Advertisement

އިންޑޮނީޝިއާ؛ އޭޝިއާގައި ކޮވިޑުގެ އާ އެޕިސެންޓަރު

15 ޖުލައި 2021 - 08:38 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑޮނީޝިއާގެ ހޮސްޕިޓަލްތައް ވެސް މިހާރު ވަނީ ފުރިފައި.-- ފޮޓޯ: އޭއެފްޕީ


އިންޑޮނީޝިއާ؛ އޭޝިއާގައި ކޮވިޑުގެ އާ އެޕިސެންޓަރު

15 ޖުލައި 2021 - 08:38 0

ޖަކާޓާ، އިންޑޮނީޝިއާ (ޖުލައި 14) - ހަލުވިކަމާއެކު ފެތުރޭ ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިންޑޮނީޝިއާގައި ބުދަ ދުވަހު ރިކޯޑް އަދަދަކަށް 54،000 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެއާއެކު އިންޑިއާއަށް ފަހު އޭޝިއާގައި މި ބަލީގެ އެޕިސެންޓަރު ނުވަތަ މައި މަރުކަޒުގެ ގޮތުގައި މި ވަގުތު އޮތީ އިންޑޮނީޝިއާ އެވެ. އިންޑޮނީޝިއާއަށް މިހާރު ދިމާވެފައި ވަނީ މިދިޔަ އޭޕްރިލް އަދި މޭ މަހު އިންޑިއާއަށް ދިމާވެފައި އޮތް ފަދަ ހާލަތެކެވެ.

އެގޮތުން ހޮސްޕިޓަލްތައް ފުރި، އޮކްސިޖަނަށް ޖެހިފައި ވާއިރު ގިނަ ބަޔަކު މަރުވަމުން ދަނީ ފަރުވާ ލިބޭނެ އިރެއްގެ އިންތިޒާރުގައި ތިއްބަ އެވެ. ބުދަ ދުވަހު ރިކޯޑް އަދަދަކަށް 54،517 ކޭސް ފެނުނުއިރު، 991 މީހުން މަރުވި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ފަހަކަށް އައިސް ކޮވިޑުގައި މީހުން މަރުވާ ރޭޓް ވަނީ ޖޫން މަހާ އަޅާ ބަލާއިރު 10 ގުނަ އިތުރުވެފަ އެވެ.

"ބަލިމަޑުކަމުގެ އެޕިސެންޓަރަކީ އިންޑޮނީޝިއާ ކަމަށް ވެދާނެ. މިހާރު ވެސް އެއީ އޭޝިއާގައި މި ބަލީގެ އެޕިސެންޓަރު،" އޮސްޓްރޭލިއާގެ ގްރިފިތް ޔުނިވާސިޓީގައި ހުންނަ އިންޑޮނީޝިއާގެ އެޕިޑެމިއޮލޮޖިސްް ޑިކީ ބުޑިމެން ވިދާޅުވި އެވެ.

"އިންޑިއާ އާއި އިންޑޮނީޝިއާގެ އާބާދީގެ ތަފާތަށް ބަލައިފި ނަމަ... އިންޑޮނީޝިއާގެ ހާލަތު އިންޑިއާގައި އޮތް ވަރަށް ވުރެ މާ ބޮޑަށް ވެސް ސީރިއަސް،"

އިންޑިއާގެ އާބާދީއަކީ އެއް ބިލިއަނަށް ވުރެ ގިނަ މީހުންނަށް ވާއިރު، އިންޑޮނީޝިއާގެ އާބާދީއަކީ އޭގެ ފަސް ގުނަ މަދުކޮށް 270 މިލިއަން މީހުންނެވެ. އެހެންކަމުން އިންޑޮނީޝިއާގައި ކޮންމެ މިލިއަން މީހެއްގެ ތެރެއިން 141 ކޭސް ފެންނަމުން ދާއިރު، އިންޑިއާއިން ފެންނަމުން ދިޔެއީ ކޮންމެ މިލިއަން މީހެއްގެ ތެރެއިން އެންމެ 29 ކޭސް އެވެ.

މާ ބޮޑަށް ހާލަތު ގޯސްވާތީ އިންޑޮނީޝިއާއިން މިހާރު ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. އެގޮތުން ދުނިޔޭގެ ހަތަރު ވަނައަށް އެންމެ އާބާދީ ބޮޑު ގައުމުން ވަނީ ޝޮޕިން މޯލްތަކާއި، ރެސްޓޯރެންޓުތަކާއި އޮފީސްތައް ވެރިރަށް ޖަކާޓާގައި ބަންދުކޮށްފަ އެވެ.

އޭގެ އިތުރުން ޖާވާ އާއި ބާލީގައި ވެސް އެ ފިޔަވަޅުތައް އަޅަން ނިންމިއިރު، އެހެން ހިސާބުތަކުގައި ވަނީ އެއަށްވުރެ ތަންކޮޅެއް ލުއި ފިޔަވަޅުތައް ތަންފީޒު ކުރަން ނިންމާފަ އެވެ. މިހާރު އޮތް ބިރުވެރިކަމަކީ އީދާ ދިމާކޮށް އިތުރަށް ބަލި ފެތުރުމުގެ ބިރެވެ.