Advertisement

ލީބިޔާގެ ރައީސް ކަމަށް ގައްޒާފީގެ ދަރިކަލުން؟

2 އޮގަސްޓު 2021 - 10:44 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ގައްޒާފީގެ ދަރިކަލުން ސެއިފް އަލް އިސްލާމް.-- ފޮޓޯ: 24ނިއުސްއެޗްޑީ


ލީބިޔާގެ ރައީސް ކަމަށް ގައްޒާފީގެ ދަރިކަލުން؟

2 އޮގަސްޓު 2021 - 10:44 0

ދިހަ އަހަރުވީ ދިގު ހަމަނުޖެހުމެއް އޮތް ލީބިޔާއަށް "ގެއްލިފައިވާ އެއްބައިވަންތަކަން ހޯދައިދޭން ބޭނުންވާ" ކަމަށް ވިދާޅުވެ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ކުރީގެ ލީޑަރު މުއައްމަރު ގައްޒާފީގެ ދަރިކަލުން، ސައިފުލްއިސްލާމް ދެއްވައިފި އެވެ.

އޭނާ އެގޮތަށް ވިދާޅުވީ ލީބިޔާގެ ހުޅަނގު ޒިންތާންގައި ހުންނަ ސެކިއުރިޓީ ވަރުގަދަ ކޮމްޕައުންޑެއް ތެރޭގައި ގާއިމްކޮށްފައިވާ ދެ ބުރީގެ ލަގްޒަރީ ވިލާއެއްގައި ހުންނަވައި ނިއު ޔޯކް ޓައިމްސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

ސައިފުލްއިސްލާމާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކުރެވޭ އިރު، އޭނާއަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް ހާޒިރު ކުރަން ބޭނުންވެގެން ހޯދަމުންދާ މީހެކެވެ. އޭނާ ދިރިއުޅޭ ތަނެއް މީގެ ކުރިން އެނގިފައެއް ނުވެ އެވެ.

އުމުރުން 49 އަހަރުގެ ސައިފުލްއިސްލާމް، ގައްޒާފީއަށް ފަހު ލީބިޔާގެ ލީޑަރަށް ވެވަޑައިގަންނަވާނެ ކަމަށް ކުރިން އޮތީ ބެލެވިފަ އެވެ. ނަމަވެސް 2011 ވަނަ އަހަރު ގައްޒާފީ އަވަހާރަކޮށްލުމާ ގުޅިގެން އޭނާއަށް އުޅެން ޖެހިފައި ވަނީ ފިލައިގެންނެވެ.

"މާޒީއަށް އެނބުރި ދިޔުމުގެ ވަގުތު އައިސް ޖެހިއްޖެ. ގައުމު މި އޮތީ ކުޑަ ކަކޫ މައްޗަށް ތިރިވެފައި. ފައިސާއެއް ނެތް، ރައްކާތެރިކަމެއް ނެތް. މި ތަނުގައި ދިރުމެއް ނެތް،" އިންޓަވިއުގައި ސައިފުލްއިސްލާމް ވިދާޅުވި އެވެ.

ސާޅީސް އަހަރު ލީބިޔާގައި ވެރިކަން ކުރެއްވި ގައްޒާފީ އާއި އެމަނިކުފާނުގެ އާއިލާއާ ދެކޮޅަށް ރައްޔިތުން ނުކުމެ ވެރިކަން ބަދަލު ކުރި ނަމަވެސް، ލީބިޔާއަށް އެއްވެސް ހަމަޖެހުމެއް ލިބިފައެއް ނުވެ އެވެ.

ގައްޒާފީގެ ހަތް ފިރިހެން ދަރިންގެ ތެރެއިން ތިން ދަރިން ވަނީ 2011 ވަނަ އަހަރު އަވަހާރަކޮށްލާފަ އެވެ.

ގައްޒާފީ އަވަހާރަކޮށްލިތާ ދުވަސްކޮޅެއް ފަހުން ލީބިޔާގެ ސިފައިންތަކެއް ވަނީ ނޮވެމްބަރު 2011 ގައި ސައިފުލްއިސްލާމް ހައްޔަރުކޮށްފަ އެވެ. އޭގެ ހަތަރު އަހަރު ފަހުން ޓްރިޕޮލީގެ ކޯޓަކުން އޭނާ މެރުމަށް ހުކުމް ކުރީ ގައިރު ހާޒިރުގަ އެވެ. އެއީ އިންގިލާބުގެ ތެރޭގައި ޖަރީމާ ހިންގި ކަމަށް ސާބިތުވުމުންނެވެ.

އައިސީސީން ވަނީ ބައިނަލްއަގްވާމީ ޝަރީއަތަކަށް އޭނާ ހާޒިރު ކުރުމަށް އެތައް ފަހަރެއްގެ މަތިން ގޮވާލާފަ އެވެ.

ސިޔާސީ ގޮތުން އެނބުރި އައުން

މި ފަހަރުގެ އިންޓަވިއުގެ ކުރިން ސައިފުލްއިސްލާމްގެ ހަބަރެއް ނުވާތާ އެތައް އަހަރެއް ވެއްޖެ އެވެ. އޭނާގެ ހަބަރެއް އެންމެ ފަހުން ވީ ޖޫން 2014 ގައި ޓްރިޕޮލީގައި ބޭއްވި ޝަރީއަތުގައި ވީޑިއޯ މެދުވެރިކޮށް ކޯޓަށް ބަޔާން ދެއްވުމުންނެވެ.

ސެއިފް ވިދާޅުވީ އޭނާއަކީ "މިނިވަނެއް" ކަމަށާއި ސިޔާސީ ދާއިރާއަށް އެނބުރި އައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިން އޭނާ ހައްޔަރު ކުރި މީހުންނަކީ "މިހާރު އެކުވެރިން" ކަމަށް ވިދާޅުވި އެވެ.

ލީބިޔާގައި ދާދި ފަހަކާ ޖެހެންދެން އޮތީ ވާދަވެރި ދެ ސަރުކާރެވެ. އެއީ ބޭރުގެ ފައުޖުތަކާއި ގިނަ ހަނގުރާމަވެރި ގްރޫޕުތަކުގެ ތާއީދު އޮތް ދެ ސަރުކާރެވެ.

ތުރުކީން ތާއީދު ކުރާ ޓްރިޕޮލީގައި ގާއިމްވެފައިވާ ގަވަމަންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ) ސަރުކާރުން މިދިޔަ އޮކްޓޯބަރު މަހު ވަނީ ސުލްހަ ގެންނަން އެއްބަސްވެފަ އެވެ. އިރުމަތީގައި ވެރިކަން ކުރާ އަސްކަރީ ވެރިޔާ ހަލީފާ ހަފްތާރްއާ އެކު ވީ އެއްބަސްވުމުގެ ދަށުން ހަމަލާ ބަދަލު ކުރުން ހުއްޓާލި އެވެ.

އޭގެ ފަހުން ލީބިޔާގެ ސަލާމަތީ ހާލަތު ދަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. މިދިޔަ މާޗް މަހު ވަގުތީ ސަރުކާރެއް ގާއިމް ކުރިއިރު، ޑިސެމްބަރު 24 ގައި އާއްމު އިންތިހާބު ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.

ސައިފުލްއިސްލާމް.


ސިޔާސީ މައިދާނަށް އެނބުރި އަންނަން ސެއިފް މަސައްކަތް ކުރައްވާ ނަމަ ގިނަ ގޮންޖެހުންތައް ދިމާވާނެ އެވެ. އެއީ ލީބިޔާގައި އޭނާގެ މައްޗަށް ކުށް ސާބިތުވެފައި ވާތީ އާއި އައިސީސީއިން އޭނާ ހައްޔަރު ކުރުމަށް އަމުރެއް ނެރިފައި ވާތީ އެވެ.

ނަމަވެސް ނިއު ޔޯކް ޓައިމްސްއިން ބުނެފައިވާ ގޮތުގައި އިނގިރޭސި ވިލާތުން ތައުލީމް ހާސިލްކޮށްގެން ހުންނެވި ސައިފުލްއިސްލާމް ދެއްކެވީ ވަރަށް ބޮޑު ޔަގީންކަމެކެވެ.

"ލީބިޔާގެ މެޖޯރިޓީ ރައްޔިތުން އެ މީހުންގެ ލީޑަރުގެ ގޮތުގައި އަޅުގަނޑު އިންތިހާބުކޮށްފި ނަމަ ގާނޫނީ މައްސަލަތައް މަޝްވަރާކޮށްގެން ހައްލު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.