Advertisement

މިޔަންމާގެ ސޫ ކީއާ ގާތް މީހަކަށް ޖަލުގައި ކޮވިޑް ޖެހިގެން މަރުވެއްޖެ

20 ޖުލައި 2021 - 21:33 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ނިޔާން ވިންއަކީ ސޫކީގެ އަރިސް ބޭފުޅެއް.-- ފޮޓޯ: އޭއެފްޕީ


މިޔަންމާގެ ސޫ ކީއާ ގާތް މީހަކަށް ޖަލުގައި ކޮވިޑް ޖެހިގެން މަރުވެއްޖެ

20 ޖުލައި 2021 - 21:33 0

ޔަންގޯން، މިޔަންމާ (ޖުލައި 20) - އަސްކަރީ ބަގާވާތަކަށް ފަހު ބަންދުކޮށްފައި ހުރި މިޔަންމާގެ ލީޑަރު އަންގް ސަންގް ސޫ ކީއާ ގާތް ބޭފުޅަކަށް ޖަލުގައި ކޮވިޑް ޖެހިގެން މަރުވެއްޖެ އެވެ.

ނިޔާން ވިންއަކީ އުމުރުން 78 އަހަރުގެ ސޫކީގެ ނޭޝަނަލް ލީގް ފޯ ޑިމޮކްރެސީ (އެންއެލްޑީ) ޕާޓީގެ އިސް މެމްބަރެކެވެ. އޭނާ ވަނީ އެ ޕާޓީގެ ތަރުޖަމާނުކަން ވެސް ކޮށްފަ އެވެ.

ސޫ ކީ އާއެކު ވިން ހައްޔަރު ކުރީ ފެބްރުއަރީ އެއް ވަނަ ދުވަހުގެ އަސްކަރީ ބަގާވާތަށް ފަހު އެވެ. އޭނާ ހައްޔަރުކޮށްފައި ހުރީ ޔަންގޯންގައި ހުންނަ އިންސެއިން ޖަލުގައި ހަމަނުޖެހުން އުފައްދަން އުޅުނު ކަމުގެ ތުހުމަތަށެވެ.

"ޔޫ ނިޔާން ވިން އަށް ކޮވިޑްގެ އަލާމާތްތައް ދިމާވާން ފެށީ ޖުލައި 11 ގައި އަދި ފަރުވާއަށް ޔަންގޯން ހޮސްޕިޓަލަށް ބަދަލު ކުރެވުނު،" މިޔަންމާގެ އަސްކަރީ ސަރުކާރުގެ ތަރުޖަމާނު ޒޯ މިން ތުން ވިދާޅުވި އެވެ.

"އޭނާ މަރުވީ މިއަދު ހެނދުނު ނުވައެއް ޖެހިއިރު ހޮސްޕިޓަލުގައި".

ވިންއަކީ ކުރިން ވެސް ހަކުރު ބައްޔާއި ހައިޕަޓެންޝަން ފަދަ ބައެއް މައްސަލަތަކަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާ ވަނީ ސޫ ކީ ކުރިން ޖަލުގައި ހުންނެވިއިރު، ވަރަށް ބޮޑަށް އެހީވެފަ އެވެ.

އެގޮތުން ޑިމޮކްރެސީ ގެންނަން ކުރި މަސައްކަތުގައި ސޫ ކީ 15 އަހަރަށް ޖަލަށް ލާފައި ހުންނެވިއިރު، ބައްދަލުކުރުމުގެ ފުރުސަތު ލިބުނު ހަމައެކަނި މީހަކީ ވިން އެވެ. ސޫ ކީ ގެ މެސެޖުތައް މިޔަންމާއިން ބޭރަށް އެހެން ގައުމުތަކަށް ރައްދުކޮށްދެމުން ދިޔެއީ އޭނާ އެވެ.

ބަގާވާތަށް ފަހު ހަމަނުޖެހުން ބޮޑުވެފައިވާ މިޔަންމާގައި ކޮވިޑް ވެސް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. ހޮސްޕިޓަލްތަކަށް ބާރު ބޮޑުވެ، އޮކްސިޖަނާއި، ބޭސް އަދި ޑޮކްޓަރުންގެ ދަތިކަން ވެސް ދަނީ ދިމާވަމުންނެވެ.

ބަގާވާތަށް ފަހު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ހައްޔަރު ކުރާ މީހުންގެ އަދަދު ގިނަކަމުން މި ވަގުތު މިޔަންމާގެ ޖަލުތައް ވަނީ އެއްކޮށް ފުރިފަ އެވެ. އެހެންވެ ޖަލުތަކުގައި ހަލުވިކަމާއެކު ބަލި ފެތުރުމުގެ ބިރު އެބަ އޮތެވެ.

ސަރުކާރުން ބުނީ ޖަލުތަކުގައި ތިބި 375 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ތެރެއިން 200 އެއްހާ މީހުން ތިބީ ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައި ކަމަށެވެ.

މިދިޔަ މޭ މަހު މިޔަންމާ ދޫކޮށް ފުރަން މަސައްކަތް ކުރަނިކޮށް ހައްޔަރު ކުރި އެމެރިކާގެ ނޫސްވެރިޔާ ޑެނީ ފެންސްޓާ ބަންދުކޮށްފައި ވަނީ ބަލި ފެތުރެމުންދާ އިންސެއިން ޖަލުގަ އެވެ.

މިޔަންމާގެ ދައުލަތުގެ މީޑިއާއިން ބުނީ މިހާތަނަށް 1.6 މިލިއަން މީހުންނަށް ވެކްސިން ދީފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް އާބާދީގެ ދެ ޕަސެންޓެވެ.