Advertisement

ބަޝުންދަރާ އަށް މޮޅެއް ހައްގު، މާޒިޔާ ފަހު ވަގުތަށް ހިތްވަރުކުރާނެ: ވިޑަކޮވިޗް

19 އޮގަސްޓު 2021 - 07:56 0

މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް: ރޭގެ މެޗަށް ފަހު ބަޝުންދަރާގެ ކޯޗު އޮސްކާއާ ވާހަކަ ދައްކަނީ.


ބަޝުންދަރާ އަށް މޮޅެއް ހައްގު، މާޒިޔާ ފަހު ވަގުތަށް ހިތްވަރުކުރާނެ: ވިޑަކޮވިޗް

19 އޮގަސްޓު 2021 - 07:56 0

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގައި ރޭ ކުޅުނު މެޗުން މާޒިޔާ އަތުން ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް ހޯދީ ހައްގު މޮޅެއް ކަމަށާއި އަނެއް ބުރުގެ ފުރުސަތު ހޯދަން ފަހު ވަގުތާ ހަމައަށް މާޒިޔާ އިން މަސައްކަތްކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޖެހި ދެ ގޯލާ އެކު ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަަރާ އިން ވަނީ ރާއްޖޭގެ ލީގު ޗެމްޕިއަންކަން މިދިޔަ ދެ އަހަރު ހޯދި މާޒިޔާގެ މައްޗަށް 2-0 އިން ކުރިހޯދައިފަ އެވެ.

ކޮންމެ ޓީމަކަށް ގްރޫޕްގައި ތިން މެޗު ލިބޭއިރު، އަނެއް ބުރަށް ދަނީ އެއް ވަނަ އަށް ދާ ޓީމެވެ. ފުރަތަމަ މެޗުން ބަލިވުމުން މާޒިޔާ އަށް ދެން އަމިއްލަ ބާރުގައި އަނެއް ބުރުގެ ފުރުސަތު ނުލިބޭނެ އެވެ. މާޒިޔާ އަށް ޖެހޭނީ ކުރިއަށް އޮތް އޭޓީކޭ މޯހަން ބަގާން އާއި ބެންގަލޫރު މެޗުން މޮޅުވެ، ދެން މެޗުތަކުގެ ނަތީޖާ އަށް ބަލާށެވެ.

ބަޝުންދަރާ އަތުން ބަލިވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިޑަކޮވިޗް ބުނީ ބަދުނަސީބު ގޮތަކަށް ފުރަަތަމަ ގޯލު ވަނުމުން އަލުން އެންމެ ރަނގަޅަށް ކުޅުން އެއީ އުނދަގޫ ކަމެއް ކަމަށެެވެ. މެޗަށް ނުކުތްއިރު ވެސް މާޒިޔާ އަށް އެނގޭ އެއްޗަކީ މުބާރާތަށް އައިއިރު، އެންމެ ވަރުގަދަކޮށް މެޗުތަކެއް ކުޅެގެން ރަނގަޅު ފޯމެއްގައި އޮތީ ބަޝުންދަރާ ކަން ކަމުގައި ވިޑަކޮވިޗް ވަނީ ފާހަގަކޮށްފަ އެވެ.

"ފުރަތަމަ ހާފުގައި އަހަރެމެން ދެއްކި ކުޅުން ރަނގަޅެއް ނޫން. އަހަރެމެން ހާސްވެފައި ތިބީ ދެން ވަރަށް ގިނަ ދިގު ބޯޅަތަކެއް ވެސް ކުޅުނު. އެ މީހުން ފުރަތަމަ ހާފުގައި ރަނގަޅު. އަހަރެމެން ދެ ވަނަ ހާފުގައި ރަނގަޅު ކުރި ނަމަވެސް މުޅި މެޗަށް ބަލާއިރު ބަޝުންދަރާ އަށް މޮޅެއް ހައްގު،" ވިޑަކޮވިޗް ބުުންޏެވެ.

"އަހަރެމެން ކުރިއަށް އޮތް ދެ މެޗަށް ވީ އެންމެ ރަނގަޅަށް ތައްޔާރުވާނަން. އަބަދުވެސް ކޮންމެ ވެސް ފުރުސަތެއް އޮންނާނެ. ކުރިއަށް އޮތް ދެ މެޗުގައި އަހަރެމެން ފަހު ވަގުތާ ހަމައަށް މަސައްކަތް ކުރާނަން،"

މާޒިޔާ އޭރިއާތެރެއިން އެ ޓީމުގެ ޕޯޒޯ (ކ) އާއި އިރޭ (ވ) ކައިރިން ބަޝުންދަރާގެ އާޖެންޓީނާ ފޯވާޑް ރައުލް ބަސޭރާ ބޯޅަ ކޮންޓްރޯލް ކުރަނީ.


މިއީ މާޒިޔާ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި އީގަލްސް އަތުން ބަލިވި ފަހުން މެޗަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ. އަދި މާޒިޔާގެ ކޯޗުކަމާ ޖެނުއަރީ މަހު ހަވާލުވި ވިޑަކޮވިޗްގެ ކޯޗުކަމުގައި ވެސް ބަލިވި ފުރަތަމަ މެެޗެވެ. ވިޑަކޮވިޗްގެ ކޯޗުކަމުގައި ކުޅުނު 11 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވިއިރު، ދެ މެޗުން އެއްވަރު އަދި އެއް މެޗުން މި ވަނީ ބަލިވެފަ އެވެ.

މާޒިޔާ ކޮޅަށް ރޭ ވަން ފުރަތަމަ ގޯލަކީ ހާފުގެ މެދެއްހާ ހިސާބުން އެ ޓީމުގެ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ފަހަތަށް ދޭން ޖެހި ބޯޅައެއް އެ ޓީމުގެ ކީޕަރު އުޒްބެކިސްތާންގެ މިޒްރޮހިދު މަމަކްތޯނޯފް ބޯމަތިން އޮއްސިގެން ބައިކޮޅަށް ވަން ގޯލެކެވެ. އެ ގޯލަށް ފަހު މާޒިޔާގެ ކޮންފިޑެންސަށް އަސަރުކުރިއިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޝުންދަރާގެ ބްރެޒިލް ފޯވާޑް ރޮބީނިއޯ ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ.

ވިޑަކޮވިޗް ބުނީ ފުރަތަމަ ގޯލުގައި އެއްވެސް މީހެއްގެ މައްސަލައެއް ނެތް ކަމަށާއި މެޗެއްގެ ތެރެއިން އެ ކަހަލަ ހާލަތެއް ދިމާވެދާނެ ކަމަށެވެ. ބަލިވުމުން ޝަކުވާއެއް ކުރަން ބޭނުންނުވާކަން ފާހަގަކުރި ނަމަވެސް ވިޑަކޮވިޗް ބުނީ ދައްކަން ޖެހޭ އެއް ވާހަކަ އަކީ މިދިޔަ ސީޒަނުގައި ތިން ފަހަރަށް ދިވެހި ޕްރިމިއާ ލީގު ހުއްޓާލައި ދެ މަހެއްހާ ދުވަހު ވާދަވެރި މެޗެއް ނުކުޅެ ހުރެފައި ކުއްލިއަކަށް ބަޝުންދަރާ ކަހަލަ މެޗުތަކެއް ކުޅެފައި އައި ޓީމެއް ބަލިކުރަން އުނދަގޫވާނެ ކަމަށެވެ.

"މިއީ ޝަކުވާ ކުރުމެއް ނޫން. ބަޝުންދަަރާ އަށް އެ މީހުންގެ ލީގު ކުޅެފައި އައީމަ އެޑްވާންޓޭޖް އޮންނާނެ. އެއީ މި ވަގުތު ހަމަހަމަކޮށެއް ނޫން އެ ގޮތަށް ބަލާއިރު މި ދެ ޓީމު އޮތީ،" ކުރިން އޭއެފްސީ ކަޕްގައި ފިިލިޕީންސްގެ ސެރެސް އަށް ކޯޗުކޮށްދިން ވިޑަކޮވިޗް ބުންޏެވެ.

މާޒިޔާ އަށް ރޭގެ މެޗަށް ނުކުތްއިރު ދިމާވެފައި އޮތް އަނެއް މައްސަލަ އަކީ އެއް ވަނަ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އަށް އަނިޔާވުމުގެ އިތުރުން ފަހަތަށް ކުޅޭ ސްޕެއިނުގެ ޑިފެންޑަރު ހެސޫސް ޕޯޒޯ އަށް އަނިޔާވެ އެންމެ ފަހު ވަގުތު މެޗު ކުޅެވޭވަރުވުމެވެ. އަދި ބައެއް އިތުރު ކުޅުންތެރިންތަކެއް ވެސް މިދިޔަ ހަފްތާއެއްހާ ދުވަހު އެކި އަނިޔާގެ މައްސަލަތަކެއްގައި އުޅުމުން މި މެޗަށް އައިއިރު، ކުރިމަތިލާން ޖެހުނީ ވަރަށް އުނދަގޫ ހަފްތާއަކާ ކަމަށް ވިޑަކޮވިޗް ބުންޏެވެ.

މާޒިޔާ ކުޅޭ ދެ ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ކުޅޭނީ އޭޓީކޭ މޯހަން ބަގާންއާ އެވެ. އެ ޓީމުން އިއްޔެ ހަވީރު ވަނީ 2-0 އިން ބެންގަލޫރު ބަލިކޮށްފަ އެވެ. މާޒިޔާ ގްރޫޕްގައި ކުޅޭ ފަހު މެޗުގައި އަންގާރަ ދުވަހުގެރޭ ކުޅޭނީ ބެންގަލޫރުއާ އެވެ.