Advertisement

ހަމާސްގެ ލީޑަރު ކަމަށް އަނެއްކާ ވެސް ހަނިއްޔާ އިންތިހާބުވެއްޖެ

2 އޮގަސްޓު 2021 - 09:58 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ. -- ފޮޓޯ: އޭއެފްޕީ


ހަމާސްގެ ލީޑަރު ކަމަށް އަނެއްކާ ވެސް ހަނިއްޔާ އިންތިހާބުވެއްޖެ

2 އޮގަސްޓު 2021 - 09:58 0

ގާޒާ ސިޓީ، ފަލަސްތީން (އޯގަސްޓް 2) - ގާޒާ ކޮންޓްރޯލް ކުރާ ފަލަސްތީނުގެ އިސްލާމިސްޓް ގްރޫޕް ހަމާސްގެ ލީޑަރު ކަމަށް އަނެއްކާ ވެސް އިސްމާއިލް ހަނިއްޔާ އިންތިހާބުވެވަޑައިގެންފި އެވެ.

އޮފިޝަލުން ބުނި ގޮތުގައި ހަނިއްޔާ އެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ އެއްވެސް ވާދަވެރިއަކު ނެތި އެވެ.

ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބީ މަރުހަލާއަށް ފަހު "ޕޮލިޓިކަލް ޗީފް" ގެ ގޮތުގައި ހަނިއްޔާ އަލުން އައްޔަނުކުރައްވާފައިވާ ކަމަށެވެ. ގްރޫޕުގެ އެތެރޭގެ އިންތިހާބުގައި އެތައް ހާސް ބަޔަކު ވޯޓުލި ކަމަށް ވެސް ބުނެފައި ވެ އެވެ.

ނަމަވެސް ހަނިއްޔާއާ ވާދަވެރި އެއްވެސް ކެންޑިޑޭޓަކުން ކުރިމަތިލާފައެއް ނުވެ އެވެ.

ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާގެ މަގާމުގައި 2017 ވަނަ އަހަރުން ފެށިގެން ހުންނަވަނީ ހަނިއްޔާ އެވެ. އިޒްރޭލުން ގާޒާގެ ބޯޑަރުތައް ކޮންޓްރޯލް ކުރާތީ އެތަނަށް އެތެރެ ނުވެވި އޭނާ ދިރިއުޅުއްވަނީ ތުރުކީ އަދި ގަތަރުގަ އެވެ.

މިދިޔަ މޭ މަހު އިޒްރޭލާއި ހަމާސްއާ ދެމެދު ހިންގި ހަމަލާ ބަދަލު ކުރުންތައް ހުއްޓާލުމަށް މިސްރުން އިސް ނަގައިގެން ބޭއްވި މަޝްވަރާތަކުގައި ހަނިއްޔާ ބައިވެރިވެވަޑައިގެންނެވި އެވެ. އެގާރަ ދުވަސް ވަންދެން ހަމަލާ ބަދަލު ކުރުމުން އިޒްރޭލުގެ 13 މީހުންނާއި ފަލަސްތީނުގެ 260 މީހުން މަރުވި އެވެ.

ގާޒާގައި އެންމެ ފަހުން 2006 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުން ކުރި ހޯދީ ހަމާސް އެވެ. ދެ މިލިއަން މީހުން ދިރިއުޅޭ ގާޒާއިން އެފަދަ ނިންމުމެއް އައުމުން ވާދަވެރި ފަތަހަ ގްރޫޕެއް ލިބުނީ ޝޮކެކެވެ.

ޖެހިގެން އައި އަހަރު ހަމާސް އާއި ފަތަހައާ ދެމެދު ދާހިލީ ހަނގުރާމައެއް ކުރުމުގެ ސަބަބުން ފަލަސްތީނު ދެބައިވި އެވެ. އެގޮތުން ހުޅަނގު އައްސޭރީގެ ކޮންޓްރޯލް ފަތަހަ ގްރޫޕެއް ލިބުނުއިރު، ގާޒާ ލިބުނީ ހަމާސް އަށެވެ.

އޭގެ ފަހުން އިޒްރޭލުން ވަނީ ގާޒާ ވަށާލައި، ގާޒާގެ ބޯޑަރުތައް ކޮންޓްރޯލް ކުރަން ފަށާފަ އެވެ. އަދި ހަމާސްއިން ހަމަލާތައް ދޭ ކަމަށް ބުނެ އެއީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ލޭބަލް ކުރި އެވެ. އެމެރިކާ އާއި އީޔޫއިން ވެސް ނިންމި އެގޮތަށެވެ.