Advertisement

ލުކާކޫ ގަންނަން ޗެލްސީން ތިން ވަނަ ބިޑެއް ތައްޔާރުކުރަނީ

3 އޮގަސްޓު 2021 - 09:21 0


ލުކާކޫ ގަންނަން ޗެލްސީން ތިން ވަނަ ބިޑެއް ތައްޔާރުކުރަނީ

3 އޮގަސްޓު 2021 - 09:21 0

ލަންޑަން (އޮގަސްޓް 3) - ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން ދުނިޔޭގެ ފެންވަރުގެ ފޯވާޑެއް ހޯދަން ކުރާ މަސައްކަތުގައި އިންޓަ މިލާންގެ ބެލްޖިއަމް ތަރި ރޮމެލޫ ލުކާކޫ އަށް ތިން ވަނަ ބިޑެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ތި އެތުލެޓިކް ނޫހުން ރިޕޯޓްކޮށްފި އެވެ.

ލުކާކޫ، 28، ހޯދަން ޗެލްސީން އެންމެ ފުރަތަމަ ކުރި ދެ ބިޑް އިންޓަ އިން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެންމެ ފުރަތަމަ ޗެލްސީން ހުށަހެޅީ 80 މިލިއަން ޔޫރޯ (94 މިލިއަން ޑޮލަރު)ގެ ބިޑެކެވެ. އޭގެ ފަހުން ޗެލްސީން ހުށަހެޅީ 100 މިލިއަން ޔޫރޯ (118 މިލިއަން ޑޮލަރު) އާއި ސްޕެއިންގެ ފުލްބެކް މާކޯސް އަލޮންސޯ އެވެ. އެ ޑީލަށް ވެސް އިންޓަ އިން ވަނީ ނޫނެކޭ ބުނެފަ އެވެ.

ތި އެތުލެޓިކުން ރިޕޯޓްކުރާ ގޮތުގައި ޗެލްސީން ކުރާ ތިން ވަނަ ބިޑްގައި 110 މިލިއަން ޔޫރޯ (130 މިލިއަން ޑޮލަރު) އާއި ދެ ކުޅުންތެރިން ހިމެނޭނެ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ އަލޮންސޯ އެވެ. ދެން ހިމަނަން މަަޝްވަރާ ކުރަމުން އަންނަ ކުޅުންތެރިއަކީ ބެލްޖިއަމްގެ ފޯވާޑް މިޝީ ބަޓްޝުއާޔީ އެވެ.

މިދިޔަ ސީޒަނުގައި އިންޓަ އިން އިޓަލީގެ ޗެމްޕިއަންކަން ހޯދިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ބެލްޖިއަމްގެ ލުކާކޫ ހޯދަން ގިނަ ކްލަބްތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެ ހުށަހެޅުންތަކަށް ފުރަގަސްދީ އިންޓަގެ ސީއީއޯ ބެޕޭ މަރޯޓާ މީގެ ކުރިން ވިދާޅުވީ ލުކާކޫ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށެވެ.

ގޯލާ ރަށްޓެހި ފޯވާޑެއް ހޯދަން ޗެލްސީން ކުރާ މަސައްކަތުގައި އެންމެ ފުރަތަމަ ގެންނަން މަސައްކަތްކުރީ ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑާއި ބަޔާން މިއުނިކްގެ ރޮބަޓް ލެވަންޑޯސްކީ ތެރެއިން ކުޅުންތެރިއެކެވެ. އެ ދެ ކުޅުންތެރިން ތެރެއިން ކުޅުންތެރިއަކު ހޯދަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ބެލްޖިއަމްގެ އެންޑަލެކްޓް ޓީމުން ޒުވާން އުމުރުގައި ވިދާލި ލުކާކޫ އެންމެ ފުރަތަމަ ބޮޑު ކްލަބަކާ ގުޅުނީ 2011 ވަނަ އަހަރު ޗެލްސީއާ އެވެ.

ޗެލްސީގެ ކޮންޓްރެކްޓްގައި ހުރެ، ދެ ސީޒަނެއްގައި ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓް ބްރޮމްވިޗް އަލްބިއަން އާއި އެވަޓަން އަށް ކުޅުނެވެ. ޗެލްސީ ދޫކޮށް ދާއިމީ އެއްބަސްވުމެއްގެ ދަށުން ލުކާކޫ އެވަޓަން އަށް ވިއްކާލީ 2014 ވަނަ އަހަރު 38 މިލިއަން ޑޮލަރަށެވެ.

އެވަޓަން އިން 2017 ވަނަ އަހަރު ލުކާކޫ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލީ ޕްރިމިއާ ލީގުގެ އެންމެ އަގުބޮޑު ފޯވާޑްގެ ގޮތުގަ އެވެ. ޔުނައިޓެޑުން ވަނީ ލުކާކޫ ގަންނަން 105 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ. މީގެ ދެ އަހަރު ކުރިން އިންޓަ އިން ލުކާކޫ ގަތީ ޔުނައިޓެޑަށް 102 މިލިއަން ޑޮލަރު ދައްކައިިފަ އެވެ.

ލުކާކޫ ވަނީ މިހާތަނަށް އިންޓަ އަށް ކުޅެދިން 95 މެޗުން 64 ގޯލު ޖަހައި 16 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.