Advertisement

މިނިސްޓްރީގެ އަމާޒަކީ ކުރީގެ އުސޫލުން ކިޔަވައިދިނުން

3 އޮގަސްޓު 2021 - 15:33 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ބެލެނެވެރިންގެތަކެއް ކުދިން ގޮވައިގެން ސްކޫލަށް ވަންނަނީ: ސްކޫލުތައް ހުޅުވާއިރު ހުރިހާ ފަރާތްތަކުންވެސް ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަނޑައަޅާފައިވާ އެންމެހާ ގަވައިދުތަކާއި އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށް މިނިސްޓްރީން އިލްތިމާސް ކުރޭ. -- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު


މިނިސްޓްރީގެ އަމާޒަކީ ކުރީގެ އުސޫލުން ކިޔަވައިދިނުން

3 އޮގަސްޓު 2021 - 15:33 0

އަމާޒަކީ ކޮވިޑުގެ ކުރިން އޮތް ހާލަތުގައި ދަރިވަރުންނަށް ކިޔަވައިދިން އުސޫލުން ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައި އެގޮތަށް އަމަލު ކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަގުތު ވަނީ ވަރަށް ބޮޑުތަން ކޮންޓްރޯލް ކުރެވިފަ އެވެ. އެއާ އެކު މި މަހު 10 ގައި ފަށާ މި އަހަރުގެ ދިރާސީ އަހަރުގައި، ދަރިވަރުން ސްކޫލުތަކަށް ގޮސްގެން ކިޔަވައިދޭން މިނިސްޓްރީން އިއްޔެ ވަނީ ނިންމައިފަ އެވެ.

އެކަމަކު އޭގެ ތެރޭގައި މޮނިޓަރިންގައި އޮންނަ ރަށްތަކާއި ކޮވިޑް ހާލަތު ގޯސް ރަށްތައް ނުހިމެނޭނެ އެވެ. އަދި ސްކޫލުގެ ދަންފަޅިތަކުގެ އަދަދާއި ހާޒިރުވާން ޖެހޭ ގްރޭޑުތައް ކަނޑައަޅާނީ ސްކޫލުގެ އާބާދީއާއި ރަށުގެ ބަލިމަޑުކަމުގެ ހާލަތަށް ބެލުމަށް ފަހު އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ޝަރުމާ ނަސީރު "އަދަދު" އަށް ވިދާޅުވީ ސްކޫލުތަކާއި ޓީޗަރުންނާއި ބެލެނިވެރިންގެ އިތުރުން ދަރިވަރުން ވެސް ބޭނުން ވަނީ ކޮވިޑް ކުރީގެ ހާލަތުގައި ކިޔަވައިދިން އުސޫލަށް ކިޔަވައިދޭން ކަމަށެވެ.

"ހުރިހާ މީހުންވެސް ބޭނުންވަނީ ފުލް އެކަޑަމިކް ޓައިމް ދީގެން ކިޔަވަން. އެހެންވީމަ ހުރިހާ ސްކޫލުތަކުން ވެސް ގައިޑްލައިނަށް ފޮލޯ ކޮށްފިއްޔާ ކުރީގެ ގޮތަށް ކުރިއަށް ގެންދެވޭނެ،" ޝަރުމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ނިއު ނޯމަލްގައި ކިޔަވައިދިން އިރުވެސް ސްކޫލަކުން ކޮވިޑް ކްލަސްޓާއެއް ފެނިފައި ނުވާތީ ގައިޑްލައިންގައިވާ ފިޔަވަޅުތަކާ އެކު ކިޔަވައިދޭއިރު ސްކޫލުތަކުން ކޭސްތައް އިތުރުވެދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ސްކޫލުތައް ހުޅުވާއިރު ހުރިހާ ފަރާތްތަކުންވެސް ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަނޑައަޅާފައިވާ އެންމެހާ ގަވައިދުތަކާއި އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮވިޑާ ގުޅިގެން ކުރި ލޮކްޑައުނަށް ފަހު ސްކޫލުތައް ނިއު ނޯމަލްގައި ހުޅުވި އިރު ކޮންމެ ކުއްޖަކު ސްކޫލަށް ވަންނައިރު ކުއްޖާގެ ހަށިގަނޑުގެ ފިނިހޫނުމިން ބެލި އެވެ. މީގެ ކުރިން ކްލާހެއްގައި 30 ކުދިން ތިބި ނަމަވެސް ފަހުން ހަމަޖެއްސީ ތިން ފޫޓުގެ ދުރުމިނާ އެކު ކުދިންގެ އަދަދު މަދުކުރާށެވެ. އަދި ސްކޫލުގެ ތެރޭގައި ކުދިންނަށް އަތްދޮވެވޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ. ނިއު ނޯމަލްގައި ކިޔަވައިދީފައި ވަނީ ހަތަރު ދުވަހު، ދުވާލަކު ހަތަރު ގަޑިއިރަށެވެ.