Advertisement

އެލްޓީ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ބިސް ބުރުން ހޯދައިފި

21 އޮގަސްޓު 2021 - 00:49 0

ބިސް ބުރު ޓީމުގެ ކެޕްޓަން ނިޝާން ބޯޅަ ހިފައިގެން.--


އެލްޓީ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ބިސް ބުރުން ހޯދައިފި

21 އޮގަސްޓު 2021 - 00:49 0

އެފްއޭއެމް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު ދެ ވަނަ ސެމީ ފައިނަލުގައި ލިޓްލް ޓައުން ސްޕޯޓްސް (އެލްޓީ) އަތުން 2-0 އިން މޮޅުވެ، ބިސް ބުރު ސްޕޯޓްސް ކްލަބް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

ބިސް ބުރާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ ބުރު ސްޕޯޓްސް އެވެ. އަހުމަދު ނިމާދު (ނިމާ)ގެ ކޯޗުކަމުގައި ކުޅޭ ބުރު ވަނީ ސެމީ ފައިނަލުގައި ކްލަބް އޮންލީ ވަން އޮޕޮޗިއުނިޓީ (އޯވަންއޯ) އަތުން 7-1 އިން މޮޅުވެފަ އެވެ. އެންމެ ފަހުން ދެ ފަހަރު ވެސް ބުރު ކެޓީ ފައިނަލުން ފުރުސަތު ނުލިބި އެވެ. މި ފަހަރުގެ މުބާރާތަށް އެންމެ ވަރުގަދަ އަށް ތައްޔާރުވި ޓީމަކީ ބުރު އެވެ.

ސެމީ އަށް ދަތުރުކުރި ހަތަރު ޓީމަށް ވެސް އަންނަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުން ވަނީ ފުރުސަތު ލިބިފަ އެވެ. ބިސް ބުރާއި ބުރު ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެރޭގަ އެވެ.

ވަރުގަދަކޮށް ނުކުތް ކްލަބް ޓީނޭޖް ކަޓުވާލުމަށް ފަހު ސެމީން ފުރުސަތު ހޯދި ބިސް ބުރުން ފައިނަލުގެ ޖާގަ މި ހޯދީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީގެ ކޯޗުކަމުގައި ރަނގަޅު ކުޅުމެއް ދައްކަމުން އައި އެލްޓީގެ މައްޗަށް ފުރިހަމަ މޮޅެއް ހޯދައިގެންނެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި މިރޭ ކުޅުނު މެޗުގައި ބިސް ބުރަށް ލީޑުނަގައިދިނީ މުހައްމަދު ފައިހާން އިމްރާން އެވެ. އެ ޓީމުގެ ދެ ވަނަ ގޯލު ޖެހީ މުހައްމަދު ފާރިޝް ހަސަން އެވެ. ލަނޑެއް ޖެހޭތޯ އެލްޓީން ކުރި މަސައްކަތް ކާމިޔާބުވާގޮތެއް ނުވި އެވެ.

ތިން ވަނަ ޑިވިޝަނަކީ ލަސްވެގެން ވެސް އާންމުކޮށް ދޮޅު މަސް ތެރޭ ނިމޭ މުބާރާތެއް ނަމަވެސް މި ފަހަރުގެ ތިން ވަނަ ޑިވިޝަން ނިންމާލެވޭނީ ހަތް ވަރަކަށް މަސް ދުވަހުންނެވެ. އެއީ ކޮވިޑް-19ގެ ސަަބަބުން ހެލްތު ޕްރޮޓެކްޝަން (އެޗްޕީއޭ) އިން އެޅި ފިޔަވަޅުތަކުގެ ތެރެއިން ދެ ފަހަރެއްގެ މަތިން މުބާރާތް ހުއްޓާލަން ޖެހުމުންނެވެ. އެ ގޮތުން މެއި މަހު ދެ ވަނަ ފަހަރަށް މުބާރާތް މެދުކަނޑާލިއިރު، އަލުން ފެށީ ތިން މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު މި މަހު ހަ ވަނަ ދުވަހު އެވެ.

ކޮވިޑްގެ ހާލަތު މިދިޔަ މެއި މަހު ގޯސްވެގެން ފުޓްބޯޅަ ކަލަންޑަރަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެފްއޭއެމުން ވަނީ ފުޓްބޯޅަ ސީޒަން އަވަހަށް ވަނީ ނިންމާލައިފަ އެވެ. ދިވެހި ޕްރިމިއާ ލިގު ދެ ވަނަ ބުރާ ހަމައިން ނިންމާލައި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްލިއިރު، ތިން ވަނަ ޑިވިޝަން ކުޅެން ނިންމީ އެ މުބާރާތް ކުރިއަށްދިއުން މުހިއްމު ކަމަކަށް ފެންނާތީ އެވެ. އެއީ ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓްވާ ޓީމުތަކެއް ކަނޑައަޅަން ޖެހޭތީއާ ވެސް އެކު އެވެ.

މި އަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަކީ މިދިޔަ ސީޒަނުގައި ބާއްވަން ޖެހޭ މުބާރާތެވެ. އެކަމަކު، ކޮވިޑް-19ގެ ސަބަބުން އެ މުބާރާތް ކެންސަލްކުރަން ޖެހުނީ އެވެ. އެންމެ ފަހުން ކުޅުނު ތިން ވަނަ ޑިވިޝަނުގެ ފައިނަލަކީ 2018 ވަނަ އަހަރު ފަހު ކޮޅުގައި ރޮކް ސްޓްރީޓްސް ސްޕޯޓްސް ކްލަބުން 2-0 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބަލިކުރި ފައިނަލެވެ.