Advertisement

އޮލިމްޕިކްސް އިން ލިބުނު ތަޖުރިބާ އިން ނަބާގެ ކެރިއަރަށް ފައިދާ

27 ޖުލައި 2021 - 08:29 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ އަންހެން ބެޑްމިންޓަން ޓީމުގެ ތަރި ނަބާ.-- ފޮޓޯ: އޭއެފްޕީ


އޮލިމްޕިކްސް އިން ލިބުނު ތަޖުރިބާ އިން ނަބާގެ ކެރިއަރަށް ފައިދާ

27 ޖުލައި 2021 - 08:29 0

ޓޯކިޔޯ އޮލިމްޕިކްސްގައި ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް (ނަބާ) އަށް ލިބުނު ތަޖުރިބާގެ އެހީގައި ކެރިއަރުގައި އިތުރަށް ކުރިއަށްދާން ހިތްވަރު ލިބިފައިވާ ކަމަށް ބުނެފި އެވެ.

އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އަންހެން ކުޅުންތެރިޔާގެ ޝަރަފް ހޯދި ނަބާ ކުޅުނު ދެ މެޗުން ބަލިވި ނަމަވެސް މި ލެވަލަށް ބަލާއިރު، މިއީ ކޮންމެ މެޗަކީ ވެސް މުސްތަގުބަލަށް އެތައް ކަމެއް ދަސްކުރަން ލިބުނު ފުރުސަތެކެވެ.

ފުރަތަމަ މެޗުގައި ނަބާ ބަލިވީ ދުނިޔޭގެ ރޭންކިން ނުވަ ވަނައިގައި އޮތް ޗައިނާގެ ހީ ބިންގްޖިއާއޯ އަތުންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-06، 21-03 އިންނެވެ. އަދި އިއްޔެ ދުނިޔޭގެ ރޭންކިން 111 ވަނައިގައި އޮތް އީރާނުގެ ސޮރާޔާ އަގޭއި އަތުން ނަބާ ބަލިވީ ސީދާ ދެ ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-14 އާއި 21-07 އިންނެވެ.

ދުނިޔޭގެ ރޭންކިންގައި ނަބާ އޮތީ 252 ވަނައިގަ އެވެ. ނަބާ މި ފަހަރުގެ އޮލިމްޕިކްސްގައި ކުޅެފައި މި ވަނީ ރޭންކްގެ ގޮތުން އޭނާ އަށް ވުރެ މާ ކުރީގައި އޮތް ދެ ކުޅުންތެރިންނާ އެވެ. ނަބާ "އަދަދު" އަށް ބުނީ އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓްގައި ވާދަކުރި ފުރަތަމަ އަންހެން ކުޅުންތެރިޔާގެ ޝަރަފް ލިބުމަކީ ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

އޮލިމްޕިކްސްގެ މެޗުގެ ތެރެއިން ނަބާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ


"މި ތަނުގައި (އޮލިމްޕިކްސް)ގައި ކުޅެ އަދި ވަރަށް މޮަޅެތި އެތުލީޓުން ކުޅޭތަން ފެނުނީމަ އެބަ އެނގޭ ސްޕޯޓްސް ވިމަންއެއްގެ ގޮތުގައި ކުރިއަށްދާން އަހަރެން ރަނގަޅު ކުރަންޖެހޭ ކަންތައްތައް. ކޮންފިޑެންސާ އެކު ކުޅެ އެއް ފެންވަރެއްގައި ރަނގަޅު ކުޅުން ދެމެހެއްޓުން ވަރަށް މުހިއްމު،" މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ވެސް ލިބުނު ނަބާ ބުންޏެވެ.

"އޮލިމްޕިކްސްގައި ވާދަކުރެވުމަކީ ޝަރަފެއް. މި ފުރުސަތަކީ އަހަރެން މުސްތަގުބަލުގައި ރަނގަޅު އެތުލީޓަކަށްވާން ވެސް އެހީވާނެ ކަމެއް،"

މި އަހަރުގެ އޮލިމްޕިކްސްއާ ހަމައަށް ރާއްޖޭން އޮލިމްޕިކްސްގައި ވާދަކުރި ހަމައެކަނި ކުޅުންތެރިއަކީ 2012 ވަނަ އަހަރުގެ މުބާރާތުގައި ވާދަކުރި މުހައްމަދު އަޖުފާން އެވެ.

އަޖުފާނާއި ނަބާ އަށް ވެސް އޮލިމްޕިކުން ފުރުސަތު ލިބުނީ ޓްރައިޕާޓައިޓް ސްލޮޓެއްގަ އެވެ. މިއީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީީއޭއެމް) އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަދި އިންޓަނޭޝަނަލް ފެޑެރޭޝަންތައް ގުޅިގެން ކުރެވޭ މަސައްކަތާއި ކުޅުންތެރިޔާގެ އެހެނިހެން މުހިއްމު ރޭންކިންތަކާއި ބައިނަލްއަގުވާމީ މެޗުތަކުގެ ނަތީޖާ އަށް ބެލުމަށް ފަހު ލިބޭ ފުރުސަތެކެވެ.

ބެޑްމިންޓަން އިންޓަނޭޝަނަލް މުބާރާތަކުން ނަބާގެ އެންމެ ބޮޑު ކާމިޔާބީ އަކީ 2019 ވަަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ ޑަބަލްސް އިވެންޓުން ހޯދި ދެ ރަން މެޑަލް އެވެ. އެއީ ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަނުން ގަބޫލުކުރާ މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ދެ ރަން މެޑަލެވެ.