Advertisement

ޓޫރިޒަމް މިނިސްޓަރު މައުސޫމްގެ ތައުރީފް "އަދަދު" ނޫހަށް

18 އޮގަސްޓު 2021 - 11:44 1

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

މިނިސްޓަރު މައުސޫމް ރޭގެ ހަފުލާގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ޓޫރިޒަމް މިނިސްޓަރު މައުސޫމްގެ ތައުރީފް "އަދަދު" ނޫހަށް

18 އޮގަސްޓު 2021 - 11:44 1

އުމުރުން އެންމެ ހަތަރު މަސް ވީ ނަމަވެސް، "އަދަދު" ނޫހަކީ ރާއްޖޭގައި މިހާރު ވަރަށް މަގުބޫލު ނޫހެއް ކަމަށް ވިދާޅުވެ އެ ނޫހަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރޭ ތައުރީފްކުރައްވައިފި އެވެ.

މިނިސްޓަރުގެ ތައުރީފު އޮއްސާލެއްވީ މިނިވަން ދުވަސް ފާހަގަކުރަން "އަދަދު" ނޫހުން އިންތިޒާމްކޮށްގެން ބޭއްވި "މިނިވަން ފިހި" ކުރެހުމުގެ މުބާރާތުގެ އިނާމް ދިނުމުގެ ހަފުލާ ޝަރަފްވެރިކޮށްދެއްވަން ވަޑައިގެން ދެއްކެވި ވާހަކައިގަ އެވެ.

"ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި "އަދަދު" އިން ނޫސްވެރިކަމަށް ކޮށްދީފައިވާ ހިދުމަތް ބަލައިގަންނަ. "އަދަދު" އުފަންވި ފަހުން އަދި އެހާ ގިނަ ދުވަހެއް ނުވޭ. "އަދަދަ"ކީ އޭގެ ޒާތުގައި މިއަދު ދިވެހިރާއްޖޭގައި ވަރަށް މަގުބޫލު އޮންލައިން ނޫހެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ތަޖުރިބާކާރު ނޫސްވެރިންގެ ޓީމަކާ އެކު "އަދަދު" ގެ ނޫސް ހިދުމަތް ފެށީ މިދިޔަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހު އެވެ.

"މިނިވަން ފިހި" ކުރެހުމުގެ މުބާރާތުގެ ތިން ވަނަ ހޯދި ޔާން އަބްދުއްސައްތާރު (ކ) ގެ ކުރެހުން މިނިސްޓަރު މައުސޫމް (މ) ބައްލަވާލައްވާއިރު "އަދަދު" ގެ ޗެއާމަން މަހްފޫޒް ސައީދު (ވ) އަރިހުގައި. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް) އާ ގުޅިގެން "އަދަދު" އިން ކުރެހުމުގެ މުބާރާތެއް އިންތިޒާމުކޮށް ޒުވާން ފަންނުވެރިން ކުރިއަރުވައިދިނީތީ، ވަގުތީ ގޮތުން ޒުވާނުންގެ މިނިސްޓްރީ ވެސް ހިންގަވަމުން ގެންދަވާ މައުސޫމް ޝުކުރުއަދާކުރެއްވި އެވެ.

އަންނަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ ރަންޔޫބިލް ކަމަށްވާތީ އަންނަ އަހަރުގެ "މިނިވަން ފިހި" ޓޫރިޒަމާ ގުޅިގެން ބާއްވާ މުބާރާތަކަށް ހަދަން މިނިސްޓަރު ޝައުގުވެރިވެވަޑައިގަންނަވަ އެވެ. އަދި މިއީ ހަމައެކަނި ދިވެހިންނަށް އަމާޒުކުރާ މުބާރާތަކަށް ހެދުމުގެ ބަދަލުގައި މުބާރާތުން ގާދޫކޮލުން ބޭރަށް ގެންދަވަން ވެސް އޭނާ ޝައުގުވެރިވެ އެވެ.

"ބައިނަލްއަގުވާމީ ފެންވަރަށް ހުޅުވާލައިގެން ބާއްވާނެ މުބާރާތަކަށް ވާނެ ކަމަށް އުއްމީދު ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ. "މިއީ ދުނިޔޭގެ ފެންވަރުގެ ކުރެހުންތެރިން ދުނިޔޭގެ ކަންކޮޅުތަކުން ބައިވެރިވާ މުބާރާތަކަށް ބަދަލުވެގެން ދާނެ އިރާދަކުރެއްވިއްޔާ."

އަގުބޮޑު ފަންނެއް ކަމަށްވާ ކުރެހުމުގެ ވޯލްޑް ކްލާސް ފަންނުވެރިން ރާއްޖޭގައި ތިބި ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ އެ ފަންނުވެރިންގެ މަސައްކަތް ބާޒާރަށް ނެރެން ބާރުއަޅުއްވައިފަ އެވެ. އަދި އެ މަސައްކަތްތައް ރާއްޖެ އަންނަ ޓޫރިސްޓުންނާ ހަމަޔަށް ފޯރުކޮށްދެއްވަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.