10 ޑިސެންބަރު 2023 - 13:40 0
ނަބާ އާއި ނަބީ ކަޒަކްސްތާން މުބާރާތުގެ މެޑަލްއާ އެކު ފޮޓޯ އަށް ހުއްޓިލައިގެން،
10 ޑިސެންބަރު 2023 - 13:40 0
އެސްޕެކްސް ކަޒަކްސްތާން އިންޓަނޭޝަނަލް ސީރީސްގެ އަންހެން ސިންގަލްސް ސެމީ ފައިނަލުން ރާއްޖޭގެ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ލޯ މެޑަލް ހޯދައިފި އެވެ.
ނަބާ އާއި ނަބީ އަށް ސިންގަލްސް ބައިން ލޯ މެޑަލް ލިބުނީ ސެމީ ފައިނަލަށް ދަތުރުކުރުމުންނެވެ.
ސެމީ ފައިނަލްގައި ނަބާ ވަނީ ފިލިޕީންސްގެ ޑި ގުޒްމާން މިކައެލާ ޖޯއާއާ ވާދަކޮށް 21-06، 21-06 އިން ބަލިވެފަ އެވެ. ނަބީ، ސެމީ ފައިނަލް މެޗުގައި ކުޅެން ޖެހުނީ އިންޑިއާގެ އަރުންދަތީ ނާގަރާޖާއާ އެވެ. ސެމީ މެޗުން އަރުންދަތީ ވަނީ 22-20، 21-14 އިން ނަބީ ބަލިކޮށްފަ އެވެ. އަންހެން ސިންގަލްސް ޗެމްޕިއަންކަން މިކައެލާ ހޯދީ ފައިނަލް މެޗު 21-13، 21-17 އިން ކާމިޔާބު ކޮށްގެންނެވެ.
ކަޒަކްސްތާންގެ މި މުބާރާތުން ނަބީ އާއި ނަބާ އަށް މި ލިބުނު މެޑަލާ އެކު، ރޭންކިންގައި ކުރިއަށް ޖެހިލަން ފުރުސަތު ފަހިވާނެ އެވެ.
ދާދި ފަހުން ބޮސްޓްވާނާ މުބާރާތުގައި ނަބާ އާއި ނަބީ ވަނީ ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ. އެކަމަކު، ކަޒަކްސްތާން މުބާރާތުގެ ޑަބަލްސް އިވެންޓުން ނަބާ އާއި ނަބީ ވަނީ ކުއާޓާ ފައިނަލުން ބަލިވެފަ އެވެ. ކަޒަކްސްތާންގެ ނާގިޒާ އާއި އައިޝާ ޒުމަބެކްގެ ޕެއާއާ ކުއާޓާ ފައިނަލުގައި ކުޅެގެން ނަބާ އާއި ނަބީގެ ޕެއާ ބަލިވީ ދެ ސެޓު އެއް ސެޓުންނެވެ. ނާގިޒާ އާއި އައިޝާ ޒުމަބެކްގެ ޕެއާ ފުރަތަމަ ސެޓު ގެންދިޔައީ 21-15 އިންނެވެ. ދެ ވަނަ ސެޓު، 20-22 އިން ގެންގޮސް، ނަބާ އާއި ނަބީގެ ޕެއާ އުންމީދެއް ހޯދި ނަމަވެސް، ނަތީޖާ ނެރެން ކުޅުނު ސެޓުން، 21-19 އިން ބަލިވީ އެވެ.
Comment