Advertisement

މާޓީނޭޒަށް އިނގިރޭސި ތިން ކްލަބަކުން ފާރަލަނީ

1 އޮގަސްޓު 2021 - 14:35 0

އިންޓަގެ މެޗެއްގައި ލަނޑު ޖެހުމަށް ފަހު މާޓީނޭޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


މާޓީނޭޒަށް އިނގިރޭސި ތިން ކްލަބަކުން ފާރަލަނީ

1 އޮގަސްޓު 2021 - 14:35 0

ލަންޑަން (އޮގަސްޓް 1) - އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓީނޭޒް ހޯދަން އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ކްލަބަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 23 އަހަރުގެ މާޓީނޭޒް، ހޯދަން މިހާތަނަށް ރަސްމީކޮށް ޕްރޮޕޯސަލެއް ހުށަހެޅީ އާސެނަލުންނެވެ. އެއީ އާސެނަލްގެ ފުލްބެކް ހެކްޓަ ބެލެރިން އިންޓަ އަށް ވިއްކާލާ ޑީލްގެ ތެރެއިން މާޓީނޭޒް ހޯދުމަށެވެ. އާސެނަލުން ބޭނުންވަނީ 20 މިލިއަން ޕައުންޑާއި ބެލެރިން ދިނުމަށް ފަހު މާޓީނޭޒް ހޯދުމަށެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބެލެރިންއާ އެކު އާސެނަލްގެ ފްރާންސް ފޯވާޑް އަލެކްސަންޑަ ލަކަޒޭޓް އަދި 10 މިލިއަން ޕައުންޑް ދީފިނަމަ އިންޓަ އިން އޮތީ މާޓީނޭޒް ދޫކޮށްލަން ތައްޔާރަށެވެ. އެކަމަކު، މި ޑީލަށް އާސެނަލުން އެއްބަހެއް ނޫނެވެ. އެއީ ލަކަޒޭޓަކީ ކުރިއަށް އޮތް ސީޒަނަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ ޕްލޭނުގައި ހިމެނޭ ކުޅުންތެރިއަކަށް ވާތީ އެވެ.

ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާތީ ލަކަޒޭޓް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އާސެނަލް ދޫކޮށް އެހެން ކްލަބަކާ ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ފްރާންސްގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން އެ ކްލަބް ދޫކޮށްލައިިފިނަަމަ އެ ޓީމުން އެންމެ ބޮޑަށް ބޭނުންވާ ފޯވާޑުންގެ ތެރޭގައި މާޓީނޭޒް ހިމެނެ އެވެ.

އިންޓަ އިން މާޓީނޭޒް ވިއްކާލަން ކިޔާ އަގު އުޅެނީ 65 މިލިއަން ޕައުންޑް (90 މިލިއަން ޑޮލަރު)ގަ އެވެ. ކޭން ބޮޑު އަގުގައި ޓޮޓެންހަމް ދޫކޮށްލައިފިނަމަ އެ ޓީމުން އިންޓަ އިން ކިޔާ އަގުދީފައި މާޓީނޭޒް ގަންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ލިވަޕޫލުން އެޓޭކް ވަރުގަދަ ކުރަން ކުރާ މަސައްކަތުގައި ޓްރާންސްފާ މާކެޓްގެ ތެރެއިން ފުރުސަތު ލިބިއްޖެނަމަ މާޓީނޭޒަށް ބިޑްކޮށްފާނެ އެވެ. ލިވަޕޫލްގެ އެޓޭކުގައި މަދުން ފުރުސަތު ލިބޭ ބެލްޖިއަމްގެ ފޯވާޑް ޑިވޮކް އޮރީގީ އާއި ސްވިޒަލެންޑްގެ ވިންގް ޒެރްޑަން ޝަގީރީ ދޫކޮށްލުމަށް ފަހު އިތުރު ކުޅުންތެރިއަކު ގަންނަނަމަ މާޓީނޭޒަށް ބިޑް ކުރުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު، މާޓީނޭޒަށް ބިޑެއް ކުރާނީ ޝަގީރީ އާއި އޮރީގީ ވިއްކާލައިގެން ލިބޭ އާމްދަނީ އަށް ބެލުމަށް ފަހު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އާޖެންޓީނާގެ ރޭސިން ކްލަބްގެ ޔޫތު ޓީމުން ފަށައި ފަހުން އެ ކްލަބްގެ ސީނިއާ ޓީމަށް 2015 އިން 2018 އަށް ކުޅުނު މާޓީނޭޒް އިންޓަ އަށް ބަދަލުވީ 27 މިލިއަން ޑޮލަރުގެ ފީ އަކަށެވެ.

މީގެ ކުރިން ބާސެލޯނާ އަށް ބަދަލުވުމާ ގާތަށް ދިޔަ މާޓީނޭޒް ވަނީ އިޓާލިއަން ލީގުގައި މިހާތަނަށް ކުޅުނު 100 މެޗުން 37 ގޯލު ޖަހައިފަ އެވެ. އޭނާ އަކީ މިދިޔަ ސީޒަނުގައި އިންޓަ އިން އިޓަލީގެ ޗެމްޕިއަންކަން ހޯދިއިރު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. މި ފަހަރު އާޖެންޓީނާ އިން ކޮޕަ އެމެރިކާ ކާމިޔާބުކުރި ޓީމުގައި ވެސް މާޓީނޭޒް ހިމެނެ އެވެ.

ޓްރާންސްފާ މާކެޓްގެ އެހެން ހަބަރުތަކަށް ބަލާއިރު، އެތުލެޓިކޯ މެޑްރިޑްގެ ސްޕެއިނުގެ މިޑްފީލްޑަރު ސައުލް ނިގޭޒްގެ އޭޖެންޓް ޓްރާންސްފާގެ މަޝްވަރާތަކަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިންގްލެންޑަށް ދާނެ އެވެ. ސައުލްގެ އޭޖެންޓް ބައްދަލުކުރަން ހަމަޖެހިފައިވަނީ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލްގެ އޮފިޝަލުންނާ ކަމަށް ރިޕޯޓްތައް ބުނެ އެެވެ.