Advertisement

ފޮނަދޫގެ އީދަށް ހާއްސަ ކުޅި ބޮނޑި: ކުޅި ބޯކިބަލަށް ދޫނުކުރޭ!

20 ޖުލައި 2021 - 12:30 2

ކުޅި ބޮނޑިތަކެއް ދުމަށީގައި-- ފޮޓޯ: އަދަދު


ފޮނަދޫގެ އީދަށް ހާއްސަ ކުޅި ބޮނޑި: ކުޅި ބޯކިބަލަށް ދޫނުކުރޭ!

20 ޖުލައި 2021 - 12:30 2

ފޮޓޯއިން އެ ފެންނަ ދަގަނޑު އަށީގައި (ދުމަށީގައި) އަތުރާފައި އެހުރީ ކޮން އެއްޗެއްކަން ނޭނގިދާނެ އެވެ. އެއީ ކޮންމެ އީދެއްގައި ލ. ފޮނަދޫގައި ތައްޔާރުކުރާ އީދަ ބޮނޑި ނުވަތަ ކުޅި ބޮނޑި އެވެ. ހަނޑޫ ކުޅި ބޯކިބަލަށް ދުލެއް ނުކުރެ އެވެ. ރަހަ އެހާ މީރެވެ.

ކޮންމެ ގެއެއްގައި ވެސް އީދު ދުވަހު ހެނދުގެ ސަޔަށް ދެ ވައްތަރުގެ ބޯކިބާ ހުއްޓަސް، ލ. ފޮނަދޫގައި ޒަމާނުއްސުރެ އީދަ ބޮނޑިއަކީ އީދުގެ ހާއްސަ ނާސްތާއެކެވެ. ތައްޔާރުކުރަން އުނދަގޫ ވިޔަސް، ރަހަ ނުލާހިކު މީރެވެ.

ފޮނަދޫގެ އިތުރުން ލ. އަތޮޅުގެ ބައެއް ރަށްރަށުގައި އަދި ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް މި ގޮތަށް ބޮނޑި ތައްޔާރުކުރެ އެވެ. ފޮނި ބޮނޑި ވެސް މިގޮތަށް ތައްޔާރުކުރެ އެވެ.

ކުޅި ބޮނޑި: ތައްޔާރުކުރަން ބުރަ، ރަހަ މީރު!


ކުޅި ބޮނޑި ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި

  • ފިޔާ
  • މިރުސް
  • ލޮނުމެދު
  • އިނގުރު
  • ހިކަނދިފަތް
  • ވަޅޯމަސް
  • ދެވިހަވާދު (ފުނޑާފައި)
  • ހުނި
  • ހަނޑޫ (މުގާރަފައި)
  • ލޮނު

ތައްޔާރުކުރާނެ ގޮތް

ފިޔާ، މިރުސް، ލޮނުމެދު، އިނގުރު އަދި ހިކަނދިފަތް މިކްސްޗަރުން މުގުރާލާށެވެ. އެއަށް ފަހު އެހެން ތަކެއްޗާއެކު އެއްކޮށްލާށެވެ. ރަނގަޅަށް ފުއްގަނޑު ތައްޔާރުކުރުމަށް ފަހު، މިލުވާފައި ހުރި ކެޔޮފަތަށް އަޅާފައި ބޮނޑިއެއް ބަންނާނީ އެވެ. ފެން ތާހެއްގައި، ބޮނޑިތައް 45 މިނެޓާއި 60 މިނެޓާ ދެމެދު ގަދަ ގިނީގައި ކައްކާށެވެ. ފެނުގައި ކެއްކުމަށް ފަހު، ބޮނޑިތައް ނަގައި ދުމަށީގައި އަތުރައި، ދުންދިލަ ޖައްސައިގެން ހިއްކާށެވެ. އަވަނުން ވެސް ހިއްކޭނެ އެވެ. ނަމަވެސް ދުމަށިން، ދިލަ ޖައްސައިގެން ފިހާ ބޮނޑި އާއި އަވަނުން ތައްޔާރުކުރާ ބޮނޑި ތަފާތެވެ.

މިހާރު އެ ހުރީ ކުޅި ބޮނޑި ތައްޔާރުކޮށް ނިމިފަ އެވެ. ދުރާލައި ތައްޔާރުކޮށް ބެހެއްޓުމަށް ފަހު، ކާން ބޭނުންވުމުން، އަލުން ހޫނުކޮށްލައިގެން ކެވޭނެ އެވެ. މިއީ ރަހަ މީރު ބޮނޑިއެކެވެ. އަޖުމަ ބަލާލާށެވެ.