Advertisement

އަފްގާން ސިފައިންނަށް އެހީވާން އެމެރިކާގެ ވައިގެ ހަމަލާތައް ކުރިއަށް ގެންދާނެ

26 ޖުލައި 2021 - 11:52 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަފްގާނިސްތާން މީހަކު ތާލިބާން ދިދަ ހިފައިގެން.--


އަފްގާން ސިފައިންނަށް އެހީވާން އެމެރިކާގެ ވައިގެ ހަމަލާތައް ކުރިއަށް ގެންދާނެ

26 ޖުލައި 2021 - 11:52 0

ވޮޝިންޓަން، އެމެރިކާ (ޖުލައި 26) - އަފްގާނިސްތާނުގެ ސިފައިން ތާލިބާނުންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ސިފައިންނަށް އެހީވުމަށް އެމެރިކާގެ ވައިގެ ހަމަލާތައް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށް އެމެރިކާގެ އަސްކަރީ ޖެނެރަލަކު ބުނެފި އެވެ.

ތާލިބާނުންގެ ހަމަލާތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި އެ ގްރޫޕުން ވަނީ މުހިއްމު ބޯޑަރުތައް ހުރަސްކުރާ ސަރަހައްދުތަކާއި، ޑިސްޓްރިކްޓުތައް ހިފައި، އަދި ޕްރޮވިންސް ވެރިރަށްތަކާ ކައިރިއަށް ޖެހިފަ އެވެ.

ތާލިބާނުންގެ ހަމަލާތައް ވަރުގަދަ ކުރީ މިދިޔަ މޭ މަހު އެމެރިކާ އާއި ނޭޓޯގެ ފައުޖުތައް އަފްގާނިސްތާން ދޫކޮށް ދާން ފެށުމުންނެވެ. މި އަހަރުގެ ސެޕްޓެމްބަރު 11 ގެ ކުރިން ބޭރު ސިފައިން އެ ގައުމުން ފައިބާނެ އެވެ.

"ފާއިތުވި ދުވަސްތަކުގައި އެމެރިކާއިން ވާނީ އަފްގާން ސިފައިންނަށް އެހީވުމަށް ވައިގެ ހަމަލާތައް އިތުރުކޮށްފައި. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހަމަލާތައް އިތުރު ކުރަން ޖެހޭ ނަމަ އެކަން ކުރާނެ،" އެމެރިކާ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުގެ ވެރިޔާ ޖެނެރަލް ކެނެތު މެކެންޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަފްގާން ސަރުކާރަށް ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއް ނަމަވެސް ތާލިބާނުންނަށް ކުރި ލިބެން ގާތް ވެސް ނުވާ ކަމަށެވެ. ތާލިބާނުން މަސައްކަތް ކުރަނީ އެ މީހުން ބަލި ނުކުރެވޭނެ ކަމަށް ދައްކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަފްގާނިސްތާނުގެ ހަނގުރާމަ ވަރުގަދަވެފައި ވާއިރު، ދެކުނު ކަންދަހާރު ޕްރޮވިންސްގެ 22،000 އަށް ވުރެ ގިނަ އާއިލާ ވަނީ ގެތައް ދޫކޮށް އެހެން ތަންތަނަށް ބަދަލުވުމުގެ މަސައްކަތް މިދިޔަ މަހު ފަށައިފަ އެވެ. އާދީއްތަ ދުވަހު ވެސް ކަންދަހާރު ސިޓީ ވަށައިގެންވާ ހިސާބުތަކުގައި ހަނގުރާމަ ކުރި އެވެ.

ކަންދަހާރުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ގެދޮރު ދޫކޮށް ދިޔަ ކަމަށް ބެލެވޭ 154،000 އަށް ވުރެ ގިނަ މީހުންނަށް ވަގުތީ ގޮތުން ތިބެވޭނެ ހަތަރު ކޭމްޕު ޖަހައިފަ އެވެ.

ބައެއް މީހުން ބުނީ ދޫކޮށްފައި ދިޔަ ގެތަކުގައި މިހާރު އުޅެނީ ތާލިބާނުން ކަމަށެވެ. ގެދޮރު ދޫކޮށް ގޮސް އާއިލާތަކަށް އުޅެން ޖެހިފައި ވަނީ ފާހާނަ ކުރެވޭނެ ގޮތެއް ވެސް ނެތް ތަންތަނުގަ އެވެ.

ބައެއް އާއްމުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ހަނގުރާމަ ވަރުގަދަ ވާނެ ކަމަށް ބެލެވޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޖުމްލަ 650،000 ގެ އާބާދީއެއް އޮންނަ ކަންދަހާރަކީ ވެރިރަށް ކާބުލްއަށް ފަހު އަފްގާނިސްތާނުގައި ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ އެވެ.

އެ ތަނަކީ 1996 އިން 2001 އަށް ތާލިބާނުން އަފްގާނިސްތާނުގައި ވެރިކަން ކުރިއިރު އެ މީހުންގެ މައި މަރުކަޒެވެ. ތާލިބާނަށް ވެރިކަން ގެއްލުނީ ސެޕްޓެމްބަރު 11، 2001 ގައި އަލް ގައިދާއިން އެމެރިކާގައި ދިން ހަމަލާތަކަށް ފަހު، އެމެރިކާ ސިފައިން އަފްގާނިސްތާނަށް އެރުމުންނެވެ.

އޭރުން ފެށިގެން މިއަދާ ހަމައަށް ވެސް ތާލިބާނުން އަންނަނީ އަލުން ވެރިކަން ހޯދުމުގެ ބޭނުމުގައި ހަނގުރާމަ ކުރަމުންނެވެ. ބޭރުގެ ސިފައިންގެ 95 ޕަސެންޓު އަފްގާނިސްތާނުން ގޮސްފައި ވާއިރު، އެ ގައުމުގެ 400 ޑިސްޓްރިކްޓެއްގެ ކޮންޓްރޯލް މިހާރު އޮތީ ތާލިބާނުންގެ އަތުގަ އެވެ.