަނބުރާލީ އިތުބާރާ އެކު ކަން ހާބާސް ވަނީ ފާހަގަކޮށްފަ އެވެ.

އޭޓީކޭ ކޮޅަށް މެޗު އަނބުރާލުމުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ މެޗުގެ 60 ވަނަ މިނިޓްގައި ކުޅެން އެރި ފްރާންސް މިޑްފީލްޑަރު ހޫގޯ ބޯމަސްގެ އެވެ. އޭނާ ވަނީ އޭޓީކޭގެ ފަހު ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ހާބާސް ބުނީ ހަ ވަރަކަށް ދުވަހުގެ ތެރޭގައި ތިން މެޗު ކުޅެން ޖެހޭއިރު ޓީމު ރޮޓޭޓްކުރަން ޖެހޭ ކަމަށާއި ބޯމަސް ފަހުން ކުޅެން އެރުވީ ޕްލޭނެއްގެ ތެރެއިން ކަމަށެވެ.

"އެއް ދުވަހު ހަތަރެއް ޖަހާއިރު ކުޅެފައި. ދެ ދުވަހުގެ ރިކަވަރީއެއް ނިންމާފައި ދެން އައިސް އެންމެ ރަނގަޅަށް ނުކުޅެވޭނެ. ޓީމު ރޭވުމުގައި ޖެހޭނެ ރޮޓޭޝަނެއް ގެންގުޅެއް. އެ ގޮތަށް ހަދައިގެން އަހަރެމެން ބެންޗުން އެރި ކުޅުންތެރިޔާ (ބޯމަސް) މި މެޗުގައި މި ތަފާތު ދެއްކީ،" ބޯމަސް ބުންޏެވެ.

ގްރޫޕްގެ އެއް ވަނަ އަށް އެކަނި އަނެއް ބުރުގެ ޖާގަ ލިބޭ ގޮތަށް އޮތްއިރު، މިހާރު އެ މަގާމަށް ވާދަކުރަނީ ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް އޭޓީކޭގެ އިތުރުން ދެ މެޗުން ހަތަރު ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެވެ. އަންގާރަ ދުވަހު ހަވީރު ބަޝުންދަރާއާ އެއްވަރު ކޮށްލައިގެން ވެސް އޭޓީކޭ އަށް އަނެއް ބުރު ކަށަވަރު ކުރެވޭނެ އެވެ. ބަޝުންދަރާ އަނެއް ބުރަށް ދާނަމަ ޖެހޭނީ އޭޓީކޭ ބަލިކުރާށެވެ.

ހާބާސް ބުނީ ފުޓްބޯޅައިގައި އޭނާގެ ތަޖުރިބާގެ އަލީގައި އެއްޗެއް ބުނާނަމަ މެޗެއް އެއްވަރުކޮށްލަން ނުކުޅެވޭނެ ކަމަށާާއި ކޮންމެ މެޗެއް ވެސް ކުޅެން ޖެހޭނީ މޮޅެއް ހޯދަން ކަމަށެވެ. އެ ގޮތުން ބަޝުންދަރާއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނާނީ މޮޅަކަށް ކަމަށް ހާބާސް ބުންޏެވެ.