Advertisement

މާރުކޭޓް ހޮޓަލާއެކު މަސްމާރުކޭޓްގެ ގިނަ ތަންތަން ހުސްކުރަން އަންގައިފި

20 ޖުލައި 2021 - 12:08 0

މާލޭ މަސް މާރުކޭޓް: މާރުކޭޓް ހޮޓަލާއެކު ގިނަ ތަންތަން ހުސްކުރަން ވަނީ އަންގައިފައި-- ފޮޓޯ: އަދަދު


މާރުކޭޓް ހޮޓަލާއެކު މަސްމާރުކޭޓްގެ ގިނަ ތަންތަން ހުސްކުރަން އަންގައިފި

20 ޖުލައި 2021 - 12:08 0

މަޝްހޫރު މާރުކޭޓް ހޮޓަލާއެކު، ރޯމަސް މާރުކޭޓްގުގެ ގިނަ ތަންތަން ހުސްކުރަން އަންގައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރޯމަސް މާރުކޭޓުގެ މަތީބުރިތަކުގައި ހުރި މީހުން ނިންދަވާތަންތަނާއި ފިހާރަ، ގުދަން ފަދަ ތަންތަން ހުސްކުރަން ނޯޓިސްދޭ ކަމަށެވެ.

އެ ނޯޓިސް ދިނީ އިއުލާންގައިވާ ގޮތުން މިދިޔަ ޖޫން މަހުގެ 30 ގައި ކުރި އިއުލާނުގައި ބުނެފައިވާ ގޮތަށް މާރުކޭޓްގައި ހިންގަމުންދާ ތަންތަނުގެ މައުލޫމާތާއި ލިޔުންތައް ހުށަނޭޅުމުންނެވެ.

ޖޫން 30ގެ އިއުލާނުގައި ބުނެފައިވަނީ މާރުކޭޓްގެ ފުރަތަމަ ބުރި އާއި ދެ ވަނަ ބުރީގައި ހުރި ތަންތަނާ ހަވާލުވެ ހިންގަމުންދާ ފަރާތްތަކުން ޖުލައި 10ގެ ކުރިން ސިޓީ ކައުންސިލަށް ހާޒިރުވެ މައުލޫމާތު ދިނުމަށާއި އެތަންތަނާބެހޭ ގޮތުން ލިބިފައިވާ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީއެއް ހުށަހެޅުމަށެވެ.

މާރުކޭޓް ހޮޓާ: އެތަން ވެސް ހުސްކުރަން ވަނީ އަންގައިފައި-- ފޮޓޯ: އަދަދު


ސިޓީ ކައުންސިލުން ބުނި ގޮތުގައި މި އިއުލާނާ އެއްގޮތަށް ރަސްމީ ލިޔުމެއް ހުށަހަޅާފައިވަނީ، މާރުކޭޓްގައި ވިޔަފާރިކުރާ ލިސްޓޯ ފިހާރައިން އެކަންޏެވެ.

"ވުމާއެކު، އެތަނުގައި ހުރި "ލިސްޓޯ" ފިހާރަ ފިޔަވައި އެހެނިހެން ހުރިހާ ތަނަކަށް މުދަލާއި ތަކެތި ވައްދާފައިވާ ފަރާތްތަކުން، އެފަރާތަކުން އެތަނަކަށް ވައްދާފައިވާ މުދަލާއި ތަކެތި، ލަސްވެގެން 28 ޖުލައި 2021 ގެ ކުރިން، އެތަންތަނުން ނެރެ އެތަކެތި ގެންގޮސް، އެތަންތަން ހުސްކުރުމަށް އެންގީމެވެ،" އިއުލާނުގައިވެ އެވެ.

ރޯމަސް މާރުކޭޓް މަތީގައި ހިންގާ ފިހާރަތައް: އެންމެ ފިހާރައެއް ފިޔަވާ އެހެން ތަންތަން ހުސްކުރަން ވަނީ އަންގައިފައި-- ފޮޓޯ: އަދަދު


މި މުއްދަތުގެ ތެރޭގައި ހުސް ނުކޮށް ހުންނަ ތަންތަނުގައި ހުންނަ ތަކެއްޗާ މެދު ގޮތް ނިންމާނީ ސިޓީ ކައުންސިލުން ކަމަށާއި ހުސްނުކޮށް ހުރެގެން މުދަލަށް ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މާރުކޭޓް ހޮޓާ ހިންގަވަނީ، ސައި ހޮޓާ އާއި ކޭޓަރިންގެ ވިޔަފާރީގައި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ތައުފީގު (ސައުތު ތައުފީގު) އެވެ. މާރުކޭޓްގައި ފުރަތަމަ ބުރީގައި ލިސްޓޯ ފިހާރަ އާއި މާރުކޭޓް ހޮޓާގެ އިތުރުން މިހާރު ހިންގަނީ ބްރަދަހުޑް ފިހާރައެވެ. ދެ ވަނަ ބުރީގައި ހުންނަނީ މީހުން ނިންދަވާ ތަންތަނެވެ.