Advertisement

އަނަސް އަށް ފިނޭންސްގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި

10 އޮގަސްޓު 2021 - 14:20 3

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ފިނޭންސްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މިއަދު އައްޔަނުކުރެއްވި އަނަސްއަށް އެކަމުގެ ލިޔުން ރައީސް ސޯލިހު ހަވާލުކުރައްވަނީ. -ފޮޓޯ: ރައީސް އޮފީސް


އަނަސް އަށް ފިނޭންސްގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި

10 އޮގަސްޓު 2021 - 14:20 3

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި އަނަސް އަބްދުއްސައްތާރު އަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފި އެވެ.

އަނަސް ވަނީ 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އެމްޑީޕީގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމު ފުރުއްވައިފަ އެވެ.

އޭނާ އަކީ މާލީ ދާއިރާގެ ތަޖުރިބާކާރެއް ނޫން ނަމަވެސް، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކާއި މުއައްސަސާތަކުގައި ވަކީލުކަން ކުރައްވާފައިވެ އެވެ. މީގެ ތެރޭގައި މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، ބްރޯޑްކާސްޓިން ކޮމިޝަން އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނެ އެވެ. އަދި އޭނާ ވަނީ ވަކާލާތު ޗޭންބާސްގެ މެނޭޖިންގް ޕާޓްނަރުކަން ވެސް ކުރައްވައިފަ އެވެ.

ޕާކިސްތާނުގެ އިންޓްނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިން ބެޗަލާ އޮފް ލޯސް އެލްއެލްބީ (ހޮނާސް) ޝަރީއާ އެންޑް ލޯ ހާސިލު ކުރައްވައިގެން ހުންނެވި އަނަސް ވަނީ 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ޖޫންމަހުގެ ނިޔަލަށް ރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރެއްގެ މަގާމު ފުރުއްވައިފަ އެވެ.

އަނަސްއާއެކު މިވަގުތު ފިނޭންސް މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ހަތަރު ބޭފުޅުން ތިއްބަވާނެ އެވެ.