Advertisement

ނޭމާގެ މައްސަލަ ބާސެލޯނާ އިން ކޯޓުން ބޭރުގައި ހައްލުކޮށްފި

27 ޖުލައި 2021 - 09:18 0


ނޭމާގެ މައްސަލަ ބާސެލޯނާ އިން ކޯޓުން ބޭރުގައި ހައްލުކޮށްފި

27 ޖުލައި 2021 - 09:18 0

ބާސެލޯނާ (ޖުލައި 27) - ބާސެލޯނާއާ އެކު ބްރެޒިލްގެ ތަރި ނޭމާ ހެދި ކޮންޓްރެކްޓްގައިވާ ގޮތަށް ލޯޔަލްޓީ ބޯނަސް ނުދޭން އެ ޓީމުން ނިންމި މައްސަލަ އެންމެ ފަހުން ކޯޓުން ބޭރުގައި ހައްލުކޮށްފި އެވެ.

ބްރެޒިލްގެ ސަންޓޯސް ދޫކޮށް ޔޫރަޕަށް އައިސް ނޭމާ ވަނީ 2013 އިން 2017 އާ ހަމައަށް ބާސެލޯނާގައި ކާމިޔާބު އަހަރުތަކެއް ހޭދަކޮށްފަ އެވެ. ނޭމާ ވަނީ 2017 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. ޕީއެސްޖީން ނޭމާގެ ސޮއި ހޯދީ 222 މިިލިއަން ޔޫރޯ (261 މިލިއަން ޑޮލަރު) އަށެވެ.

ނޭމާ، ބާސެލޯނާއާ އެކު 2013 ވަނަ އަހަރު ސޮއިކުރި ފަސް އަަހަރުގެ ކޮންޓްރެކްޓްގައިވާ ގޮތުން އެ އެއްބަސްވުން އާ ކުރާނަމަ ލޯޔަލްޓީ ބޯނަހެއްގެ ގޮތުގައި 64.4 މިލިއަން ޔޫރޯ ދޭން އެއްބަސްވެފައިވެ އެވެ. ނޭމާ ޕީއެސްޖީ އަށް ދިއުމުގެ ކުރިން އެ ބޯނަހުގެ ތެރެއިން 20.75 މިލިއަން ޔޫރޯ ބާސެލޯނާ އިން ވަނީ ނޭމާ އަށް ދީފަ އެވެ. އެކަމަކު، އޭނާ ޕީއެސްޖީ އަށް ދިޔަ ފަހުން ބޯނަސް ދޭން ނުޖެހޭނެ ކަމަށް ބާސެލޯނާ އިން ވަނީ ނިންމައިފަ އެވެ.

މި މައްސަލަ ނޭމާގެ ފަރާތުން ކޯޓަށް ހުށަހެޅިއިރު، މިދިޔަ އަހަރު ސްޕެއިނުގެ ކޯޓަކުން ވަނީ ނޭމާ އުސޫލާ ހިލާފަށް ބާސެލޯނާ އަތުން ލޯޔަލްޓީ ބޯނަސް ހޯދަން ކުރާ މަސައްކަތުގައި ޖޫރިމަނާއެއްގެ ގޮތުގައި 6.8 މިލިއަން ޔޫރޯ ދައްކަން އަންގައިފަ އެވެ.

އެ އަށް ފަހު ނޭމާ ދެން ނިންމީ ބާސެލޯނާގައި އޭނާ ހޭދަކުރި ފަހު މަހަށްވާ ލޯޔަލްޓީ ބޯނަހެއްގެ ގޮތުގައި ތިން މިލިއަން ޔޫރޯ ހޯދާށެެވެ. އެ މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް ބާސެލޯނާ އިން ވަނީ ނޭމާ އަލުން ގަންނަން މަސައްކަތްކޮށްފަ އެވެ. އެކަމަކު، ޕީއެސްޖީން އެ ފަދަ ޑީލަކަށް އެއްބަހެއްނުވި އެވެ.

އިއްޔެ ބާސެލޯނާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޭމާ ކޯޓަށް ހުށަހަޅާފައިވާ މައްސަލަައިގައި އިތުރަށް ކުރިއަށްނުދާން ދެ ފަރާތުން މިހާރު އެއްބަސްވުމެއް ގާއިމްކޮށްފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން އެއްބަސްވީ ބަހާލައިގެން ނޭމާ އަށް ތިން މިލިއަން ޔޫރޯ ދައްކާ ގޮތަށް މައްސަލަ ނިންމާލުމަށެވެ.

މިދިޔަ މެއި މަހު ނޭމާ ވަނީ ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް 2025 ވަނަ އަހަރާ ހަމައަށް އާ ކޮށްފަ އެވެ. ބެލެވޭ ގޮތުގައި ނޭމާ ޕީއެސްޖީގެ ކޮންޓްރެކްޓް އާ ކުރި އެންމެ ބޮޑު ސަބަބަކީ އޭނާ އަލުން ގަނެވޭ ވަރުގެ އަގުބޮޑު ބިޑެއް ކުރެވޭނެ މާލީ ތަނަވަސްކަން މި ވަގުތު ބާސެލޯނާގެ ނެތުމުންނެވެ.