Advertisement

ހަގީގަތާ ހިލާފު ވާހަކައެއް ފެތުރުމުން ވެން ޑައިކް އިނގިރޭސި ނޫހަކަށް ފާޑުކިޔައިފި

19 ޖުލައި 2021 - 09:58 0


ހަގީގަތާ ހިލާފު ވާހަކައެއް ފެތުރުމުން ވެން ޑައިކް އިނގިރޭސި ނޫހަކަށް ފާޑުކިޔައިފި

19 ޖުލައި 2021 - 09:58 0

އަމްސްޓެޑަމް (ޖުލައި 19) - ހުސްވެފައިވާ ނެދަލެންޑްސްގެ ކޯޗުގެ މަގާމަށް ލުއީ ވެން ހާލް ހަމަޖައްސަން ކުރާ މަސައްކަތަށް އެ ޓީމުގެ ކެޕްޓަން އަދި ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ހުރަސްއަޅާ ކަމަށް ދެކެވެނީ ހަގީގަތާ ހިލާފުވާހަކައެއް ކަމަށް ބުނެ، އޭނާ އިނގިރޭސި މީޑިއާއެއް ކަމަށްވާ "މިރާ" އަށް ފާޑުކިޔައިފި އެވެ.

ނެދަލެންޑްސްގެ ކޯޗުގެ މަގާމު ހުސްވީ މި މަހު ނިމުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނާކާމިޔާބީ އަށް ފަހު ނެދަލެންޑްސްގެ ކޯޗަކަށް ހުރި ފްރޭންކް ޑި ބޮއާ މަގާމު ދޫކޮށްލަން ނިންމުމުންނެވެ. ޑި ބޮއާ މަގާމުން ވަކިވުމުން ނެދަލެންޑްސް އިން އާ ކޯޗެއް ހޯދަން މަސައްކަތް ފެށިއިރު، އެންމެ ބޮޑަށް ދެކެވުނީ ވެން ހާލް ގައުމީ ޓީމަށް އެނބުރި އަންނަ ވާހަކަ އެވެ.

ވެން ހާލް ވަނީ ދެ ފަހަރެއްގެ މަތިން ނެދަލެންޑްސް ގައުމީ ޓީމަށް ކޯޗުކޮށްދީފަ އެވެ. އެއީ 2000 އިން 2002 އަށާއި 2012 އިން 2014 އަށެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން 2016 ވަނަ އަހަރު ވަކިވި ފަހުން ޓީމަކާ ހަވާލުވެގެން ވެން ހާލް ކޯޗިންގެ މަސައްކަތެއް ނުކުރެ އެވެ. އެކަމަކު ފްރީލާންސްކޮށް އޭނާ ބައެއް ޓީމުތަކަށް ކޯޗިން ސެޝަން ނަގައިދީފައިވެ އެވެ.

މީގެ ދެ ދުވަސް ކުރިން އިނގިރޭސި ނޫހެއް ކަމަށްވާ މިރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނެދަލެންޑްސްގެ ސީނިއާ ކުޅުންތެރިންތަކެއް އަންނަނީ ވެން ހާލް ނަދެލެންޑްސް ކޯޗަކަށް ނުގެންނަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ޕްރެޝަރު ކުރަމުންނެވެ. މިކަން ލީޑުކުރަނީ ވެން ޑައިކްގެ އިތުރުން މި ފަަހަރު ޔޫރޯގައި ނެދަލެންޑްސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޖިނީ ވައިނަލްޑަމް ކަމަށް ވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.

"މިއީ މުޅިން ދޮގު ވާހަކައެއް. ނޫސްވެރިންނަށް އެންމެ މުހިއްމު ކަމަކަށްވާން ޖެހޭނީ ހަގީގަތް ހާމަކުރުން. ވާހަކަ އުފެއްދުމެއް ނޫން. ލަދުގަންނަން ޖެހޭ،" މިރާ ނޫހުގެ ނޫސްވެރިޔާ މުލޮކް ޓެގްކޮށް ވެން ޑައިކް ކުރި ޓްވީޓެއްގައިވެ އެވެ.

އެ ރިޕޯޓްގައިވާގޮތުން ވެން ޑައިކާއި ނެދަލެންޑްސް ސީނިއާ ކުޅުންތެރިން ބޭނުންވަނީ އެ ޓީމުގެ ކޯޗަކަށް ހެންކް ޓެން ކާޓޭ ގެންނާށެވެ.

ހެންކް ޓެން ކާޓޭ ވަނީ ބާސެލޯނާ އާއި ޗެލްސީގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. ބާސެލޯނާގައި މަސައްކަތްކުރީ ފްރޭންކް ރައިކާޑާ އެކު އެވެ. އަދި ޗެލްސީގައި ހުރީ އަވްރަމް ގްރާންޓްގެ އެސިސްޓަންޓް އަކަށެވެ.

އަނިޔާގެ ސަބަބުން ވެން ޑައިކް ހުރީ މިދިޔަ ނުވަ މަހެއްހާ ދުވަހު ކުޅުމާ ދުރުގަ އެވެ. ވެން ޑައިކް ކަކުލުގެ ލިގަމެންޓަށް ސީރިއަސް އަނިޔާއެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގަ އެވެ. ޔޫރޯގައި ނުކުޅެން ވެން ޑައިކް ނިންމީ ރިކަވަރީ އަށް އެކަށީގެންވާ ވަގުތެއް ދިނުމުގެ ގޮތުންނެވެ.