Advertisement

ހިރިމަރަދޫ ބެލެނިވެރިން ތިބީ ދަރިވަރުން ސްކޫލަށް ފޮނުވާ ގޮތަކަށް ނޫން

11 އޮގަސްޓު 2021 - 12:24 2

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ހިރިމަރަދޫ ސްކޫލު: އެ ސްކޫލުގައި މިވަގުތު ކިޔަވަމުން އަންނަނީ ޖުމްލަ 64 ދަރިވަރުން--


ހިރިމަރަދޫ ބެލެނިވެރިން ތިބީ ދަރިވަރުން ސްކޫލަށް ފޮނުވާ ގޮތަކަށް ނޫން

11 އޮގަސްޓު 2021 - 12:24 2

ހދ. ހިރިމަރަދޫ ސްކޫލުގައި ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލަތައް ހައްލު ކުރެވެންދެން ދަރިވަރުން ސްކޫލަށް ނުފޮނުވާނެ ކަމަށް ބެލެނިވެރިން ބުނެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން އިއްޔެ ފެށި ނަމަވެސް ހިރިމަރަދޫ ސްކޫލުގެ އެއްވެސް ދަރިވަރަކު ސްކޫލަކަށް ނުފޮނުވަ އެވެ. ސަބަބަކީ ބެލެނިވެރިން އެދެމުން އަންނަ ގިނަ ކަންތައްތަކެއް އެ ސްކޫލުން ފުރިހަމަކޮށްދީފައި ނުވުން ކަމަށް ރަށު ކައުންސިލުން ބުނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް އިއްޔެ ވަނީ އެ ރަށުގައި ބެލެނިވެރިންނާ ބައްދަލު ކޮށްފަ އެވެ. މިނިސްޓްރީން ބުނީ އެ ރަށުގެ ދަރިވަރުން މިއަދު ކިޔަވަން ފަށާނެ ކަމަށެވެ.

ގްރޭޑް 1-10 އަށް ކިޔަވައިދޭ އެ ސްކޫލުގައި ތިބެނީ 64 ދަރިވަރުންނެވެ.

ހިރިމަރަދޫ ކައުންސިލްގެ ނައިބް ރައިސް މުހައްމަދު އަރުޒަން "އަދަދު" އަށް ވިދާޅުވީ މިނިސްޓްރީން ދިޔަ ޓީމުގައި އެ ރަށު ބެލެނިވެރިންގެ ފަރާތުން އެދުނީ އެ ރަށު ސްކޫލުގައި މިހާރު ހުރި ކަންކަން ހައްލު ކުރާނެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް އެކަމަށް މިނިސްޓްރީގެ ފަރާތުން އެއްވެސް ބަހެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިނިސްޓްރީން އެދުނީ ކުދިން ސްކޫލަށް ފޮނުވަން، ކުދިން ސްކޫލަށް ގޮސް ކީއްކުރާނީ. އެެއްވެސް ގްރޭޑަކަށް ފޮތްތައް ހަމައެެއް ނޫން. ދެން ބުނީ ޕްރިންޓް ކުރާށޭ ކިޔަވައިދޭ ގަޑީގަ. އެންމެ ޕްރިންޓަރެއް އިންނަނީ. ކޮންމެ ގަޑިއެއްގަ އެކަން ކުރަން އެއީ ހައްލެއް ނޫން،" ކަމަށް އަރުޒާން ވިދާޅުވި އެވެ.

އަރުޒާން ވިދާޅުވި ގޮތުގައި މިއަދުވެސް އެ ރަށު އެއްވެސް ދަރިވަރަކު ސްކޫލަށް ނުފޮނުވަ އެވެ. ބެލެނިވެރިންގެ ފަރާތުން އެދުނު ކަންކަން މިނިސްޓްރީން ހައްލު ކުރަންދެން ނުވަތަ ހައްލު ކުރަން މުއްދަތެއް ދިނުމުން ނޫނީ ދަރިވަރުން ސްކޫލަށް ނުފޮނުވާނެ ކަމަށް މިނިސްޓްރީން އައި ޓީމުގައި ވެސް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކިޔެވޭނެ ރަނގަޅު މާހައުލެއް ގާއިމް ނުކުރެވި، ޖީސީގައި ނަތީޖާ އަންނަ އިރު އެއްކޮށް ހުރިހާ ކުދިން ފެއިލްވާކަށް ނޫން ކަންނޭގެ ދަރިވަރުން ސްކޫލަށް އަންނަނީ. ބައެއް މާއްދާތަކުން ޖީސީގައި އެބަ ހުރި ހަމަ އެއްވެސް ކުއްޖަ ފާސް ނުވެ، ހަމަ ޒީރޯ ޕަސަންޓޭޖުގަ،" އޭނާ ވިދާޅުވި އެވެ.

އެ ރަށު ބެލެނިވެރިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި 13-15 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ޓީޗަރުން ތިބުމާއި އެ ޓީޗަރުންގެ ފަރާތުން މިހާތަނަށް ވެސް އެއްވެސް ރަނގަޅު ނަތީޖާއެއް ނެރެވިފައި ނުވުމެވެ. އަދި ރަށުގައި ބިދޭސީ ޓީޗަރުން ގިނަވުމާއި ރަށު ސްކޫލްގައި އިންޑިއާގެ ޕްރިންސިޕަލްއެއް ހުރުމުން ބެލެނިވެރިން ބޭނުންވަނީ ދިވެހި ރަނގަޅު ޕްރިންސިޕަލެއް ކަމަށް އަރުޒާން ވިދާޅުވި އެވެ.