Advertisement

ވަޒަން ބޭރު ކުރަން އުޅުނު މީހާ ދޫކޮށްލައި ޑީޕޯޓް ކުރަނީ

21 ޖުލައި 2021 - 11:31 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އެއާޕޯޓުގައި މީހެއްގެ ދަބަހެއް ފާސް ކުރަނީ: ނެމީބިޔާ މީހާގެ މައްޗަށް ދައުވާ ނުއުފުލާ ސަބަބެއް ނުބުނެދޭ -- ފޮޓޯ: އޭއެސްސީ


ވަޒަން ބޭރު ކުރަން އުޅުނު މީހާ ދޫކޮށްލައި ޑީޕޯޓް ކުރަނީ

21 ޖުލައި 2021 - 11:31 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަޒަންތަކެއް ހިފައިން ރާއްޖެއިން ފުރުމަށް މަސައްކަތް ކުރި ނެމީބިޔާގެ މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައި ޑީޕޯޓް ކުރުމަށް ނިންމައިފި އެވެ.

އުމުރުން 60 އަހަރުގެ އެ މީހާގެ އަތުން ވަޒަން ފެނުނީ މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނެވެ. ވަޒަންތައް ފެނުނީ ފުރަން ދާ މީހުން ޗެކް ކުރުމުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށެވެ. އެ މީހާގެ އަތުން ފެނުނީ ކޮން ބާވަތެއްގެ، ކިހާ އަދަދެއްގެ ވަޒަންތަކެއްކަން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އެމީހާ ހަވާލުކޮށްފައި ވަނީ ފުލުހުންނާ އެވެ. ފުލުހުންގެ ބެލުމުގެ ދަށުން އެ މީހާ ކޯޓަށް ހާޒިރުކޮށް ތިން ދުވަހުގެ މުއްދަތައް ބަންދު ކުރި އެވެ. އެ މުއްދަ މި މަހުގެ 14 ވަނަ ދުވަހު ހަމަވުމުން އޭނާ ފުލުހުން ބަންދުން ދޫކޮށްލައި ޑީޕޯޓް ކުރުމަށްޓަކައި އިމިގްރޭޝަން ޑިޕާޓްމަންޓާ ވަނީ ހަވާލުކޮށްފަ އެވެ.

ނެމީބިޔާ މީހާގެ އަތުން ފެނުނު ވަޒަންތަކަކީ އޭނާ އެތެރެ ކުރި އެއްޗެހިކަން ނުވަތަ ނޫންކަން ކަމާބެހޭ އިދާރާތަކުން ކޯޓުގައި ބުނެފައެއް ނުވެ އެވެ. އަދި ރާއްޖޭގައި އޭނާ އުޅުނު މުއްދަތުގައި ވަޒަނެއް އިތުރު މީހަކަށް ދިންކަން ނުވަތަ ނޫންކަން ވެސް ކަށަވަރުވެފައެއް ނުވެ އެވެ.

ވަޒަނަކީ ރާއްޖޭއަށް އެތެރެ ކުރުން މަނާ އެއްޗެއްގެ އިތުރުން ރާއްޖޭގައި ގެންގުޅުން ވެސް މަނާ އެއްޗަކަށްވާއިރު އަދި މީގެ ކުރިން ވަޒަން ފެނިގެން ދިވެހިން ހައްޔަރުކޮށް ދައުވާ ވެސް އުފުލާފައިވާއިރު ނެމީބިޔާގެ މީހާގެ މައްޗަށް ދައުވާނުކޮށް ދޫކޮށްލަނީ ކީއްވެގެންކަން ފުލުހުން ނުބުނެ އެވެ.

މީގެ ކުރިން އެއާޕޯޓުން ފުރަން ދިޔަ ދިވެއްސެއްގެ އަތުން ބްލޭންކް ވަޒަނެއް ފެނިގެން އޭނާ ހައްޔަރުކޮށް ބޮޑު ޖިނާއީ ދައުވާއެއް ވަނީ އުފުލައިފަ އެވެ. ރ. އަލިފުށީ ފެހިގޭ އަހުމަދު އަފްލާހު 2008 ވަނަ އަހަރު އެއާޕޯޓަށް ފުރަން ދިޔައިރު އޭނާ އަތުން ވަޒަނެއް ފެނިގެން ދައުލަތުން އޭނާގެ މައްޗަށް އުފުލީ ހަނގުރާމަވެރި ހަތިޔާރު އަތުގައި ބެހެއްޓި ކަމުގެ ދައުވާ އެވެ.

އަފްލާހު ބުނެފައި ވަނީ އެ ވަޒަނަކީ ސިފައިންގެ ތަމްރީނުތަކެއް ކުރިއަށް ގެންދިޔަ ކ. ކުޑަވިލިނގިއްޔަށް ދިޔަ ދަތުރެއްގައި އެ ރަށުން ހޮވި އެއްޗެއް ކަމަށެވެ.

އޭގެ އިތުރުން 2016 ވަނަ އަހަރު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން ރ. ދުވާފަރުން، ސިފައިން ތަމްރީނުތަކުގައި ގެންގުޅޭ ބާވަތުގެ ވަޒަނެއް ފެނިގެން ހަތަރު މީހަކު ހައްޔަރު ކުރި އެވެ.