Advertisement

ރައީސްގެ ކޯލެއް ޗައިނާގެ ރައީސަށް: "ގުޅުން އަލުން ބަދަހިވާނެ"

16 ޖުލައި 2021 - 15:05 1

ނާޒިމް ހަސަން

ނާޒިމް ހަސަން

ރައީސް ސޯލިހާއި ޗައިނާގެ ރައީސް: ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރެއްވި --


ރައީސްގެ ކޯލެއް ޗައިނާގެ ރައީސަށް: "ގުޅުން އަލުން ބަދަހިވާނެ"

16 ޖުލައި 2021 - 15:05 1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޯނުން ގުޅުއްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި، ރާއްޖެ އާއި ޗައިނާގެ ގުޅުމަށް އިތުރު ކުރިއެރުމެއް އެމަނިކުފާނާއި ޗައިނާގެ ރައީސްއާއެކު ކުރެވުނު ފޯނު ކޯލްގެ ސަބަބުން އަންނާނެ ކަމަށް ގަބޫލުކުރައްވަ އެވެ.

"ރާއްޖެއަށް ދެއްވާ ސަޕޯޓަށް ޗައިނާގެ ރައީސްއަށް ޝުކުރު އަދާކުރިން، އަދި ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ފުޅާ ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރިން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ޗައިނާގެ ރައީސްއާ މިއަދު މަޝްވަރާ ކުރައްވާފައިވާއިރު އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޗައިނާއާއެކު ހާއްސަ ގުޅުމެއް ނޯވެ އެވެ. ޗައިނާގެ ރައީސް މިހާތަނަށް ރައީސް ސޯލިހާ ބައްދަލުކުރައްވާފައެއް ވެސް ނުވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޗައިނާއާއެކު ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި އެވެ. އެގޮތުން، ޗައިނާއިން ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ހިންގާފައިވާއިރު މާލެ އާއި ހުޅުލޭ ބްރިޖު ވެސް ޗައިނާގެ އެހީއާއެކު ވަނީ އަޅާފަ އެވެ.

ޗައިނާގެ ރައީސް، ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ވެސް ވަޑައިގެންނެވި އެވެ.

ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އެންމެ ބޮޑަށް ދެއްކި ވާހަކައަކީ ޗައިނާގެ ދަރަނީގެ ދަންތުރައެއްގެ ތެރެއަށް ރާއްޖެ ވައްޓާލަމުންދާ ކަމެވެ. އެމްޑީޕީ އިސްކޮށް އޮތް ކޯލިޝަނަށް ވެރިކަން ލިބުމަށްފަހު ވެސް ޗައިނާގެ ލޯނުތަކަށް ފާޑުކިޔުން އަމާޒުކުރަމުން ދިޔަ އެވެ.

ހާއްސަކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އިންޑިއާއަށް ތައުރީފު ކުރައްވަމުން ޗައިނާއަށް ފާޑުވިދާޅުވަމުން ގެންދެވި އެވެ. އޭގެ ސަބަބަކަށް ވެގެން ދިޔައީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އަސަރުކުރުމެވެ.

ނަމަވެސް، ކޮވިޑާ ގުޅިގެން ވެސް ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނެވެ. އެގޮތުން ބައެއް ލޯނުތައް ފަސްކޮށްދިނުމާއި ކޮވިޑް ވެކްސިން ރާއްޖެއަށް ހަދިޔާކުރުން ހިމެނެ އެވެ.

ރައީސް ސޯލިހުގެ ސަރުކާރުން އެންމެ އިސްކަމެއް ދެނީ އިންޑިއާއާއެކު އޮތް ގުޅުން ބަދަހިކުރުމަށެވެ. އެގޮތުން އިންޑިއާއިން ގިނަ ލޯނުތަކެއް ނެގުމާއި އެހީ ހޯދުން ވަނީ އާންމުވެފަ އެވެ.

މީގެ ދެ ދުވަސް ކުރިން ރައީސް ސޯލިހު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވެސް ފޯނުން ގުޅުއްވައި މަޝްވަރާތަކެއް ކުރައްވާފަ އެވެ. އިންޑިއާއިން އަންނަނީ ރާއްޖޭގެ ބޮޑެތި މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރުވަމުންނެވެ.

އެގޮތުން މާލެ އާއި ތިލަފުށި ގުޅާލައި ބްރިޖާއި ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު ފާހަގަކޮށްލެވެ އެވެ.