Advertisement

އޮލިމްޕިކްސް: މެޑަލް ތާވަލުގެ އެއް ވަނަ އެމެރިކާ އަށް

9 އޮގަސްޓު 2021 - 11:01 0

ެއެެމެރިކާގެ އަންހެން ވޮލީ ޓީމު.-- ފޮޓޯ: އޭއެފްޕީ


އޮލިމްޕިކްސް: މެޑަލް ތާވަލުގެ އެއް ވަނަ އެމެރިކާ އަށް

9 އޮގަސްޓު 2021 - 11:01 0

ޓޯކިޔޯ (އޮގަސްޓް 9) - އިއްޔެގެ ނިޔަލަށް މި ފަހަރުގެ ޓޯކިޔޯ އޮލިމްޕިކްސް ނިމުނުއިރު، މެޑަލް ތާވަލުގެ އެއް ވަނަ އަނެއްކާ ވެސް އެމެރިކާ އިން ހޯދައިފި އެވެ.

އެމެރިކާ އިން ވަނީ 1996 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި ކޮންމެ އޮލިމްޕިކްސް އެއްގެ ވެސް މެޑަލް ތާވަލުގެ އެއް ވަނަ ހޯދައިފަ އެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި އެމެެރިކާގެ 626 އެތުލީޓުން ވާދަކުރިއިރު، އެ ގައުމުން ވަނީ ޖުމްލަ 113 މެޑަލް ހޯދައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 39 ރަން މެޑަލާއި 41 ރިހި މެޑަލް އަދި 33 ލޯ މެޑަލް އެވެ.

އެމެރިކާ އަށް މެޑަލް ތާވަލުގެ އެއް ވަނަ ލިބުމުގައި ގޭމްސްގެ ފަހު ދުވަހުގައި އެ ޓީމުން ހޯދި ކާމިޔާބީތައް ފާހަގަކޮށްލެވެ އެވެ. އެ ގޮތުން އަންހެން ވޮލީބޯޅަ އާއި އަންހެން ބާސްކެޓްބޯޅަ ޓީމުން ކުރި ހިތްވަރު ފާހަގަކުރަން ޖެހެ އެެވެ.

ޓޯކިޔޯ އޮލިމްޕިކްސްގެ މެޑަލް ތާވަލު.-- ގްރެފިކްސް: ބީބީސީ


ދެ ވަނަ އަށް ދިޔަ ޗައިނާ އަށް ޖުމްލަ ލިބުނީ 88 މެޑަލް އެވެ. ޗައިނާ އިން ވަނީ 38 ރަން މެޑަލް ހޯދައިފަ އެވެ. އަދި 32 ރިހި މެޑަލާއި 18 ލޯ މެޑަލް ހޯދި އެވެ. ގޭމްސްގެ ހޯސްޓް ޖަޕާން ތިން ވަަނަ އަށް ދިޔައީ 58 މެޑަލް ހޯދައިގެންނެވެ. އޭގެ ހިމެނެނީ 27 ރަން މެޑަލާއި 14 ރިހި މެޑަލް އަދި 17 ލޯ މެށަލް އެވެ. ހަތަރެއްގައި އޮތީ ގްރޭޓް ބްރިޓިއަން އެވެ. އެ މީހުންނަށް ޖުމްލަ 65 މެޑަލް ލިބުނަސް މެޑަލް ތާވަލުގައި ފަހަތުގައި އޮތީ ރަން މެޑަލް މަދުވުމުންނެވެ. ގްރޭޓް ބްރިޓިއަން އަށް 22 ރަން މެޑަލް ލިބުނުއިރު، 21 ރިހި މެޑަލް އަދި 22 ލޯ މެޑަލް ވަނީ ލިބިފަ އެވެ.

ފަސް ވަނައިގައި ނިންމީ ރަޝިއަން އޮލިމްޕިކް ކޮމިޓީ (އާރްއޯސީ) އެވެ. ރަޝިއާ ސަސްޕެންޝަނެއްގައި އޮތުމުން އޮލިމްޕިކްސްގައި އެ ގައުމުގެ އެތުލީޓުން ވާދަކުރުމުގެ ފުރުސަތު ދިނީ އާރްއޯސީގެ ނަމުގަ އެވެ. މިއީ ރަޝިއާ އިން 2004 ވަނަ އަހަރަށް ފަހު އެންމެ ގިނަ މެޑަލް ހޯދި ފަހަރެވެ. އެކަމަކު، އަމިއްލަ ގައުމުގެ ދިދައިގެ ދަށުން އެ ކާމިޔާބީ ނުހޯދުމަކީ އެތުލީޓުންނަށް ލިބޭނެ މާޔޫސްކަމެކެވެ.

ތިން ސަތޭކަ އަށް ވުރެ ގިނަ އެތުލީޓުން އާރްއޯސީގެ ނަމުގައި ވާދަކުރިއިރު، އެ ޓީމުން ވަނީ އޮލިމްޕިކްސްގައި ޖުމްލަ 71 މެޑަލް ހޯދައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 20 ރަން މެޑަލް 28 ރިހި މެޑަލް އަދި 23 ލޯ މެޑަލް އެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި ގޭމްސްގެ ތާރީހުގައި މުޅިން އަލަށް ރަން މެޑަލް ހޯދި ގައުމުތަކެއް ހިމެނެ އެެވެ. އޭގެ ތެރޭގައި ފިލިޕީންސާއި ބާމިއުޑާ އަދި ސެން މެެރީނޯ ހިމެނެ އެވެ. މީގެ އިތުރުން އޮސްޓްރޭލިއާ އާއި ނިއު ޒީލެންޑް އަދި އިންޑިއާ އިން ވެސް ވަނީ މެޑަލްގެ އަދަދަށް ބަލާއިރު ކުރިއެރުން ހޯދައިފަ އެވެ.