Advertisement

ބްލެކްމެއިލް މައްސަލައެއްގައި ތާށިވެ ރޫނީ އަށް ޕްރެޝަރު

28 ޖުލައި 2021 - 18:16 0


ބްލެކްމެއިލް މައްސަލައެއްގައި ތާށިވެ ރޫނީ އަށް ޕްރެޝަރު

28 ޖުލައި 2021 - 18:16 0

ލަންޑަން (ޖުލައި 28) - މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ވޭން ރޫނީ ބަދުނާމުވާ ގޮތަށް ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވާ ފޮޓޯތަކުގެ މައްސަލަ ތެރޭގައި އުޅެނިކޮށް އެހެން އެކި ކަންކަމުގައި އޭނާ އަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި މިދިޔަ އާދިއްތަ ދުވަހު ލީކްކޮށްލި ފޮޓޯތަކުން ފެންނަ ގޮތުގައި މަސްތުގެ ހާލުގައި ނިނދިފައި ކަހަލަ ގޮތަކަށް ރޫނީ ހޮޓަލެއްގެ ކޮޓަރިއެއްގެ ތެރޭގައި ޒުވާން އަންހެނުންތަކަކާ އެކު ވަގުތުތަކެއް ހޭދަކުރާތަން ފެނެ އެވެ. މިއީ ރޫނީ އަށް އެނގިގެން ކޮށްފައިވާ ކަންތައްތަކެއް ނޫން ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ރޫނީގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.

އުމުރުން 35 އަަހަރުގެ ރޫނީގެ ގާނޫނީ ޓީމުން ވަނީ އެ މައްސަލަ އަކީ ބްލެކްމެއިލް ކުރުމާ ގުޅޭ ކަމެއް ކަމަށް ބުނެ، ޗެޝަޔާ ޕޮލިހަށް މައްސަލަ ހުށަހަޅައިފަ އެވެ.

ޗެޝަޔާ ޕޮލިހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލަ އިތުރަށް ކުރިއަށްގެންދެވޭނެ ހަމައެއް ނެތް ކަމަށާއި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ދެން އިތުރަށް މި ކަންތައްތަކުގައި ކުރިއަށް ނުދާނެކަން މިހާތަނަށް ފުލުހުން ކުރި މަސައްކަތްތަކުން ޔަގީންވެފައިވާ ކަމަށެވެ.

މީގެ އަށް މަހެއްހާ ދުވަސް ކުރިން ޑާބީގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވި ރޫނީ މިދިޔަ ސީޒަނުގައި ވަނީ އެ ޓީމު ރެލިގޭޓްވުމުން ސަލާމަތްކޮށްދީފަ އެވެ. ކުރިއަށް އޮތް ސީޒަނަކީ ރޫނީ ޑާބީއާ އެކު ނުކުންނާނެ ފުރަތަމަ ފުލް ސީޒަނެވެ. އެކަމަކު، ސޯޝަލް މީޑިއާގައި ލީކުވި ފޮޓޯތަކާއި ޑާބީގެ ޓްރެއިނިން ތެރެއިން ހިނގައިދިޔަ ކަންތައްތަކަކަށް ފަހު ޑާބީގެ ވަޒީފާ ރޫނީ އަށް ގެއްލުމުގެ ބިރު އެބައޮތެވެ.

މާލީ ގޮތުންނާއި އެޑްމިނިސްޓްރޭޝަންގައި ހުރި އެކި މައްސަލަތަކުގެ ސަބަބުން ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް މި ވަގުތު މައްސަލަތަކެއްގެ ތެރޭގައި އޮތް ޑާބީން މި ވަގުތު ސީނިއާ ކުޅުންތެރިންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ތިބީ ދެ ކީޕަރުން ހިމަނައިގެން ނުވަ ކުޅުންތެރިންނެވެ.

ދާދި ފަހުން ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ރޫނީ ޖެހި ނުރައްކާތެރި ޓެކަލެއްގެ ސަބަބުން ޑާބީގެ މިޑްފީލްޑަރު ޖޭސަން ނައިޓް ވަނީ ތިން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ. ޑާބީން އަންނަނީ އެ ކްލަބްގައި ހުރި މައްސަލަތައް ހައްލުކޮށް ކުޅުންތެރިން ޓީމަށް ގެނެވޭނެ ގޮތެއް ވޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޮންލައިންކޮށް ރޫނީގެ ފޮޓޯތައް ލީކްކޮށްލީ ތަކުރާރުކޮށް އޭނާ އަތުން ފައިސާ ހޯދަން ބްލެކްމެއިލް ކޮށްފަ އެވެ.

ރޫނީ، ބްލެކްމެއިލް ކުރުމުގެ މަސައްކަތްތައް ފެށުނީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރެއިންނެވެ. ރޫނީގެ ވަކީލް ބުނާގޮތުގައި އިތުރު ފޮޓޯތަކެއް ލީކްވުމުގެ ބިރު އެބައޮތް ކަމަށާއި ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގުކުރަން ޖެހޭނެ ކަމަށެވެ.