Advertisement

އެމެރިކާގެ ސިއްރު ލިޔުންތަކުގައި ޑެލްޓާ ވޭރިއެންޓާ މެދު ކަންބޮޑުވުން!

31 ޖުލައި 2021 - 12:14 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް.-- ފޮޓޯ: އޭއެފްޕީ


އެމެރިކާގެ ސިއްރު ލިޔުންތަކުގައި ޑެލްޓާ ވޭރިއެންޓާ މެދު ކަންބޮޑުވުން!

31 ޖުލައި 2021 - 12:14 0

ވޮޝިންޓަން، އެމެރިކާ (ޖުލައި 31) - ކޮރޯނާވައިރަސްގެ ޑެލްޓާ ވޭރިއެންޓަކީ ފާނަބަސަންދު ނުވަތަ ޗިކަންޕޮކްސް ހާ ހަލުވިކަމާއެކު ގައިން ގަޔަށް އަރާ ވޭރިއެންޓެއް ކަމަށާއި އެހެން ވޭރިއެންޓުތަކަށް ވުރެ މާ ބޮޑަށް ބަލިކޮށްލާ ވޭރިއެންޓެއް ކަމަށް ލީކުކޮށްލާފައިވާ އެމެރިކާގެ ސިއްރު ލިޔުންތަކެއްގައި ބުނެފި އެވެ.

ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) ގެ ސިއްރު ލިޔުންތަކުގައި ބުނީ ވެކްސިން ޖަހާފައިވާ މީހުންނާއި ނުޖަހާ ތިބި މީހުންގެ މެދުގައި ވެސް މި ވޭރިއެންޓު ފެތުރެނީ އެއް ހަލުވި މިނެއްގައި ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ޑެލްޓާގެ ސަބަބުން "ހަނގުރާމަ ބަދަލުވެއްޖެ" ކަމަށް ލިޔުމުގައި ވެ އެވެ.

ސީޑީސީގެ ސިއްރު ލިޔުން ލީކުވުމުން އެ ވާހަކަ އެންމެ ފުރަތަމަ ރިޕޯޓު ކުރީ ވޮޝިންޓަން ޕޯސްޓުންނެވެ. އެ ލިޔުމަކީ ސައްހަ ލިޔުމެއްކަން އޭއެފްޕީން ވެސް ވަނީ ކަށަވަރުކޮށްފަ އެވެ.

މި ހަފްތާގައި އެމެރިކާގައި ވެކްސިން ޖަހާފައި ތިބި މީހުން އަލުން މާސްކު އަޅަން އެންގީ އެ ލިޔުމުގައިވާ ބައެއް ތަފާސްހިސާބުގެ މައްޗަށް ބިނާކޮށްފަ އެވެ.

އެ ލިޔުމުގައިވާ ގޮތުން އެންމެ ބޮޑު ކަމަކަށް ފާހަގަވެފައި ވަނީ ވެކްސިން ޖަހާފައިވާ މީހުންނާއި ނުޖަހާ ތިބި މީހުންނަށް ޑެލްޓާ ވޭރިއެންޓު ޖެހުމުން ބަލީގެ އަސަރު ކުރާ ގޮތުގައި މާ ބޮޑު ތަފާތެއް ނެތް ކަމެވެ. ދެ ކެޓެގަރީގެ މީހުން ވެސް ވައިރަލް ލޯޑް މަތި ކަމަށް ނުވަތަ ގިނަ އަދަދަކަށް ވައިރަސް ހަށިގަނޑުގައި ހުންނަ ކަމަށް ދައްކާފައި ވެ އެވެ.

އެ ހޯދުން ބިނާކޮށްފައި ވަނީ މަސަޗުސެޓްސްގެ ޕްރޮވިންސްޓައުންގެ ބަލި ފެތުރުމުން ހެދި ދިރާސާއަކަށެވެ.

"ޕްރޮވިންސްޓައުންގައި ވެކްސިން ޖަހާފައި ތިބި މީހުންނާއި ނުޖަހާ ތިބި މީހުންގެ މާ ބޮޑު ތަފާތެއް ނުފެނުނު،" ހަށިގަނޑުގައި ވައިރަސް ހުންނަ މިންވަރާ މެދު އެ ލިޔުމުގައި ވެ އެވެ.

އެ ދިރާސާއާ ގުޅޭ ގޮތުން ހުލާސާ ރިޕޯޓެއް ހުކުރު ދުވަހު ސީޑީސީން އާއްމު ކުރިއިރު، އޭގައިވާ ގޮތުން ޕްރޮވިންސްޓައުންގެ ތިންބައި ކޮށްފައި އެއްބައި މީހުން ވަނީ ވެކްސިން ޖަހާފަ އެވެ.

އެ ތަނުގައި ޑެލްޓާ ވޭރިއެންޓް ފެތުރެން ފެށީ ޖުލައި ހަތަރެއްގައި ފާހަގަކުރި އެމެރިކާގެ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ފަހު އެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަަދު ވަނީ 900 އަށް އަރާފަ އެވެ.

މަސަޗުސެޓްސްގެ މާސްލައިވް ނޫހުން ރިޕޯޓު ކުރި ގޮތުގައި ކުރިއާ އަޅާ ބަލާއިރު މި ފަހަރު ހޮސްޕިޓަލުގައި އެޑްމިޓު ކުރަން ޖެހުން މަދެވެ. އެގޮތުން މިހާތަނަށް އެޑްމިޓު ކުރީ އެންމެ ހަތް މީހުންނެވެ. އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ.

"ސީޑީސީގެ އުސޫލު ބަދަލު ކުރި އެންމެ ބޮޑު އެއް ސަބަބަކީ މިއީ. ހަށިގަނޑުގައި ވައިރަސް ހުންނަ ވަރު މަތިވުމުން އެހެން މީހުން ހަލުވިކަމާއެކު ބަލި ފެތުރޭ. އެހެންވީމަ ވެކްސިން ޖަހައިގެން ހުރި ނަމަވެސް އެހެން މީހުންގެ ރައްކަލަކަށް މާސްކު އަޅަން ޖެހެނީ،" ނިއު ޔޯކް ޔުނިވާސިޓީގެ ޕްރޮފެސަރު ސެލީން ގައުންޑާ އޭއެފްޕީއަށް ވިދާޅުވި އެވެ.

މާސްކު އަޅަން ޖެހުމުގެ އިތުރުން ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ޕޮޒިޓިވް މީހަކާ ކޮންޓެކްޓު ވެއްޖެ ނަމަ އަލާމާތެއް ނުފެނުނު ނަމަވެސް ޓެސްޓު ކުރަން ސީޑީސީން ވަނީ އަލުން އަންގާފަ އެވެ.

"ބްރޭކްތްރޫ" ނުވަތަ ވެކްސިން ޖަހާފައިވާ މީހުންނަށް ޑެލްޓާ ވޭރިއެންޓު ޖެހުމުގެ ފުރުސަތު ކުރިން ހީކުރި ވަރަށް ވުރެ ބޮޑު ކަމަށް ލީކުވި ލިޔުމުގައި ވެ އެވެ. އެގޮތުން އެމެރިކާގެ ވެކްސިން ޖަހާފައިވާ 162 މިލިއަން މީހުންގެ ތެރެއިން ކޮންމެ ހަފްތާއަކު 35،000 މީހުންނަށް މި ވޭރިއެންޓު ޖެހި ބަލިވެގެން ރިޕޯޓު ކުރަމުން ދެ އެވެ.

އެހެން ގައުމުތަކުގެ ހޯދުންތައް މުރާޖައާ ކުރުމަށް ސީޑީސީ ލިޔުމުގައި ބުނީ ކޮވިޑްގެ އޮރިޖިނަލް ވައިރަހަކީ އާދައިގެ ރޯގާއެއް ގޮތަށް ހަލުވިކަމާއެކު ފެތުރޭ ވައިރަހެއް ކަމަށެވެ. އަދި އެ ވައިރަސް މިއުޓޭޓްވެ އުފެދުނު ޑެލްޓާ ވޭރިއެންޓް ޖެހޭ ކޮންމެ އެކެއްގެ ގައިން އިތުރު އަށް މީހުންނަށް ބަލި ޖެހޭ ކަމަށެވެ. އެހެންކަމުން މިއީ ފާނަބަސަންދުހާ ފަސޭހައިން ގައިން ގަޔަށް އަރާ ވޭރިއެންޓެކެވެ.

ކެނެޑާ އާއި ސްކޮޓްލޭންޑުގެ ހޯދުންތަކުން ދެއްކި ގޮތުގައި ކުރިން ހީކުރި ވަރަށް ވުރެ ގިނައިން ޑެލްޓާ ވޭރިއެންޓު ޖެހުމުން މީހުން ބަލި ހޮސްޕިޓަލުގައި އެޑްމިޓު ކުރަން ޖެހެ އެވެ. ސިންގަޕޫރުގެ ހޯދުންތަކުން ވެސް ދެއްކީ އައިސީޔޫގައި ފަރުވާ ދޭން ޖެހުމާއި މަރުވުން އިތުރު ކަމަށެވެ.

ނަމަވެސް ވެކްސިން ޖަހާފައިވާ މީހުންގެ ތެރެއިން ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ހާލު ދެރަވެ މަރުވުމުގެ ފުރުސަތު ވެކްސިން ނުޖަހާ މީހުންނަށް ވުރެ 10 ގުނަ ކުޑަ ކަމަށް ސީޑީސީގެ ލިޔުމުގައި ވެ އެވެ. އެހެންކަމުން ވެކްސިން 90 ޕަސެންޓު އިފެކްޓިވް ކަމަށް ކަނޑައަޅާފައި ވެ އެވެ.

ތަޖުރިބާކާރުން ބުނެފައި ވަނީ މާސްކު އަޅައިގެން ބަލި ފެތުރުން ކުޑަ ކުރެވިދާނެ ކަމަށާއި ނަމަވެސް މި ސިއްހީ ކާރިސާއަށް އޮތް ހައްލަކީ ވެކްސިން ކަމަށެވެ.