Advertisement

ސްޕޯޓްސް ކޯޕަރޭޝަންގެ އޮފީހާ ގުޅޭގޮތުން ސަރުކާރާ މަޝްވަރާކުރަނީ

29 ޖުލައި 2021 - 20:16 1

ސްޕޯޓްސް ކޯޕަރޭޝަންގެ ބައްދަލުވުމެއްގެ ތެރެއިން އެ ކުންފުނީގެ ޗެއާމަން ހުސެން.-- ފޮޓޯ: ސްޕޯޓްސް ކޯޕަރޭޝަން


ސްޕޯޓްސް ކޯޕަރޭޝަންގެ އޮފީހާ ގުޅޭގޮތުން ސަރުކާރާ މަޝްވަރާކުރަނީ

29 ޖުލައި 2021 - 20:16 1

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ އޮފީސް ހުސްކުރަން ދީފައިވާ މުއްދަތު ހަމަވާން ކައިރިވެފައިވާއިރު، އެ ކުންފުންޏަށް އޮފީހެއް ހަމަޖައްސައިދިނުމުގެ ކަންތައްތަކާ ބެހޭގޮތުން ސަރުކާރާ މަޝްވަރާކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

މިދިޔަ މެއި މަހު ކުރީކޮޅުގައި ޔޫތު މިނިސްޓްރީން ސްޕޯޓްސް ކޯޕަރޭޝަނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މި މަހުގެ ނިޔަލަށް ގަލޮޅު ދަނޑުގައި ހިންގަމުން އަންނަ ސްޕޯޓްސް ކޯޕަރޭޝަންގެ އޮފީސް ހުސްކުރުމަށެވެ.

މި ހަފްތާގެ ނިޔަލަށް ޔޫތު މިނިސްޓްރީން ސްޕޯޓްސް ކޯޕަރޭޝަނުގެ އޮފީސް ހުސްކުރަން ދިން މުއްދަތު ހަމަވާނެ އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސެއިން މުހައްމަދު (ވޮލީ ހުސެން)، މިއަދު "އަދަދު" އަށް ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާއާ އެކު އޮތް ކުންފުންޏެއް ކަމަށާއި އެހެންކަމުން މީގެ ހައްލުތަކެއް ހޯދުމުގައި ސަރުކާރާ މަޝްވަރާ ކުރަން ޖެހޭ ކަންތައްތަކުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.

"ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މި ކަހަލަ ކަންކަން ނިންމުމުގައި ސަރުކާރާ މަޝްވަރާ ކުރެވިގެން ގޮތްތަކެއް ހޯދުން އޮތީ. ސަރުކާރުގެ 100 ޕަސެންޓް ހިއްސާއާ އެކު ހިނގާ ކުންފުންޏެއްގެ މަސައްކަތް ހިންގާނެ ގޮތްތަކާއި މި ކަަހަލަ ކަންކަން ސަރުކާރުން ހަމަޖައްސައި ދެއްވާނެ ކަމަށް މި ގަބޫލުކުރަނީ،" ހުސެން ވިދާޅުވި އެވެ.

އޮފީސް ހުސްކުރަން އެންގުމުން ސްޕޯޓްސް ކޯޕަރޭޝަނުން ވަނީ ސަރުކާރާ އެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ގޮތްތަކެއް ހުށަހަޅައިފަ އެެވެ. އެނގިފައިވާ ގޮތުގައި ސްޕޯޓްސް ކޯޕަރޭޝަނުގެ ހުށަހެޅުންތަކުގެ ތެރޭގައި ހެންވޭރު ޔޫތު ސެންޓަރުގެ ގޮތުގައި ކުރިން ބޭނުންކުރި މުނިއުފާ ހުރި ބިން އެ ކޯޕަރޭޝަނަށް ދިނުން ނޫނީ އެހެން އޮފީހެއް ހަަމަޖައްސައިދިނުން ހިމެނެ އެވެ.

މީގެ ކުރިން ސްޕޯޓްސް މިނިސްޓްރީ އާއި ސްޕޯޓްސް ކޯޕަރޭޝަން މެދުގައި މުނިއުފާ ހުރި ބިން ސްޕޯޓްސް ކޯޕަރޭޝަނަށް ދިނުމަށް 2017 ވަނަ އަހަރު އެއްބަސްވުމެއް ޑްރާފްޓްކޮށް އެއް ފަރާތުން ސޮއި ވެސް ކުރި އެވެ. އެކަމަކު ފަހުން އެކަން ވެސް ކުރިއަށް ނުގޮސް ތަފާތު ހިޔާލުތަފާތުވުންތަކެއް އުފެދި ކަންކަން މަޑުޖެހުނީ އެވެ.

ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރާ ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.

ކުޅިވަރު ގާނޫނުން ސްޕޯޓްސް ކޯޕަރޭޝަނަށް ލާޒިމްކޮށްފައިވާ ކަންތައްތައް ފުރިހަމަކުރުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް ކޯޕަރޭޝަންގެ ދެމެދުގައި މަސްއޫލިއްޔަތު އަދާކުރުމުގައި ހުރި ފުށުއެރުންތަކުގެ ސަބަބުންނެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭނާ އެއްގޮތަށް ކުރިއަށްދާއިރު ސްޕޯޓްސް ކޯޕަރޭޝަނަކީ އުވާލަންޖެހޭ ތަނެއް ކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، ސަރުކާރުގެ ވިސްނުމަކީ ސްޕޯޓްސް ކޯޕަރޭޝަން އުވާނުލައި ކުރިއަށްދިއުންކަން އެނގިފައިވެ އެވެ.

ކުޅިވަރާ ބެހޭ ގާނޫނަށް ކުރީގެ ސްޕޯޓްސް މިނިސްޓަރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް، މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގެ ތެރެއިން ސްޕޯޓްސް ކޯޕަރޭޝަންގެ ދައުރު އިތުރަށް ފުޅާކޮށް ކުޅިވަރު ހިންގުމުގައި ހުރި ފުށުއެރުންތައް ނައްތާލުމަށް މަގުފަހިވެގެންދާ ގޮތަށް ގިނަ ބައިތަކެއް ހިމެނި އެވެ. އެ އިސްލާހާ ގުޅޭގޮތުން ކުޅިވަރާ ބެހޭ އެކި ފަރާތްތަކުގެ ހިޔާލު ހޯދުމާއި އިތުރަށް ދިރާސާކުރަން ވަނީ މަޖިލީހުގެ ކޮމިޓީ އަށް ފޮނުވައިފަ އެވެ.