Advertisement

ގްރީލިޝްގެ ގޯލާ އެކު ސިޓީ އަށް ސީޒަނުގެ ފުރަތަމަ މޮޅު

22 އޮގަސްޓު 2021 - 00:29 0

ލަނޑު ޖެހުމަށް ފަހު ގްރީލިޝް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ގްރީލިޝްގެ ގޯލާ އެކު ސިޓީ އަށް ސީޒަނުގެ ފުރަތަމަ މޮޅު

22 އޮގަސްޓު 2021 - 00:29 0

މެންޗެސްޓާ (އޮގަސްޓް 21) - އިނގިރޭސި ޕްރިިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން މިރޭ އަމިއްލަ ދަނޑުގައި ނޯވިޗް ސިޓީގެ މައްޗަށް 5-0 އިން ކުރިހޯދައި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ސިޓީން މިރޭ ޖެހި ފަސް ގޯލުގެ ތެރޭގައި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމުން 100 މިލިއަން ޕައުންޑް (140 މިލިއަން ޑޮލަރު) އަށް ގަތް ޖެކް ގްރީލިޝް ޖެހި ގޯލު ވެސް ހިމެނެ އެވެ.

މިއީ ސިޓީން މި ސީޒަނުގައި ހޯދި ފުރަތަމަ މޮޅެވެ. އެ ޓީމުން މި ސީޒަނުގައި އެންމެ ފުރަތަމަ ނުކުތީ ސީޒަން ހުޅުވަން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗަށެވެ. އެ މެޗުން ލެސްޓާ ސިޓީ އަތުން 1-0 އިން ބަލިވީ އެވެ. އޭގެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ރަށުންބޭރުގައި ޓޮޓެންހަމްއާ އެވެ. އެ މެޗުން ޓޮޓެންހަމް އަތުން ވެސް 1-0 އިން ބަލިވީ އެވެ.

އަނިޔާގައި ހުރި ކެވިން ޑިބްރޭނާ ނުލައި މިރޭގެ މެޗަށް ނުކުތް ސިޓީ އިން ޖެހި ފުރަތަމަ ގޯލަކީ ނޯވިޗްގެ ކީޕަރު ނެދަލެންޑްސްގެ ޓިމް ކްރުލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ގްރީލިޝް ސިޓީގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 22 ވަަނަ މިނިޓްގަ އެވެ. މިއީ ގަބްރިއެލް ޖީސޫސް ނެގި ހުރަހަކުން ގްރީލިޝް ޖެހި ގޯލެކެވެ.

ސިޓީން އަނެއް ތިން ގޯލު ވެސް ޖެހީ ދެ ވަނަ ހާފްގަ އެވެ. އެ ޓީމުގެ ތިން ވަނަ ގޯލު ޖެހީ އައިމެރިކް ލަޕޯޓް އެވެ. ޖީސޫސް ދިން ބޯޅައަކުން ރަހީމް ސްޓާލިން މެޗުގެ 71 ވަނަ މިނިޓްގައި ސިޓީގެ ހަތަރު ވަނަ ގޯލު ޖެހިއިރު، ސިޓީގެ ފަސް ވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރިޔާދު މާރޭޒް އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މި މޮޅާ އެކު ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކުޅުންތެރިންގެ ކޮންފިޑެންސަށް އަންނާނެ ރަނގަޅު ބަދަލު ކަމަށެވެ.

އަމިއްލަ ދަނޑުގައި ބާންލީ އަތުން މިރޭ ލިވަޕޫލް މޮޅުވީ 2-0 އިންނެވެ. ފުރަތަމަ ހާފުގައި ކޮސްޓަސް ސިމިކާސް ނަގައިިދިން ހުރަހަކުން ޑިއޯގޯ ޔޮޓާ ބޮލުން ވައްދާލި ގޯލުން ލިވަޕޫލުން ލީޑުނެގި އެވެ. އެ ޓީމުން ދެ ވަނަ ގޯލު ޖެހީ ދެ ވަނަ ހާފްގައި ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ދިން ބޯޅައަކުން ސަޑިއޯ މާނޭ އެވެ. ފުރަތަމަ ހާފުގައި މުހައްމަދު ސަލާހު ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އެސްޓަން ވިލާ އިން 2-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކުރިއިރު، ލީޑްސް ޔުނައިޓެޑުން ވަނީ ފަހު ވަގުތު ލަނޑު ޖަހައި 2-2 އިން އެވަޓަންއާ އެއްވަރުކޮށްފަ އެވެ. އަދި ކްރިސްޓަލް ޕެލަސް އާއި ބްރެންޓްފޯޑް ލަނޑެއް ނުޖެހި އެއްވަރުވިއިރު، ބްރައިޓަން އިން ވަނީ 2-0 އިން ވަޓްފޯޑް ބަލިކޮށްފަ އެވެ.