Advertisement

އާސެނަލްގެ ހުށަހެޅުމަށް ފުރަގަސްދީ ލޮކަޓެލީ ބޭނުމީ ޔުވެންޓަސް އަށް ދާން

30 ޖުލައި 2021 - 13:11 0

އިޓަލީގެ މިޑްފީލްޑަރު މެނުއަލް ލޮކަޓެލީ.-- ފޮޓޯ: އޭއެފްޕީ


އާސެނަލްގެ ހުށަހެޅުމަށް ފުރަގަސްދީ ލޮކަޓެލީ ބޭނުމީ ޔުވެންޓަސް އަށް ދާން

30 ޖުލައި 2021 - 13:11 0

މިލާން (ޖުލައި 30) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިޓަލީ ޓީމުގައި ހިމެނޭ ސަސުއޯލޯ މިޑްފީލްޑަރު މެނުއަލް ލޮކަޓެލީ ހޯދަން އާސެނަލުން ރަނގަޅު އަގެއް ހުށަހަޅާފައިވީ ނަމަވެސް އޭނާ ބޭނުންވަނީ ޔުވެންޓަސްއާ ގުޅެން ކަމަށް ސަސުއޯލޯގެ ޗީފް ޖިއޮވާނީ ކާނެވާލީ ވިދާޅުވެއްޖެ އެވެ.

އުމުރުން 23 އަހަރުގެ ލޮކަޓެލީ ހޯދަން އާސެނަލުން 40 މިލިއަން ޔޫރޯގެ ބިޑެއް ވަނީ ކޮށްފަ އެވެ. މިއީ ކޮންޓްރެކްޓްގެ މުއްދަތު ނިމޭއިރު، 48 މިލިއަން ޔޫރޯ އަށް އަރާނެ ބިޑެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއީ ސަސުއޯލޯ ވެސް ހިތްހަަމަޖެހޭ ބިޑެކެވެ. އެކަމަކު، މި ޓްރާންސްފާގެ ކަންތައްތައް ކުރިއަށް ނުގޮސް އޮތީ ލޮކަޓެލީގެ ޝައުގުވެރިކަން ޔުވެންޓަސްއާ ދިމާލަށް ހުރުމުންނެވެ.

ކާނެވާލީ ވިދާޅުވީ ވަރަށް އަވަހަށް ލޮކަޓެލީގެ ޓްރާންސްފާގެ ކަންތައްތަކުގައި ގޮތެއް ނިންމަން ބޭނުން ކަމަށެވެ. އެހެންވެ، ޔުވެންޓަސްއާ މަޝްވަރާކުރަން ޖެހޭ ކަންކަމުގައި ވަރަށް އަވަހަށް ގޮތްތަކެއް ނިމިގެންދާނެ ކަމަށެެވެ.

"އާސެނަލުން ކުރީ ރަނގަޅު ބިޑެއް. އެކަމަކު ލޮކަޓެލީ ބޭނުމީ ޔުވެންޓަސް އަށް ދާން. ޔުވެންޓަސް އިން އަދި ރަނގަޅު ބިޑެއް ނުކުރޭ. ރަނގަޅު ބިޑެއް ނުލިބިއްޖެނަމަ ލޮކަޓެލީ މި ޓީމުގައި މަޑުކުރާނެ. އަނެއްކޮޅުން އަވަހަށް މި ޓްރާންސްފާގެ ކަންތައްތައް ނިމިގެން އަހަރެމެންނަށް ބަދަލުގައި ކުޅުންތެރިއަކު ވެސް ހޯދޭނީ. ޓްރާންސްފާގެ އެންމެ ފަހު ދުވަހާ ހަމައަށް ލޮކަޓެލީގެ ކަންކަން ނުގެންދާނަން. އޭގެ ކުރިން ގޮތެއް ނިންމަން ޖެހޭ،" ކާނެވާލީ ވިދާޅުވި އެވެ.

ސަސުއޯލޯ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ލޮކަޓެލީ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ލޮކަޓެލީގެ ސޮއި ހޯދަން އިނގިރޭސި އެހެން ކްލަބަކުން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ކާނެވާލީ ވަނީ ވިދާޅުވެފަ އެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލޮކަޓެލީ ހޯދަން ދެން މަސައްކަތްކުރާ އެ އިނގިރޭސި ކްލަބަކީ ޓޮޓެންހަމް އެވެ.

ޓޮޓެންހަމްގެ އާ ފުޓްބޯޅަ ޑިރެކްޓަރަކަށް ގެނައި އިޓަލީގެ ފަބިއޯ ޕަރަޓިޗީ އަކީ ކުރިން ގިނަ އަހަރުތަކެއް ވަންދެން ޔުވެންޓަސްގައި މަސައްކަތްކުރި ފަރާތެކެވެ. އޭނާ ވަނީ ޓޮޓެންހަމަށް އިޓަލީގެ ފެންވަރު ރަނގަޅު ކުޅުންތެރިއަކު ގެންނަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

ލޮކަޓެލީ އަކީ އިޓަލީގެ ގަދަބާރު އޭސީ މިލާނުގެ ޔޫތު އެކަޑަމީގެ އުފެއްދުމެކެވެ. އޭނާ އަށް މިލާނުގެ ސީނިއާ ޓީމުގެ ސްކޮޑުން ޖާގަ ދިނީ 2015 ސެޕްޓެމްބަރު މަހު ކޯޗު ސިނިސާ މިހަލޮވިޗެކެވެ. މިލާން ޓީމުން ގަވާއިދުން ޖާގަ ލިބުމުގައި ދަތިތަކެއް އޮންނާނެ ކަމަށް ބެލެވުމުން ލޮކަޓެލީ ލޯން އުސޫލުން ސަސުއޮލޯ އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. އެ ޓީމުގައި ލޯން އުސޫލުން އެއް ސީޒަން ހޭދަކުރުމަށް ފަހު އޭނާ ދާއިމީކޮށް ސައުސޮލޯ އަށް ބަދަލުވީ 2019 ވަނަ އަހަރުގެ ހޫނު މޫސުމުގަ އެވެ.