Advertisement

ނަބާ އާއި ނަބީ، ކަޒަކްސްތާން މުބާރާތުގެ ކުއާޓާ އަށް

7 ޑިސެންބަރު 2023 - 19:12 0

ރާއްޖޭގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް މުބާރާތެއްގައި ނަބާ އާއި ނަބީ.--- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު ފައިލް ފޮޓޯ


ނަބާ އާއި ނަބީ، ކަޒަކްސްތާން މުބާރާތުގެ ކުއާޓާ އަށް

7 ޑިސެންބަރު 2023 - 19:12 0

މިހާރު ކުރިއަށްދާ އެސްޕެކްސް ކަޒަކްސްތާން އިންޓަނޭޝަނަލް ސީރީސްގެ އަންހެން ސިންގަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ފުރުސަތު ހޯދައިފި އެވެ.

ރޭންކިންގެ ގޮތުން ނަބާ އާއި ނަބީ ވެސް ކަޒަކްސްތާން މުބާރާތުގެ ސިންގަލްސް ބައިގައި ވާދަކުރަން ޖެހިފައިވަނީ ދެ ވަނަ ބުރުން ފެށިގެންނެވެ.

ނަބީ ވަނީ ދެ ވަނަ ބުރުގައި ކުޅުނު މެޗުން ކަޒަކްސްތާންގެ ނާގިޒާ ރަހުމަތުލަޔޭވާ އަތުން ސީދާ ދެ ސެޓުން މޮޅުވެފަ އެވެ. ނަބީ ސެޓުތައް ގެންދިޔައީ 21-19، 21-14 އިންނެވެ. ކުއާޓާ ފައިނަލް މެޗުގައި މާދަމާ ނަބީ ކުޅެން ޖެހޭނީ އުޒްބެކިސްތާންގެ ސޯފިޔާ ޒާހިރޯވާއާ އެވެ.

އަންހެން ސިންގަލްސްގެ ކުއާޓާ ފައިނަލުން ނަބާ ފުރުސަތު ހޯދާފައިވަނީ ދެ ވަނަ ބުރުގެ މެޗުން މިއަދު ޑިއާނާ ގަރަމޯވާއާ ކުޅުނު މެޗުން ފަސޭހައިން މޮޅުވެގެންނެވެ. ނަބާ އެ މެޗުން މޮޅުވީ، 21-06، 21-04 އިން ސެޓުތައް ގެންގޮސްގެންނެވެ. ގަދަ އަށް ކުޅުންތެރިން ކުޅޭ ކުއާޓާ ފައިނަލުގައި ނަބާ ބައްދަލުކުރަން ޖެހެނީ ކަޒަކްސްތާންގެ ޖުމަދިލޯވާ ދިލްޔާރާއާ އެވެ.

ސިންގަލްސް ބައިގައި ޑްރޯ ނެގިފައިވާ ގޮތަށް ބަލާއިރު، ނަބާ އާއި ނަބީ ހުރިހާ މެޗަކުން މޮޅުވެއްޖެނަމަ ފައިނަލުގައި ބައްދަލުކުރާނެ އެވެ.

ކަޒަކްސްތާން މުބާރާތުގެ އަންހެން ޑަބަލްސްގައި ނަބާ އާއި ނަބީގެ ޕެއާ ވާދަކުރަނީ ވެސް ކުއާޓާ ފައިނަލުގަ އެވެ. ނަބާ އާއި ނަބީ އެއް ވަނަ އަށް ސީޑުކޮށްފައިވާއިރު، ކުއާޓާގައި ކުޅޭނީ ކަޒަކްސްތާންގެ ނާގިޒާ އާއި އައިޝާ ޒުމަބެކްގެ ޕެއާއާ އެވެ.

ދާދި ފަހުން ނަބާ އާއި ނަބީގެ ޕެއާ ވަނީ ބޮޓްސްވާނާ އިންޓަނޭޝަނަލް 2023 ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިން ރިހި މެޑަލް ހޯދައިފަ އެވެ. ކަޒަކްސްތާން މުބާރާތުގައި ވެސް ނަބާ އާއި ނަބީ އަށް ސިންގަލްސް އާއި ޑަބަލްސް އިވެންޓުން ވެސް މެޑަލްގެ އުންމީދު ބޮޑެވެ.