Advertisement

ތިން ވަނަ ޑިވިޝަން އަލުން ފެށި މެޗުން ޓެންޓް މޮޅުވެއްޖެ

6 އޮގަސްޓު 2021 - 22:21 0

ޓެންޓް ސްޕޯޓްސް ކްލަބުން މިއަދުގެ މެޗަށް ނެރުނު ފުރަތަމަ އެގާރަ.-- ފޮޓޯ: ޓެންޓް ސްޕޯޓްސް ކްލަބް


ތިން ވަނަ ޑިވިޝަން އަލުން ފެށި މެޗުން ޓެންޓް މޮޅުވެއްޖެ

6 އޮގަސްޓު 2021 - 22:21 0

ތިން މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު މިއަދު ހަވީރު އަލުން ފެށި އެފްއޭއެމް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން ޓެންޓް ސްޕޯޓްސް ކްލަބުން 6-2 އިން ތުޅާދޫ އެވެންޗާސް ސްޕޯޓްސް ބަލިކޮށްފި އެވެ.

މި މެޗަކީ މެއި މަހުގެ ހަތަރު ވަނަ ދުވަހު ކުޅެން ޝެޑިއުލްކޮށްފައި އޮތް މެޗެކެވެ. އޭރު ކޮވިޑްގެ ހާލަތު މާލޭގައި ގޯސްވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުޅިވަރު ހަރަކާތްތައް ހުއްޓާލަން އެންގި އެންގުމަށް ބޯލަނބައި ތިން ވަނަ ޑިވިޝަން ވެސް މެދުކަނޑާލީ އެވެ.

އެއީ ތިން ވަނަ ޑިވިޝަން މެދުކަނޑާލި ދެ ވަނަ ފަހަރެވެ. މުބާރާތް ދިގުލައި ގޮސް ޓީމުތަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އެންމެ ފުރަތަމަ ޝެޑިއުލް ކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެކަމަކު މުބާރާތް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ފަސްކުރަން ޖެހުނީ އޭރު ވެސް ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުގައި ގިނަވާތީ އެޗްޕީއޭގެ އެންގުމަށް ކުޅިވަރު ހަރަކާތްތައް ހުއްޓާލަން ޖެހުމުންނެވެ. މުބާރާތް އަލުން ފެށުނީ މިދިޔަ އޭޕްރީލް މަހު 18 ވަނަ ދުވަހު އެވެ.

މިއަދު ހަވީރު ޓާފް ދަނޑުގައި ކުޅުނު މެޗުގައި ތުޅާދޫ އަތުން ޓެންޓް މޮޅުވީ ރަނގަޅު ކުޅުމެއް ދެއްކުމަށް ފަހު އެވެ. ޓެންޓްގެ ގޯލުތައް ޖެހީ އަބްދުﷲ ޒުބައިރު، އަބްދުﷲ ސުޒައިރު، އިސްމާއިލް ނާޝިދު، އަހުމަދު ޝަރީފް އަދި އަކްމަލް މުހައްމަދު އެވެ. ތުޅާދޫގެ ގޯލުތައް ކާމިޔާބުކުރީ އަހުމަދު ރަޝީދާއި މުހައްމަދު އަޒްލިފް އެވެ.

މި މެޗުން މޮޅުވެ ޓެންޓް ވަނީ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ޓެންޓް މި ފަހަރުގެ ތިން ވަނަ ޑިވިޝަނާ ކުރިމަތިލީ ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ ގޮތަށް ރަނގަޅު ސްކޮޑަކާ އެކު އެވެ.

ކޮވިޑްގެ ހާލަތު މިދިޔަ މެއި މަހު ގޯސްވެގެން ފުޓްބޯޅަ ކަލަންޑަރަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެފްއޭއެމުން ވަނީ ފުޓްބޯޅަ ސީޒަން އަވަހަށް ވަނީ ނިންމާލައިފަ އެވެ.

އެ ގޮތުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރާ ހަމައިން ލީގު ނިންމާލިއިރު، އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްލި އެވެ. އެކަމަކު، މި ފަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ގިނަ މެޗު ކުޅެފައިވާތީ އެފްއޭއެމުން ނިންމީ ތިން ވަނަ ޑިވިޝަން ފުރިހަަމަ ކުރުމަށެވެ. އެއީ ދެ ވަަނަ ޑިވިޝަން ކުޅެވެން އޮތީ ތިން ވަނަ ޑިވިޝަނުން ޓީމުތަކެއް ޕްރޮމޯޓްވެގެން ކަމަށްވާތީ އެވެ. އަނެއް ކޮޅުން ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މި ފަހަރު މި ކުޅެނީ އެއް ސީޒަނުގެ މެދުކެނޑުމަކަށް ފަހު ކަމަށްވާތީވެ، އެފްއޭއެމުން މި ފަހަރު އެ މުބާރާތް ފުރިހަމަ ކުރަން ނިންމީ އެވެ.

ޖުމްލަ 15 ޓީމު ބައިވެރިވާ މި ފަހަރުގެ ތިން ވަނަ ޑިވިޝަން ބަހާލާފައިވަނީ ހަތަރު ގްރޫޕަކަށެވެ. ފުރަތަމަ ތިން ގްރޫޕްގެ ތެރެއިން ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭނެ އެވެ. ފަހު ގްރޫޕްގައި ވާދަކުރާނީ ތިން ޓީމެވެ. ކޮންމެ ގްރޫޕަކުން ދެ ޓީމު ކުއާޓާ އަށް ދަތުރުކުރާނެ އެވެ.

މުބާރާތުގައި މިރޭ ކުޅެނީ ވިލިމާލެ ޔުނައިޓެޑާއި ބެންޗް ސްޕޯޓްސް ކްލަބް އެވެ. އެ މެޗު ހިމަނައިގެން ގްރޫޕް ސްޓޭޖުގައި ބާކީ ދެން އޮތީ ފަސް މެޗެވެ. ކުއާޓާ ފައިނަލް މެޗުތައް އަންނަ ބުދަ އާއި ބުރާސްފަތި ދުވަހު (ދުވާލަކު ދެ މެޗު) ކުޅުމަށް ފަހު ސެމީ އޮންނާނީ މި މަހު 15 އާއި 16 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅޭނީ މި މަހު 19 ވަނަ ދުވަހު އެވެ.