Advertisement

އެމްޑީޕީގެ ގަރާރަށް ރައީސް ސޯލިހު އަދިވެސް އެއްޗެއް ވިދާޅެއް ނުވޭ

28 ޖުލައި 2021 - 11:29 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް ސޯލިހު: އެމަނިކުފާނު މިވަގުތު އަމިއްލަ ދަތުރުފުޅެއްފައި ހުންނެވީ ޔޫއޭއީގައި -- ފޮޓޯ: ރައީސް އޮފީސް


އެމްޑީޕީގެ ގަރާރަށް ރައީސް ސޯލިހު އަދިވެސް އެއްޗެއް ވިދާޅެއް ނުވޭ

28 ޖުލައި 2021 - 11:29 1

ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރުމަށް ގޮވާލައި، ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ފަރާތުން ގަރާރެއް ފާސް ކުރިތާ ދެ ދުވަސްވީއިރު ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކަމާމެދު އެއްޗެއް ވިދާޅެއްނުވި އެވެ.

ރައީސް ސޯލިހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން މިހާތަނަށް ރައީސްގެ ބަހެއް ލިބިވަޑައިގަންފައިނުވާ ކަމަށެވެ. ރައީސް ސޯލިހު މިވަގުތު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީގަ އެވެ.

ރައީސް އިއްޔެ ރާއްޖެއިން ފުރާވަޑައިގެންނެވިއިރު، ދަތުރުފުޅުގެ ތާރީހު މި އިއްތިފާގު ވަނީ އެމަނިކުފާނުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހު އަވަހާރަވިތާ 40 ދުވަސް ފުރޭ ތާރީހާ އެވެ. ކޮއްކޯފުޅު އަވަހާރަވީ ދުބާއީގަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ގޮވާލާ ރައީސް ސޯލިހު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ފަރާތުން މިދިޔަ އަންގާރަ ދުވަހު ފާސް ކުރެއްވި ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ހުންނެވެން ނެތް ކަމަށް އިއުލާން ކުރެއްވިތާ 14 ދުވަސް ފަހުން ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރު ހަނި ގޮތަކަށް ފާސްވީ 142 މެމްބަރުން ހިމެނޭ އެމްޑީޕީ ގައުމީ މަޖިލިހުގެ އެންމެ 39 މެމްބަރުންގެ ވޯޓާއެކު އެވެ.

ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރުމަށް ގޮވާލާ ގަރާރު ނަޝީދު ހުށަހެޅުއްވީ އެމަނިކުފާނު އަވަހާރަކޮށްލަން މެއި 6، ގައި ބޮން ގޮއްވާލި ޖަމާއަތުގެ މީހުން ތިބީ އަމިއްލައަށް މަރުވެގެން ނަމަވެސް އެ ހަމަލާ ދިނުމަށް ތައްޔާރަށް ތިބި ކަމަށް ފުލުހުން ހޮނިހިރު ދުވަހު ބުނެފައި އޮއްވަ އެވެ.

ގަރާރު ހުށަހެޅުމަށް ބޭއްވި ގައުމީ މަޖިލިހަށް ރައީސް ސޯލިހުގެ ކެބިނެޓަށް ނިސްބަތްވެވަޑައިގަންނަވާ އެއްވެސް މެމްބަރަކު ވަޑައެއްނުގަންނަވަ އެވެ. އަދި ވަޑައިގެންނެވި ނަމަވެސް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ގަރާރަށް ވޯޓެއް ނުދެއްވަ އެވެ.

ގާނޫނު އަސާސީގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް "ޓެރަރިސްޓުން ހައްޔަރު ކުރުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ދިނުމަށް" ގޮވާލުމުގެ އިތުރުން ޓެރަރިޒަމާ ގުޅޭ ގޮތުން މި ހާލަތުގައި "ސަރުކާރުން އަމަލު ކުރަންވީ ގޮތް ކަމަށް އެމްޑީޕީ ދެކޭ ގޮތް" ހުށަހެޅުމަށް ވެސް ފާސް ކުރި ގަރާރުގައި ބުނެފައިވެ އެވެ.

ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ނަޝީދު އިއުލާން ކުރެއްވީ މި ހިނގަމުންދާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ވެރިކަން ހިންގާ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށް އޭގެ ކުރިން ވިދާޅުވުމަށްފަހު އެވެ.

ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު ހުރެވެން ނެތް ކަމަށް އިއުލާން ކުރެއްވުމަށްފަހު ނަޝީދު ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެ ޕާޓީއަކީ ހަރުކަށި ވިސްނުމަށް ތާއީދު ކުރާ ޕާޓީއެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

އޭގެ އިތުރުން، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއާއެކު ކޯލިޝަނެއް ހަދައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ކޯލިޝަނެއް ހަދަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ. ގެކޮޅުގައި މިވަގުތު ހުންނެވި ނަމަވެސް ކަޅު ފައިސާ ދޮވުމުގެ ކުށް ސާބިތުވެ ޔާމީން އަންނަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.