19 އޮގަސްޓު 2021 - 14:06 0
ފަޒީނާ އަހުމަދު
ޒިހާން: އޭނާގެ މައްޗަށް މީހަކު މެރުމުގެ ދައުވާ ވަނީ އުފުލާފައި.
19 އޮގަސްޓު 2021 - 14:06 0
މިދިޔަ ޖޫން މަހުގެ ތެރޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލަން ނިންމައިފި އެވެ.
ޕީޖީ އޮފީހުން ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކޯޓަށް މިއަދު ފޮނުވަން ނިންމީ ކުޑަކުއްޖާގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވާ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާންގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖާއަށް ކަމަށެވެ. ދެ މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.
ޕީޖީ ވިދާޅުވި ގޮތުގައި ހަތް ބާވަތެއްގެ 13 ދައުވާއެއް ޒިހާންގެ މައްޗަށް އުފުލާއިރު ސާބިތުވެއްޖެ ނަމަ ގާތްގަނޑަކަށް 100 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޝަމީމް ވިދާޅުވީ މި މައްސަލައިގައި އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށެވެ. ޕޯސްޓްމޯޓަމް ރިޕޯޓުން ލިބުނު މައުލޫމާތު ވެސް ދައުވާކުރުމުގައި ބޭނުންކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
- ގަސްތުގައި މީހަކު މެރުން
- ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ފަސް ދައުވާ
- މަސްތުވާތަކެތި ދީގެން ޖިންސީ އަމަލު ހިންގަން އުޅުން
- ގްރޫމްކުރުން
- މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުން
- ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން
- ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރުން
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރު ދައުވާތަކެއް.
- ގަސްތުގައި މީހަކު މެރުން
- ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން
- މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުން.
ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އިބްރާހިމް ޒިހާން އަކީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލައި، ހުކުމެއް ކުރެވެންދެން ގޭބަންދު އަމުރެއް އޮތް މީހެކެވެ.
އެ ނޫނަސް އޭނާ އަކީ ނުރައްކާތެރި ކުށްތަކެއްގެ ރެކޯޑު އޮންނަ މީހެއް ކަން ރަސްމީ ލިއުންތަކުން އެނގެ އެވެ.
ކުޑަކުއްޖާގެ މަރާ ގުޅިގެން ޒިހާން ހައްޔަރުކުރީ މާލޭގެ ގެސްޓްހައުސްއަކުންނެވެ. މިފަހަރު އޭނާގެ މައްޗަށް ވަނީ މާރާމާރީ އާއި މީހަކު މެރުމާއި ރަހީނުކުރުމުގެ އިތުރުން ޖިންސީ ގޯނާގެ ތުހުމަތު އުފުލައި ޝަރީއަތް ނިމެންދެން އަނެއްކާވެސް ބަންދުކޮށްފަ އެވެ.
Comment