Advertisement

ކުޑަކުދިންނަށް އަންނަ ހަފުތާގައި ވެކްސިން ޖަހަން ފަށަނީ

11 އޮގަސްޓު 2021 - 16:15 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކުދިންތަކެއް ކްލާސް ރޫމްގައި: އަމާޒަކީ މި މަސް ނިމުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒު ދީ ނިންމުން ކަމަށް ރައީސް ވަނީ ވިދާޅުވެފަ-- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު


ކުޑަކުދިންނަށް އަންނަ ހަފުތާގައި ވެކްސިން ޖަހަން ފަށަނީ

11 އޮގަސްޓު 2021 - 16:15 0

ވެކްސިން ޖެހޭ އުމުރުގެ ކުދިންނަށް އަންނަ ހަފުތާގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެކްސިން ޖަހަން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި ކުޑަކުދިންނަށް ޖަހާނީ އެމެރިކާ އިން ރާއްޖެ އަށް ހަދިޔާކުރި ފައިޒާ ވެކްސިނެވެ. އެ ގައުމުން ހަދިޔާކުރި 128،000 ޑޯޒު ލިބުނީ އިއްޔެ އެވެ.

ފައިޒާ އަކީ މިހާތަނަށް ޑަބްލިޔުއެޗްއޯއިން ކުއްލި ބޭނުމަށް ހުއްދަ ދީފައިވާ ވެކްސިންތަކުގެ ތެރެއިން، ކުޑަކުދިންނަށް ރައްކާތެރި ހަމައެކަނި ވެކްސިނެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ 12 އަހަރުން މަތީގެ ދަރިވަރުންނަށް އަންނަ ހަފުތާގައި ވެކްސިން ޖަހަން ފަށަައި އަމާޒަކީ ވީހާވެސް އަވަހަށް ނިންމުން ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ އުމުރުން 12-18 އަހަރާ ދެމެދުގެ ކުދިންނަށް މި މަސް ނިމުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒު ދީ ނިންމުމެވެ.

"ދަރިވަރުންނަށް ރައްކާތެރިކަން"ގެ ނަމުގައި ތައުލީމީ ދާއިރާއަށް ހާއްސަކޮށްގެން ކެމްޕޭނެއް ވަނީ ފަށާފަ އެވެ. އެއީ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، ދަރިވަރުންނާ ގުޅުން ހުރި ހުރިހާ ފަރާތްތައް ވެސް ކޮވިޑުން ރައްކާތެރި ކުރުމަށް ފެށި ޕްރޮގްރާމެއް ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

އާބާދީގެ 90 ޕަސެންޓް މީހުންނަށް ވެކްސިން ޖަހައި ނިންމަން ވަނީ އަމާޒު ހިފާފަ އެވެ. ދުވާލަކު 5،000 މީހުންނަށް ވެކްސިން ޖެހޭ ވަރުގެ ގާބިލްކަން ހުއްޓަސް ސެންޓަރުތަކަށް މީހުންދާލެއް މަދުވުމުން ސަރުކާރަށް މަޖުބޫރުވީ ހިދުމަތްތައް ހޯދުމުގައި ދަތިތަކެއްކޮށްގެން ނަމަވެސް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެކްސިން އަވަހަށް ނިންމޭނެ ގޮތްތަކެއް ހޯދާށެވެ.

އާބާދީގެ ބޮޑު ބައެއް ވެކްސިން ޖަހާފައިވާ ނަމަ ދޭނެ ލުއިތައް ވެސް ދާދި ފަހުން ވަނީ އިއުލާންކޮށްފަ އެވެ. އުމުރުން 12 އަހަރުން މަތީގެ އެންމެން ހިމެނޭ ގޮތުން އެ ރަށެއްގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފި ނަމަ ޕީސީއާރު ނެތި ދަތުރުކުރެވޭނެ އެވެ.

އެކަމަކު ވެކްސިން ނުޖަހާ ނަމަ 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމުގެ އިތުރަށް ރިލީޒް ސާމްޕަލަށް އަންނަ މަހުން ފެށިގެން ފައިސާ ދައްކަން ޖެހޭނީ އަމިއްލަ ހަރަދުގަ އެވެ.