Advertisement

އޮލިމްޕިކްސް: ޖަޕާނުން ހިމާޔަތް ދިން ބެލަރޫސްގެ އެތުލީޓް ޕޮލެންޑަށް ފުރައިފި

4 އޮގަސްޓު 2021 - 09:48 0

ކްރިސްޓީނާ އެއާޕޯޓްގައި ޖަޕާނުގެ ފުލުހުންނާ ވާހަކަ ދައްކަނީ.


އޮލިމްޕިކްސް: ޖަޕާނުން ހިމާޔަތް ދިން ބެލަރޫސްގެ އެތުލީޓް ޕޮލެންޑަށް ފުރައިފި

4 އޮގަސްޓު 2021 - 09:48 0

ޓޯކިޔޯ (އޮގަސްޓް 4) - ބެލަރޫސްގެ އޮލިމްޕިކްސް ޓީމުން ގަދަބާރުން ވަކިކޮށް އެނބުރި ގައުމަށް ގެންދަން މަސައްކަތްކުރި ސްޕްރިންޓަރު ކްރިސްޓީނާ ޓިމަނޯވްސްކާޔާ އަށް ޖަޕާނުން ހިމަޔާތް ދިނުމަށް ފަހު ޕޮލެންޑަށް ފުރުވާލައިފި އެވެ.

ބެލަރޫސްގެ އޮލިމްޕިކް ކޮމިޓީން މި ފަހަރުގެ އޮލިމްޕިކްސް ޓީމުން ކްރިސްޓީނާ، 24، ވަކިކޮށް އެނބުރި ގައުމަށް ގެންދަން ނިންމީ އޭނާ ޓީމުގެ ކޯޗުންނަށް ފާޑުކިޔުމުންނެވެ. ކޯޗުންނަށް ފާޑުކިޔަން ކްރިސްޓީނާ ނިންމީ އޭނާ ފަރިތަނުކުރާ އިވެންޓެއްގައި ވާދަކުރަން މަޖުބޫރުކުރާތީ އެވެ.

ކްރިސްޓީނާ 200 މީޓަރު ރޭހުގައި ވާދަކުރަން ނިންމައިގެން ހުއްޓައި ބެލަރޫސް ޓީމުން އެންގީ ހަތަރެއް ގުނަ 400 މީޓަރު ރިލޭ ރޭހުގައި ބައިވެރިވާށެވެ. އެއީ ގަސްދުގައި އޭނާ ފެއިލްކޮށްލަން ކުރެވޭ ކަމެއް ކަމަށް ބުނެ، ކްރިސްޓީނާ ހިޔާލު ފާޅުކުރުމާ އެކު ބެލަރޫސް ޓީމުން ނިންމީ އޭނާ ވަގުތުން ގައުމަށް ފޮނުވާލާށެވެ.

މިދިޔަ ބުދަ ދުވަހު ކްރިސްޓީނާ ފުރުވާލަން އެއާޕޯޓަށް ގެންގޮސް ހުއްޓައި އޭނާ ވަނީ ޖަޕާން ފުލުހުންގެ ހިމާޔަތަށް އެދިފަ އެވެ. އެއާ އެކު ޖަޕާން ފޮރިން މިނިސްޓްރި އާއި ޓޯކިޔޯ އޮލިމްޕިކްސްގެ އޮގަނައިޒިން ކޮމިޓީ އަދި ޖަޕާންގެ އޮލިމްޕިކް ކޮމިޓީން އިސްވެ، ކްރިސްޓީނާ އަށް ހިމާޔަތްދީ ޓޯކިޔޯގައި ހުންނަ ޕޮލެންޑްގެ އެމްބަސީ އަށް އޭނާ ގެންދިޔަ އެވެ. ޕޮލެންޑުން މިހާރު ވަނީ ކްރިސްޓީނާ އަށް ހާއްސަ ވިސާއެއް ހަމަޖައްސައި ދީފަ އެވެ.

"މިއީ އަހަރެން ސިޔާސީ މަންފާއެއް ހޯދަން ކުރި ކަމެއް ނޫން. މިއީ ނާއިންސާފުން އަހަރެންގެ ކޯޗުން އަހަންނާ މެދު އަމަލުކުރަން އުޅޭތީ އަމިއްލަ ހައްގުގައި އަޑުއުފުލަން ކުރި ކަމެއް. އަހަރެން އަމިއްލަ ގައުމު ދެކެ ލޯބިވޭ. މިއީ ގައުމަށް ގައްދާރުވާން ކުރި ކަމެއް ނޫން،" މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ކްރިސްޓީނާ ބުންޏެވެ.

ބައިނަލްއަގުވާމީ އިވެންޓެއްގެ ތެރެއިން ކްރިސްޓީނާ،


ބެލަރޫސް ޓީމުން ތުހުމަތުކުރާ ގޮތުގައި ކްރިސްޓީނާ ހުރީ ނަފްސާނީ ގޮތުން ބަލާއިރު އެންމެ ރަނގަޅު ހާލަތެއްގައެއް ނޫނެވެ. އެކަމަކު، ކްރިސްޓީނާ އެ ވާހަކަތައް ދޮގުކުރެ އެވެ. އޭނާ ބުނީ ބެލަރޫސް ޓީމުން އެ ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނަމަ ނަފްސާނީ ގޮތުން ރަނގަޅު ހާލަތެއްގައި ނެތް އެތުލީޓަކު އޮލިމްޕިކްސް އަށް ގެންނަން ބެލަރޫސް ޓީމުން ނިންމި ސަބަބެއް ވެސް ބަލަން ޖެހޭނެ ކަމަށެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން އަންނަނީ މިހާރު މި މައްސަަލަ ތަހުގީގު ކުރަމުންނެވެ. އައިއޯސީން ވަނީ ކަންތައްތައް ހިނގާދިޔަ ގޮތުގެ ރިޕޯޓެއް ހުށަހަޅަން ބެލަރޫސްގެ އޮލިމްޕިކް ކޮމިޓީ އަށް އަންގައިފަ އެވެ.

ޖަޕާން މަގުން މިއަދު ހެނދުނު ކްރިސްޓީނާ ދާގޮތަށް ހަމަޖެހިފައި އޮތީ ޕޮލެންޑްގެ ވޯސޯ އަށެވެ. އެކަމަކު، ފަހު ވަގުތު އޭނާ ނިންމީ ވިއޭނާ އަށް ދިއުމަށެވެ. އެއީ އޭނާ ބޭނުންވާ ރައްކާތެރިކަން ކަށަވަރުވާން އޮތީ ވިއޭނާ އަށް ގޮސްގެން ކަމަށްވާތީ އެވެ.

ކްރިސްޓީނާ އަލުން ބެލަރޫސް އަށް ދާން ބޭނުންނުވި ސަބަބަކީ އޭނާ އެ ގައުމުގެ އޮލިމްޕިކް ކޮމިޓީ އަށް އެހާ ހާމަކަން ބޮޑު ގޮތަކަށް ފާޑުކިޔުމަށް ފަހު އެ ގައުމަށް ގޮސްފިނަމަ ރައްކާތެރިކަން ކަށަވަރުނުވާތީ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަަނަލް އިން ރިޕޯޓްކުރާގޮތުގައި ބެލަރޫސް އަށް އެނބުރި ނުދާން ކްރިސްޓީނާ ނިންމީ ރަނގަޅަށެވެ. އެއީ ބެލަރޫސް ސަރުކާރުން ވެސް އެ ގައުމުގެ އެތުލީޓުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ނުކުޅެދިފައިވާ ކަމަށް އެމްނެސްޓީ އަށް ގަބޫލުކުރެވޭތީ އެވެ.