Advertisement

ނަޑެއްލާ އަށް ފޮނުވި އެމްބިއުލަންސް ހަލާކުވެފައި، ބަލި މީހުން އުފުލަނީ ޕިކަޕެއްގައި!

31 ޖުލައި 2021 - 10:12 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ނަޑެއްލާއަށް ފަހުން ގެންދިޔަ އެމްބިއުލާންސް އެ ރަށަށް ބާލަނީ: އެ ވެސް ދުއްވޭވަރުވީ ހަފްތާއެއްހާ ދުވަހު-- ފޮޓޯ: ނަޑެއްލާ ކައުންސިލް


ނަޑެއްލާ އަށް ފޮނުވި އެމްބިއުލަންސް ހަލާކުވެފައި، ބަލި މީހުން އުފުލަނީ ޕިކަޕެއްގައި!

31 ޖުލައި 2021 - 10:12 0

އެމްބިއުލަންސެއް ނެތި ވަރަށް ހާލުގައި ބަލި މީހުން އުފުލާތާ ދެ އަހަރަށް ފަހު ގދ. ނަޑެއްލާ އަށް މީގެ ހަފުތާއެއްހާ ދުވަސްކުރިން ފޮނުވި އާ އެމްބިއުލަންސްގައި މައްސަލަ ޖެހި, ބަލި މީހުން އުފުލަން ޖެހިފައި ވަނީ ޕިކަޕެއްގައި ކަމަށް އެ ރަށުގެ ކައުންސިލުން މިއަދު ބުނެފި އެވެ.

އެ ރަށުގެ ކޮވިޑުގެ ހާލަތު ސީރިއަސްވެފައި އޮތް އިރު އެމްބިއުލަންސެއް ނެތި ބަލި މީހުން ޕިކަޕެއްގައި އުފުލަން ޖެހުމަކީ ކައުންސިލްގެ ކަންބޮޑުވުމެކެވެ.

ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝައު ވިދާޅުވީ މާލޭން އެ ރަަށަށް އަލަށް ފޮނުވީ ކުރިން ބޭނުންކޮށްފައި އޮތް ބާ އެމްބިއުލަންސެއް ކަމަށާއި އެ ދުއްވަން ފެށި ހަފުތާގައި މައްސަލަ ޖެހި ހުއްޓިފައިވާ ކަމަށެވެ.

އާބާދީގައި 735 މީހުން ދިރިއުޅޭ ރަށުގައި ކޮވިޑު ފެތުރެމުންދާތީ މި މަހު 13 އިން ފެށިގެން ވަނީ މޮނިޓަރިންއަށް ލައިފަ އެވެ. ކޮވިޑަށް ޕޮޒިޓިވް 190 މީހުން މިހާރު ވެސް އެ ރަށުގައި އެބަތިއްބެވެ.

"ރަށުގެ ހާލަތު ވަރަށް ދަށް. ބަލި މީހުން އުފުލަން އެބަ ޖެހޭ. ސާމްޕަލް ނަގަން ގޭގެއަށް ދާން އެބަ ޖެހޭ. އެމްބިއުލާންސް ނެތީމަ އަނެއްކާ ވެސް ރަށު ޕިކަޕުގައި އެކަން ކުރަނީ،" އަންޝައު ވިދާޅުވި އެވެ.

އެ ކަންބޮޑުވުން ހެލްތު މިނިސްޓްރީއާ ހިއްސާ ކުރުމުން ދެން އެންމެ އަވަހަށް ރާއްޖެ ގެންނަ އެމްބިއުލާންސްތަކުގެ ތެރެއިން އެއްޗެއް އެ ރަށަށް ފޮނުވައި ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވެސް އަންޝައު ވިދާޅުވި އެވެ.

ނަޑެއްލާއަށް އަލަށް ގެންދިޔަ ސެކަންޑް ހޭންޑް އެމްބިއުލާންސް: އެ އެމްބިއުލާންސް ވެސް ވަނީ މައްސަލަ ޖެހިފައި-- ފޮޓޯ: ނަޑެއްލާ ކައުންސިލް


އެމްބިއުލާންސްގެ ދަތިކަމަކީ މުޅި ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ މައްސަލައެކެވެ. ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތިގެން ގާޑިޔަލުގައި ވެސް ބަލި މީހުން އުފުލާފައިވެ އެވެ.

މި ފަހުން އެމްބިއުލާންސްގެ މައްސަލަތަކެއް ދިމާވެ މާލޭގައި ވެސް ހާދިސާތަކެއް ހިނގާފައިވެ އެވެ. އޭގެތެރޭގައި މާލޭގައި ކޮވިޑަށް ޕޮޒިޓިވްވި 10 އަހަރުގެ ކުއްޖަކު، އެމްބިއުލާންސް ލަސްވުމުގެ ސަބަބުން މަރުވި ހާދިސާއަކާއި އެމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ ކޮވިޑް ބަލީގެ މާބަނޑު އަންހެނެއްގެ ދަރިފުޅު އެމްބިއުލާންސް ތެރެއަށް މަރުވި މައްސަލައެއް ހިމެނެ އެވެ.