Advertisement

ސްޕެއިން ބަލިކޮށް ބްރެޒިލުން އޮލިމްޕިކް ރަން މެޑަލް ދިފާއުކޮށްފި

7 އޮގަސްޓު 2021 - 19:33 0

ޗެމްޕިއަންކަން ހޯދުމަށް ފަހު ބްރެޒިލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ސްޕެއިން ބަލިކޮށް ބްރެޒިލުން އޮލިމްޕިކް ރަން މެޑަލް ދިފާއުކޮށްފި

7 އޮގަސްޓު 2021 - 19:33 0

ޓޯކިޔޯ (އޮގަސްޓް 7) - ޓޯކިޔޯ އޮލިމްޕިކްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓް ފައިނަލުގައި ވަރުގަދަ ސްކޮޑަކާ އެކީ އޮތް ސްޕެއިން އަތުން 2-1 އިން މޮޅުވެ، ބްރެޒިލުން ރަން މެޑަލް ދިފާއުކޮށްފި އެވެ.

މިއީ އޮލިމްޕިކްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓްގައި ބްރެޒިލުން ޖެހިޖެހިގެން ކުޅުނު ތިން ވަނަ ފައިނަލެވެ. ލަންޑަން އޮލިމްޕިކްސްގައި 2012 ވަނަ އަހަރު ބްރެޒިލް ބަލިވީ ފައިނަލްގައި މެކްސިކޯ އަތުންނެވެ. އޭގެ ފަހުން 2016 ވަނަ އަހަރު އަމިއްލަ ފަސް ގަނޑުގައި ވަނީ ޖަރުމަނު ބަލިކޮށް ރަން މެޑަލް ހޯދައިފަ އެވެ. އަދި މިރޭ ވަރުގަދަ ސްޕެއިން ބަލިކޮށް ބްރެޒިލުން ކާމިޔާބީ ދިފާއުކުރީ އެވެ.

ބްރެޒިލުން 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ތަށި އުފުލާލި ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލުގައި ބްރެޒިލްގެ ޒުވާން ޓީމުން މި ވަނީ ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ. ތޭވީސް އަހަރުން ދަށަށް ހާއްސަކޮށްގެން ކުޅޭ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓްގައި ސީނިއާ ތިން ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮވެ އެވެ.

ރިއޯގައި 2016 ވަނަ އަހަރު ބޭއްްވި އޮލިމްޕިކްސް ކާމިޔާބުކުރި ބްރެޒިލްގެ އެއްވެސް ކުޅުންތެރިއަކު މި ފަހަރުގެ ސްކޮޑުގައި ނުހިމެނެ އެވެ. ސްކޮޑުގައި ހިމުނު ކުޅުންތެރިންގެ ތެރެއިން މި ކާމިޔާބީ އެންމެ ހާއްސަވާނީ ޓީމުގެ ކެޕްޓަން ޑެނީ އަލްވޭސް އަށެވެ. އުމުރުން 38 އަހަރުގެ އަލްވޭސް އަށް އޮލިމްޕިކްސް އިން މި ލިބުނު ރަން މެޑަލަކީ އޭނާ ފުރިހަމަ ކެރިއަރުގެ 44 ވަނަ ކާމިޔާބީ އެވެ.

މެޗު ނިމުމުން އަލްވޭސް އެ ޓީމުގެ ބައެއް ކުޅުންތެރިންނާ އެކު.-- ފޮޓޯ: އޭއެފްޕީ


މިރޭގެ ފައިނަލުގައި ލީޑުނަަގައިދޭން ބްރެޒިލްގެ ރިޗާލިސަން ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އެކަމަކު، ބްރެޒިލުން ފުރަތަމަ ހާފު ނިންމާލީ ކުރީގައި އޮވެގެންނެވެ. އަލްވޭސް ދިން ބޯޅައަކުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބްރެޒިލަށް ލީޑުނަގައިދިނީ މަޓެއަސް ކޫނިއާ އެވެ.

ދެ ވަނަ ހާފް ފެށިގެން ދެ ބަދަލެއް ސްޕެއިނުން ގެނަ އެވެ. ކާލޯސް ސޮލާ އާއި ބްރަޔާން ހިލް ކުޅެން އެރުވި އެވެ. އެ ދެ ކުޅުންތެރިން ގުޅިގެން އުފެއްދި އެޓޭކެއްގައި މެޗުގެ 60 ވަނަ މިނިޓްގައި ސްޕެއިނަށް އެއްވަރުކޮށްދިނީ މިކޭލް އޮޔާޒަބާލް އެވެ. އޮޔާޒަބާލް އެ ގޯލު ޖެހުމުގެ ކުރިން ރިޗާލިސަން އަތުން ވަނީ ބްރެޒިލަށް ލީޑުފުޅާކޮށްދޭން ލިބުނު ރަނުގެ ފުރުސަތެއް ގެއްލިފަ އެވެ. ރިޗާލިސަން ޖެހި ބޯޅަ ގޯލުގެ ހުރަސްދަނޑި އަށް އަމާޒުވީ ސްޕެއިނުގެ ކީޕަރު އުނާއި ސިމޯން އަތުގައި ޖެހިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ސްޕެއިނުން ފޮނުވާލި ދެ ހަަމަލާއެއް ވަނީ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. ސްޕެއިނުގެ ފުލްބެކް އޮސްކާ ހިލް ނެގި ހުރަސް ބްރެޒިލްގެ ކީޕަރު ސަންޓޯސް އަތްމަތިން އޮއްސިގެން ގޮސް އަމާޒުވީ ހުރަސްދަނޑިއަށެވެ. އޭގެ ފަހުން އޭރިއާބޭރުން ބްރަޔާން ހިލް ޖެހި ބާރު ބޯޅަ ވެސް އަމާޒުވީ ހުރަސްދަނޑިއަށެވެ.

ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފްގެ ތެރެއިން ދެ ވަނަ ހާފުގައި ބްރެޒިލް މޮޅުވި ގޯލު ޖެހީ މެލްކަމް އެވެ. ބްރެޒިލްގެ އެންތޮނީ މަތިން ފޮނުވާލި ބޯޅައެއް ސްޕެއިނުގެ ފުލްބެކް ހީސޫސް ވައޭހޯ އަތުން ހޯދުމަށް ފަހު މެލްކޮމް ވަނީ އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ބްރެޒިލުން ރަން މެޑަލް ހޯދިއިރު، ސްޕެއިނަށް ވަނީ 2000 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ރިހި މެޑަލް ލިބިފަ އެވެ. އަދި މެކްސިކޯ އިން ވަނީ ޖަޕާން ބަލިކޮށް ލޯ މެޑަލް ހޯދައިފަ އެވެ. ބްރެޒިލަކީ އޮލިމްޕިކް ރަން މެޑަލް ދިފާއުކުރި ފަސް ވަނަ ގައުމެވެ. މީގެ ކުރިން ގްރޭޓް ބްރިޓިއަން، އުރުގުއޭ، ހަންގޭރީ އަދި އާޖެންޓީނާ އިން ވަނީ އޮލިމްޕިކް ރަން މެޑަލް ދިފާއުކޮށްފަ އެވެ.