Advertisement

ކޮވިޑް ސޭފް ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ތައާރަފުކޮށްފި

12 އޮގަސްޓު 2021 - 08:17 0

އަމަން ހަލީމް

އަމަން ހަލީމް

ކޮވިޑް ސޭފް ޑިޖިޓަލް ޕާސްޕޯޓް: މި ޕާސްޕޯޓް އޮންނަ މީހުން އިތުރު ލިޔެކިޔުމެއް ބޭނުމެއް ނުވާނެ. -- ފޮޓޯ: އެޗްޕީއޭ


ކޮވިޑް ސޭފް ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ތައާރަފުކޮށްފި

12 އޮގަސްޓު 2021 - 08:17 0

ރާއްޖެއިން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންނަށް "ކޮވިޑް ސޭފް"ގެ ނަމުގައި ޑިޖިޓަލް ވެކްސިން ކާޑެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ތައާރަފުކޮށްފި އެވެ.

މިކަމަށްޓަކައި އެޗްޕީއޭއިން ހާއްސަކުރި ކޮވިޑްސޭފް.އެމްވީ ޕޯޓަލްއަކީ ހެލްތް މިނިސްޓްރީން ރަސްމީކޮށް ބޭނުން ކުރާނެ ވެކްސިން ޕާސްޕޯޓެވެ.

މި ޕޯޓަލްއިން ވެކްސިނާ ގުޅޭ މައުލޫމާތުގެ އިތުރަށް، އެންމެ ފަހުން ހެދި ކޮވިޑް ޓެސްޓުތަކުގެ ނަތީޖާ އަދި ދަތުރުކުރުމުގައި ލިބިފައިވާ ލުއިތައް އެނގޭނެ އެވެ. އަދި ބޭނުން ޖެހިއްޖެ ހާލަތެއްގައި އިތުރު ލިޔެކިޔުމުގެ ބަދަލުގައި މި ޑިޖިޓަލް ޕާސްޕޯޓް ބޭނުން ކުރެވޭނެ އެވެ.

މި ޕޯޓަލްގައި ހުންނަ މައުލޫމާތަކީ އެ އިދާރާގެ ކޮވިޑް ދިފާއު ޕޯޓަލްއިން އެއްކުރެވިފައިވާ މައުލޫމާތެވެ. އަދި މި މައުލޫމާތު ދެވަނަ ފަރާތަކާ ހިއްސާ ކުރެވޭނީ އެ މީހަކު ބޭނުން ނަމަ އެކަންޏެވެ. އެގޮތުން 15 މިނެޓަށް ނޫނީ 30 މިނެޓަށް ނުވަތަ 24 ގަޑިއިރަށް އެ މައުލޫމާތު ތިންވަނަ ފަރާތަކަށް ފެންނަ ގޮތަށް ހެދޭނެ އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މި ވެކްސިން ޕާސްޕޯޓް އެތެރޭގެ ބޭނުންތަކުގެ އިތުރަށް، ބޭރަށް ދަތުރުކުރާ މީހުންނަށް ވެސް ބޭނުން ކުރެވޭނެ އެވެ. އެކަމަކު އެއީ އެ ގައުމަކުން ކަނޑައަޅާފައި އޮންނަ އުސޫލުގެ ތެރެއިން ހިނގާ ކަމަކަށް ވާތީ، ބޭނުން ވެއްޖެ ހިނދެއްގައި ލިޔެކިޔުން ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.

މި ޑިޖިޓަލް ޕާސްޕޯޓް ތައާރަފުކުރީ ވެކްސިން ނުޖަހާ މީހުންނަށް ބައެއް ކަހަލަ ހިދުމަތްތައް ހޯދަން އުނދަގޫ ވާނެ ގޮތަށް އުސޫލުތައް އެކުލަވާލާފައިވާ ދަނޑިވަޅެއްގަ އެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި މީހުން އެއްވެ އުޅޭ ބައެއް ތަންތަނަށް ދިޔުން މަނާކުރުން ފަދަ ކަންކަން ހިމެނެ އެވެ. އެހެންކަމުން މި ވެކްސިން ޕާސްޕޯޓްގެ ސަބަބުން މިކަންކަން ތަންފީޒުކުރަން އިތުރު ލުއިތަކެއް ލިބިގެން ދާނެ އެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ ބައެއް އެހެން ގައުމުތަކުން ވެސް ވަނީ ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ތައާރަފުކޮށްފަ އެވެ. އަދި އީޔޫ އާއި އެމެރިކާއިން ވެސް އަންނަނީ އެ ގައުމުތަކުގައި ބޭނުން ކުރެވޭނެ ޕާސްޕޯޓެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.