Advertisement

އިޒްރޭލުގައި 60 އަހަރުން މަތީ މީހުންނަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޝޮޓެއް ދޭން ފަށައިފި

31 ޖުލައި 2021 - 10:42 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުގެ ރައީސް އިސްހާގް ހެރްޒޮގް ކޮވިޑް ވެކްސިންގެ ބޫސްޓާ ޝޮޓް ޖައްސަވަނީ.-- ފޮޓޯ: އޭއެފްޕީ


އިޒްރޭލުގައި 60 އަހަރުން މަތީ މީހުންނަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޝޮޓެއް ދޭން ފަށައިފި

31 ޖުލައި 2021 - 10:42 0

ރަމަތް ގަން، އިޒްރޭލް (ޖުލައި 30) - ދުނިޔޭގެ ގިނަ ގައުމުތަކަށް ބޭނުންވާ ވަރަށް ވެކްސިން ނުލިބިގެން އުޅެނިކޮށް އިޒްރޭލުގައި އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ބޫސްޓާ ޝޮޓު ދޭން ފަށައިފި އެވެ.

ހުކުރު ދުވަހު ބޫސްޓާ ޝޮޓު ދިނުމުގެ ކެމްޕެއިން ފައްޓަވައި ދެއްވީ އުމުރުން 60 އަހަރުގެ ރައީސް އިސްހާގް ހެރްޒޮގް އެވެ. އެމަނިކުފާނު ވަނީ ބޫސްޓާ ޝޮޓުގެ ގޮތުގައި ފައިޒާ ވެކްސިންގެ ތިން ވަނަ ޑޯޒް ޖައްސަވާފަ އެވެ.

"މިއަދު އަޅުގަނޑުމެން މި ފަށަނީ ބޫސްޓާ ވެކްސިން ދޭން. އޭގެ ބޭނުމަކީ އިޒްރޭލު ރައްޔިތުންނަށް ވީ އެންމެ އަވަހަށް އާއްމު ދިރިއުޅުމައިގެން ކުރިއަށް ދެވޭނެ ގޮތް ހޯދައި ދިނުން،" ހެރްޒޮގް ވިދާޅުވި އެވެ.

ގުދުސްގައި ހުންނަ ހިބްރޫ ޔުނިވާސިޓީގެ އެޕިޑެމިއޮލޮޖިސްޓް ހަގައި ލެވީން ވިދާޅުވީ ތިން ވަނަ ޑޯޒް ދޭން ފެށީ މިހާތަނުން އިޒްރޭލުން އެކަނި ކަމަށެވެ. އެމެރިކާ އާއި ޔޫރަޕުގައި އެކަމަށް އަދި ހުއްދައެއް ނުދެ އެވެ.

"ނިންމުން ބިނާވެފައި ވަނީ ތަޖުރިބާކާރުންގެ ލަފާގެ މައްޗަށް އަދި ބުއްދީގެ މައްޗަށް. ތިން ވަނަ ޑޯޒެއް ދިނުމަށް ބާރު އަޅާ ސައިންޓިފިކް ހެއްކެއް އަދި ނެތް، އެކަމަކު އެއީ މައްސަލައެއް ނޫން،" ލެވީން އޭއެފްޕީއަށް ވިދާޅުވި އެވެ.

"ޕަބްލިކް ހެލްތާއި ބޭސްވެރިކަމުގައި ބައެއް ފަހަރު ނިންމުންތައް ބިނާ ކުރަން ޖެހެނީ ތަޖުރިބާ އާއި ބުއްދީގެ މައްޗަށް".

ދުނިޔޭގައި އެންމެ އަވަހަށް އެންމެ ކާމިޔާބުކަމާއެކު ވެކްސިން ދިން ގައުމަކީ އިޒްރޭލެވެ. އެއާއެކު ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު 10،000 އިން 100 އަށް ވުރެ ތިރިވި އެވެ. އެހެންވެ މިދިޔަ ޖޫން މަހު ވަނީ ބޮޑެތި ލުއިތައް ދީ، އާއްމު ދިރިއުޅުމަށް ރުޖޫއަވެވޭތޯ މަސައްކަތް ކޮށްފަ އެވެ.

ނަމަވެސް އަނެއްކާވެސް ކޭސްތައް އިތުރުވާން ފެށުމާއެކު އާއްމު ތަންތަނުގައި އުޅޭ އިރު މާސްކު އެޅުން ވަނީ އަލުން މަޖުބޫރުކޮށްފަ އެވެ.

އިޒްރޭލުގެ ނުވަ މިލިއަން މީހުންގެ ތެރެއިން 55 ޕަސެންޓު ވަނީ ވެކްސިން ދެ ޑޯޒް ޖަހާފަ އެވެ. ގިނަ މީހުން ޖަހާފައި ވަނީ ފައިޒާ ވެކްސިނެވެ.

ނަމަވެސް ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އެއް މިލިއަން މީހުން ދަނީ ވެކްސިން ޖެހުމަށް ދެކޮޅު ހަދަމުންނެވެ.