Advertisement

ބޮކަ ޖޫނިއާސް އާއި އެތުލެޓިކޯ މިނޭރޯގެ މާރާމާރީ މައްސަލަ އިތުރަށް ތަހުގީގު ކުރަނީ

22 ޖުލައި 2021 - 08:49 0


ބޮކަ ޖޫނިއާސް އާއި އެތުލެޓިކޯ މިނޭރޯގެ މާރާމާރީ މައްސަލަ އިތުރަށް ތަހުގީގު ކުރަނީ

22 ޖުލައި 2021 - 08:49 0

ބެލޯ ހޮރިޒޯންޓޭ، ބްރެޒިލް (ޖުލައި 22) - ދެކުނު އެމެރިކާގެ މަޝްހޫރު ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ ލިބެޓެޑޯރެސްގެ ގަދަ 16 ޓީމުގެ ބުރުގައި ބްރެޒިލްގެ އެތުލެޓިކޯ މިނޭރޯ އާއި އާޖެންޓީނާގެ ބޮކަ ޖޫނިއާސް ކުޅުނު މެޗަށް ފަހު ހިނގި މާރާމާރީތަކުގެ މައްސަލަ ބްރެޒިލް ފުލުހުން އިތުރަށް ތަހުގީގު ކުރަން ނިންމައިފި އެވެ.

ބޮކަ އާއި އެތުލެޓިކޯ ކުޅުނު ފުރަތަމަ ލެގުގެ މެޗު މިދިޔަ ހަފްތާގައި އާޖެންޓީނާގައި ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެ މެޗުގައި ބޮކަ އިން ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ބަލައިނުގަންނަން ނިންމައިފަ އެވެ.

އަދި މިދިޔަ އަންގާރަ ދުވަހުގެރޭ ބްރެޒިލްގައި ކުޅުނު ދެ ވަނަ ލެގުގެ މެޗުން ވެސް ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެ މެޗުގައި ވެސް ބޮކަ އިން ޖެހި ގޯލެއް ވަނީ ވީއޭއާރް އިން ބެލުމަށް ފަހު ބަލައިނުގަންނަން ނިންމައިފަ އެވެ. އެ މެޗުން ޕެނަލްޓީ ޖަހައިގެން 3-1 އިން ބޮކަ ބަލިވެ، މުބާރާތުން ކެޓީ އެވެ.

މެޗަށް ފަހު ސްޓޭޑިއަމްގެ ޓަނަލް ތެރޭގައި ބޮކާ ކުޅުންތެރިން ވަނީ ރެފްރީންނާ ކުރިމަތިލާން މަސައްކަތްކޮށްފަ އެވެ. އަދި ރެފްރީންނަށް ހިމާޔަތްދޭން އެތުލެޓިކޯގެ ކުޅުންތެރިން މަސައްކަތް ފެށުމާ އެކު މައްސަލަ އިތުރަށް ހޫނުވެ، އެތުލެޓިކޯގެ ޗޭންޖިން ރޫމުގެ ތެރެއަށް ބޮކަ ކުޅުންތެރިން ވަންނަން މަސައްކަތްކުރި އެވެ.

އެ ވަގުތު ދަނޑުގެ ޓަނަލް ތެރޭގައި ހުންނަ ދަގަނޑު ބެރިގޭޑްތަކާއި އަލިފާން ނިންވަން ގެންގުޅޭ ފުޅި ފަދަ ތަކެތި ބޭނުންކޮށްގެން ދެ ޓީމު މާރާމާރީ ހިންގި އެވެ. އަދި މައްސަލަ ހައްލުކުރަން އައި ބްރެޒިލްގެ ފުލުހުންނާއި ބޮކަގެ ބައެއް ކުޅުންތެރިން ކުރިމަތިލިއިރު، ހުރިހާ ކަމެއް ކޮންޓްރޯލް ކުރެވޭވަރުވީ ފުލުހުން ކަރުނަގޭސް ބޭނުންކުރި ހިސާބުންނެެވެ.

ބޮކަ އިން ތުހުމަތުކުރާ ގޮތުގައި ފުލުހުން އައިސް މައްސަލަ ހައްލުކުރުމުގެ ބަދަލުގައި ކަންކަން އިތުރަށް ގޯސްކުރީ އެވެ. އަދި އެކަން ވަރަށް ސާފުކޮށް ވީޑިއޯތަކުން ފެންނާނެ ކަމަށް ބޮކަ އިން މީޑިއާގައި ބުނެފައިވެ އެވެ.

މާރާމާރީގެ މައްސަލައިގައި ބޮކަގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ފުލުސް އޮފީހަށް ގެންގޮސް 12 ގަޑިއިރު ވަންދެން ވީޑިއޯތައް ދެއްކުމަށް ފަހު ސުވާލުކޮށް އެންމެ ފަހުން ވަނީ ބެއިލް ދެއްކުމުން ދޫކޮށްލައިފަ އެވެ. ބެއިލްއެއްގެ ގޮތުގައި ވަނީ 1700 ޑޮލަރު ދައްކައިފަ އެވެ.

ބްރެޒިލް ފުލުހުން އެ ގައުމުގެ މީޑިއާ އަށް ބުނީ މައްސަލަ އިތުރަށް ތަހުގީގުުކުރާނެ ކަމަށާއި ދަނޑުގެ ތަކެއްޗަށް ލިބިފައި ހުރި ގެއްލުންތަކާއި މާރާމާރީގެ އިތުރު ކަންކަން ކަމާބެހޭ ހާއްސަ ޓީމަކުން ދިރާސާކުރާނެ ކަމަށެވެ.

ފުލުހަށް ގެންގޮސް ސުވާލުކުރި ކުޅުންތެރިންގެ ތެރޭގައި ބޮކަ އަށް ކުޅޭ ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ސްޕޯޓިން ލިޒްބަން އިން ފެނުނު މާކޯސް ރޯހޯ ހިމެނެ އެވެ. އޭނާގެ އިތުރުން ދެން މި ކަމުގައި ފުލުހަށް ގެންގޮސް ސުވާލުކުރި ކުޅުންތެރިންގެ ތެރޭގައި ހަވިއޭ ގާސިއާ، ޑިއޭގޯ ގޮންޒާލޭޒް އަދި ކާލޯސް ޒަމްބްރާނޯ ހިމެނެ އެވެ.

ފުލުހަށް ބޮކަގެ އަށް ކުޅުންތެރިއަކާއި ތިން އޮފިޝަލަކު ގެންދިޔައިރު، އެ މީހުން ދޫކޮށްލުމާ އެކު ބޮކަގެ ކުޅުންތެރިން ވަނީ އެނބުރި ގައުމަށް ގޮސްފަ އެވެ.

މާރާމާރީގެ ތެރެއިން އެތުލެޓިކޯގެ ބައެއް ކުޅުންތެރިންނަށް ލިބުނު އަނިޔާގެ ވީޑިއޯތައް ބްރެޒިލް މީޑިއާގައި އަންނަނީ ދައުރުކުރަމުންނެވެ.

މީގެ ތިން އަހަރު ކުރިން 2018 ވަނަ އަހަރުގެ ކޮޕަ ލިބެޓެޑޯރެސް ފައިނަލުގައި ބޮކަ އާއި ރިވަ ޕްލޭޓް ކުޅުނުއިރު ވެސް ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފަ އެވެ. ދެ ލެގަށް އެ ފަހަރުގެ ފައިނަލް ކުޅުނުއިރު، ދެ ވަނަ ލެގު އާޖެންޓީނާގައި ނުކުޅެވިގެން އެ މެޗު ހޯސްޓްކުރީ ރެއާލް މެޑްރިޑްގެ ދަނޑު ސަންޓިއާގޯ ބާނަބެއުގަ އެވެ.