13 ޖުލައި 2021 - 10:21 0
13 ޖުލައި 2021 - 10:21 0
އަސުންސިއޯން، ޕެރަގުއޭ (ޖުލައި 13) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަނުންނާއި ކޮޕަ އެމެރިކާގެ ޗެމްޕިއަނުން ވާދަކުރާ ސުޕަ ކަޕް މެޗު އަލުން ފަށަން ޔުއެފާ އާއި ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާ، ކޮންމެބޯލް އިން މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މީގެ ކުރިން ވެސް ވަނީ ދެ ފަހަރެއްގެ މަތިން މި މެޗު ކުޅެފަ އެވެ. އެއީ 1985 އާއި 1993 ވަނަ އަހަރު އެވެ. ކާރު އެކްސިޑެންޓެއްގައި މަރުވި ޔުއެފާގެ ކުރީގެ ރައީސް އިޓަލީގެ އާޓެމިއޯ ފްރާންޗީގެ ނަމުން ނަން ދީގެން އޭރު ކުޅުނު މި މެޗުގައި ފުރަތަމަ ފަހަރަށް 1983 ގައި ވާދަކުރީ އުރުގުއޭ އާއި ފްރާންސް އެވެ. އެ މެޗުން ފްރާންސް މޮޅުވިއިރު، ދެ ވަނަ ފަހަރަށް 1993 ވަނަ އަހަރު ކުޅުނު މެޗުގައި އާޖެންޓީނާ ވަނީ ޑެންމާކް ބަލިކޮށްފަ އެވެ.
އޭގެ ފަހުން އެ މެޗު ނުކުޅުނު އެންމެ ބޮޑު ސަބަބަކީ ފީފާ އިން އިސްވެ ހުރިހާ ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކޮންފެޑެރޭޝަން ކަޕެއް ބާއްވަން މަޝްވަރާތައް ފެށި ހިސާބުންނެެވެ. ފީފާ އިން ވަނީ 2001 އިން 2017 އާ ހަމައަށް ކޮންފެޑެރޭޝަން ކަޕްތަކެއް ބާއްވައިފަ އެވެ. އެއީ ކޮންމެ ފަހަރަކު ވޯލްޑް ކަޕް ބޭއްވުމުގެ އެއް އަހަރު ކުރިންނެވެ.
ކްލަބް ވޯލްޑް ކަޕް ފުޅާކޮށް ކުރިއަށްގެންދަން ބޭނުންވާތީ ފީފާ އިން ވަނީ ކޮންފެޑެރޭޝަން ކަޕް ހުއްޓާލައިފަ އެވެ.
އެހެންވެ، ޔުއެފާ އާއި ކޮންމެބޯލް އިން މިހާރު ނިންމާފައިވަނީ އެ ދެ ބައްރުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ސުޕަ ކަޕް މެޗު އަލުން ކުޅެވޭތޯ މަސައްކަތް ފެށުމަށެވެ. އަދި އެކަން ކުރިއަށްގެންދާނީ ފީފާގެ ބައިވެރިވުން ވެސް ހިމެނޭ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މި މެޗަށް ކިޔާނެ ނަމެއް އަދި ފައިނަލެއް ނުވެ އެވެ.
އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފާއިތުވި ދުވަސްތަކުގައި ޔުއެފާ އާއި ކޮންމެބޯލް އިން ވަނީ ސުޕަ ކަޕް މެޗާ ގުޅޭ ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ.
މި މެޗާ ބެހޭގޮތުން މިހާތަނަށް ދެކެވުނު ވާހަކަތަކަށް ބަލާއިރު، މަޝްވަރާކުރެވިފައި އޮތީ މި ފަހަރުގެ ކޮޕަ އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ އާއި ޔޫރޯގެ ޗެމްޕިއަން ބައްދަލުކުރާ މެޗު އަންނަ އަހަރުގެ ޖޫން މަހަށް ތާވަލުކުރުމަށެެވެ. އެހާތަނަށް ކަންތައްތައް ހަމަނުޖެހިއްޖެނަމަ 2024 ވަނަ އަހަރުގެ ކޮޕަ އެމެރިކާ އާއި ޔޫރޯގެ ޗެމްޕިއަނުންނާ އެކު 2025 ވަނަ އަހަރު މެޗެއް ކުޅުމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment