Advertisement

ރާއްޖޭގެ ޒުވާން ތަރި އީތަން އަށް ރެޝްފޯޑްގެ ސަމާލުކަން

9 އޮގަސްޓު 2021 - 01:19 2

ރެޝްފޯޑް (ކ) އާއި އީތަން (ވ).


ރާއްޖޭގެ ޒުވާން ތަރި އީތަން އަށް ރެޝްފޯޑްގެ ސަމާލުކަން

9 އޮގަސްޓު 2021 - 01:19 2

ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު ގޮތުގައި ގިނަ ބަޔަކު ސިފަކުރަނީ މިހާރު އަރަމުން އަންނަ 13 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމެވެ. އޭގެ ތެރެއިން ހާއްސަ އެއް ކުޅުންތެރިއަކީ އީތަން އިބްރާހިމް ޒަކީ އެވެ. އޭނާ އަކީ ޒުވާން އުމުރުގައި ވެސް ބައިނަލްއަގުވާމީ ތަޖުރިބާ ރަނގަޅު ލެވަލަކަށް ލިބިފައިވާ ކުޅުންތެރިއެކެވެ. އީތަންގެ ހަޔާތުގައި މިރޭ މި ވަނީ ހަނދާނުން ފޮހެލަން އުނދަގޫ ވަގުތު ކޮޅެއް ކުރިމަތިވެފަ އެވެ.

ޓްވިޓާގައި އަލްމާ އަލީލް ހިއްސާކުރި ޕޯސްޓެއްގައި ލިޔެފައިވަނީ އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް ކުޅުމުގެ އުއްމީދުގައި ހުރި އުމުރުން 12 އަހަރުގެ އީތަން އަށް މެންޗެސްޓާ ޔުނައިޓެޑްގެ ތަރި މާކަސް ރެޝްފޯޑްގެ ހަޔާތާ ބެހޭ ފޮތެއް ލިބިގެންދިއުމަކީ އެ ފޮތުގެ އެހީގައި އެންމެ މޮޅު ކުޅުންތެރިއަކަށް ވުމަށް އީތަން ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށެެވެ.

އަދި އެ ޓްވީޓްގައި ވަނީ އަރަމުން އަންނަ ޖީލަށް ޓަކައި އެ ފަދަ ފޮތެއް ނެރުމަށް ކުރި މަސައްކަތަށް ރެޝްފޯޑަށް ޝުކުރު އަދާކޮށްފަ އެވެ. އެ ޓްވީޓަށް ރެޝްފޯޑްގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ ޖަވާބު ދީފަ އެެވެ. ރެޝްފޯޑް ވަނީ އެ މަންޒަރު ހިއްސާކުރީތީ އުފާކުރާ ކަމަށް ބުނެފަ އެވެ.

އެފްއޭއެމް ފައުންޑޭޝަންގެ އެންމެ ހަގު އެމްބަސަޑަރުގެ ގޮތުގައި ހުރި އީތަން އަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލުގެ ގޮތުގައި ގިނަ ބަަޔަކު ފާހަގަކުރެ އެވެ. އެއީ އީތަންގެ ފަރާތުން ޒުވާން އުމުރުގައި ފެންނަ އާދަޔާހިލާފު މޮޅު ކުޅުމުގެ ސަބަބުންނެވެ.

ކުރިން ނިއު ރޭޑިއަންޓް އެކެޑަމީ އާއި ޓީސީ ސްޕޯޓްސް އެކެޑަމީގައި ތަމްރީންތައް ފުރިހަމަކުރި އީތަން މިހާރު ޓްރެެއިނިންތައް ކުރިއަށް ގެންދަނީ ކްލަބް ވެލެންސިއާގެ އެކެޑަމީގަ އެވެ. އޭނާގެ ކޯޗުންގެ ގޮތުގައި އެ ހުރިހާ ޓީމެއްގައި ވެސް މައިގަނޑު ގޮތެއްގައި މަސައްކަތްކޮށްފައިވަނީ އެއް ކޯޗުންތަކެކެވެ. އެ ގޮތުން އެންމެ ފުރަތަމަ އީތަން ގޮވައިގެން ޓްރެއިނިންގައި އުޅުނު ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޔޫސުފް އަޒީމް (ޔޫއްޓެ) އާއި ފަރީދު މުހައްމަދު (ފަރިއްޓެ) ފެށި ދުވަސްވަރު އިސް މަސައްކަތްތަކެއް ކުރި އެވެ. ފަހުން ސޮބާހު މުހައްމަދު (ސޮބާ)ގެ ކޯޗުކަމުގައި ވެސް އީތަން އަންނަނީ ގިނަ ކަންތައްތަކެއް ދަސްކުރަމުންނެވެ.

މިހާތަނަށް ރާއްޖޭން ބޭރުން ލިބޭ ފުރުސަތުތަކުގެ ބޭނުން އީތަން ވަރަށް ރަނގަޅަށް ހިފަ އެވެ. ލަންކާ އެކެޑަމީ މެދުވެރިވެ އީތަން ވަނީ އިންގްލެންޑަށް ގޮސްފަ އެވެ. އަދި ތައިލެންޑުގެ ޔޫތު ޓީމަކާ އެކު ސްޕެއިނާއި ފްރާންސްގެ މުބާރާތްތަކެއްގައި ކުޅެފައިވެ އެވެ.

އީތަން: މުސްތަގުބަލު އޮތް ހުނަރުވެރި މޮޅު ކުޅުންތެރިއެއް.-- ފޮޓޯ: އަވްޝަން އިލްޔާސް


އޭގެ އިތުރުން މިދިޔަ އަހަރު ދުބާއީގައި ބޭއްވި އިންޓަ ކޮންޓިނެންޓަލް މުބާރާތުގައި ގައުމީ 13 އަހަރުން ދަށުގެ ޓީމުގައި ހިމެނިގެން އީތަން ވަނީ ދުނިޔޭގެ މަޝްހޫރު ޓީމުތަކާ ކުޅެފަ އެވެ. އޭގެ ތެރެއިން އީތަން އަށް ހާއްސަ ތަޖުރިބާ އަކީ އާސެނަލާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗެވެ. އެ ދުވަހު ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އީތަން އެވެ.

ޕްރޮފެޝަނަލްކޮށް ފުޓްބޯޅައިގައި ކުރިއަށް ދިއުމުގެ ގޮތުން އާޖީލަކަށް ޕްރޮގްރާމްގައި ވެސް ބައިވެރިވަމުން އަންނަ އީތަން ވަނީ 2019 ވަނަ އަހަރު ޓޫރިޒަމް ދުވަހު ބޭއްވި ކިޑްސް ފުޓްބޯލް ފިއެސްޓާގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނި ދުބާއީގައި ސްޕެއިނުގެ ކުރީގެ ޑިފެންޑަރު މިޝެލް ސަލްގާޑޯ ހިންގާ އެކެޑަމީގައި ތަމްރީން ހެދުމުގެ ފުރުސަތު ހޯދައިފަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ޑިސެމްބަރުގައި ޓީސީ އެކެޑަމީއާ އެކު ތައިލެންޑް އިންޓަނޭޝަނަލް ޔޫތު ކަޕްގައި ކުޅެ ރިހި މެޑަލް ހޯދި ޓީމުގައި ވެސް އީތަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ސްޕެއިނުގެ ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް (ޓީއެންޖީއެސް) އިން ކުރިއަށް ގެންދިޔަ ވާޗުއަލް ކޭމްޕްގެ ބެޗްގެ މަތީ ވަނައެއް ހޯދައި ސްޕެއިނަށް ޓްރެއިނިން ކޭމްޕެއް ދިއުމުގެ ފުރުސަތެއް ވެސް އީތަން ހޯދި އެވެ.

އީތަން ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިއަކަށް ހެދުމަށް އެންމެ ބޮޑަށް އެހީތެރިވަނީ އޭނާގެ މައިންބަފައިންނެވެ. އެންމެ ތުއްތުއިރުން ފެށިގެން އީތަން ފުޓްބޯޅަ އަށް ހާއްސަ ޝައުގެއް ހުންނަކަން ފާހަގަވެ، އޭނާ އަށް ކޮށްދޭން ޖެހޭ ކަންތައްތައް އެންމެ ކުޑައިރުން ފެށިގެން ޝެޑިއުލް ރާވައިގެން ކުރިއަށްގެންދަނީ ކުޅެެން ވަގުުތު ލިބޭ ގޮތަށެވެ. އާންމު ގޮތެއްގައި ރާއްޖޭން ބޭރަށް ޗުއްޓީ އަކަށް ދާއިރު ވެސް އީތަން އަށް ޓްރެއިނިން ކޭމްޕެއް ލިބޭތޯ ގިނަ ގޮތްގޮތުން ބަލަ އެވެ.